ޔުއެފާ ޗެމްޕިއަންސް ލީގް ސެމީފައިނަލް ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ މެންޗެސްޓަރ ސިޓީއާ 1-1 އިން އެއްވަރުވުމުން ރެއާލް މެޑްރިޑުގެ ކޯޗް ކާލޯ އަންޗެލޮއްޓީ މެޗުގެ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑު ކިޔައިފިއެވެ.

މެޗް ފަށައިގެން ސިޓީއިން މެޗް ކޮންޓްރޯލްކޮށް ކުޅެމުން ދަނިކޮށް ރެއާލް މެޑްރިޑުން ލީޑް ނެގީ 36 ވަނަ މިނެޓުގައި ބްރެޒިލްގެ ވިންގަރ ވިނީޝިއަސް ޖޫނިއަރ ކާމިޔާބު ކުރި ހިތްގައިމު ލަނޑަކުންނެވެ. ވިނީޝިއަސް މިލަނޑު ޖެހީ ސިޓީގެ އޭރިޔާގެ ބޭރުންންނެވެ. މިލަނޑުގައި އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރެއާލްގެ ވާތު ބެކް ފްރާންސްގެ އެޑުއާޑޯ ކަމަވިންގާއަށެވެ. ރެއާލްގެ މެދަށްވުރެވެސް ފަހަތުން ކަމަވިންގާ ހިފައިގެން އައި ބޯޅަ ވިނީޝިއަސްއަށް ދިނީ ސިޓީގެ އޭރިޔާއާ ދާދި ކައިރިއަށް ދިޔުމަށްފަހުއެވެ.

މިލަނޑުގެ ކުރިން ސިޓީގެ ކެވިން ޑިބްރޭނާ އާއި ރޮޑްރީގޯ ފޮނުވާލި ނުރައްކާތެރި ދެހަމަލާ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ދިފާއު ކުރިއެވެ.

މިލަނޑަށްފަހު ރެއާލްއިން މެޗުގެ ކޮންޓްރޯލް ނަގައި ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލިއެވެ. އެކަމަކު އިތުރު ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. ދެވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރުމަށް ސިޓީއިން ކުރި މަސައްކަތް ކާމިޔާބުވީ 67 ވަނަ މިނެޓުގައި ރެއާލްގެ އޭރިޔާގެ ސެންސާކަލާ ދިމާ ބޭރުން އުއްޑައެއްހެން ޑިބްރޭނާ ފޮނުވާލި ހަމަލާއިންނެވެ. ތިރިތިރިން ފޮނުވާލި މިހަމަލާ ގޯލަށް ވަނީ ކޯޓުއާގެ އަތުގައި ނުޖެހިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗް އަންޗެލޮއްޓީ ބުނީ ޑިބްރޭނާ ލަނޑު ޖެހުމުގެ ކުރިން ސިޓީ ކުޅުންތެރިން އަތުން ބޯޅަ ބޭރަށް ދިޔަ ކަމަށެވެ. "ބޭރުގައި އޮތް ބޯޅައެއް ކުޅުމުގެ ތެރެއަށް ލައިގެން ގޮސް ޖެހި ލަނޑެއް އެއީ. ޓީވީ ރިޕްލައިއިންވެސް ފެންނަނީ އެގޮތަށް. އޭގެ ކުރިން އަހަރެމެންނަށް ކޯނަރެއްވެސް ލިބެންޖެހޭ. ރެފްރީ އަހަންނަށް ރީނދޫ ކާޑްވެސް ދެއްކި. އަހަރެން ބުނިން ދަނޑު މަތީގައި ރީނދޫ ކާޑް ދެއްކުމަށް. ދަނޑު މަތީގައި ތިބި ކުޅުންތެރިންނަށް (ސިޓީ ކުޅުންތެރިންނަށް) ގިނަ ރީނދޫ ކާޑްތަކެއް ދައްކަން ޖެހޭ" ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ހުރެ އަންޗެލޮއްޓީ ބުންޏެވެ.

ސިޓީ އާއި ރެއާލް ބައްދަލު ކުރާ ދެވަަ ލެގް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ.