މުވައްޒަފުން ވަޒީފާއަށް ފަރުވާ ކުޑަ ކުރަނީ ކީއްވެގެން

15

ދިރިއުޅުމުގައި، އަދި އެއްދުވަހުން އަނެއް ދުވަހަށް ދިރިއުޅުން ތަރައްޤީކޮށް ކުރިއެރުންތައް ހޯދުމާއި، ކާމިޔާބީތައް ހާސިލް ކުރުމުގެ މުހިއްމު އެއްކަމަކީ، ތިމާ އަދާކުރަންޖެހޭ ވަޒީފާއެވެ. ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީއެވެ. ލިބިފައިވާ ހުނަރާއި، ކުޅުދުންތެރިކަމެއްގެ ބޭނުންކޮށްގެން ހޯދާ އުޖޫރަ ބިނާވެފައި ވާ ހަމަ އެކަނި އެއްޗަކީ ވަޒީފާއެވެ.

އެހެންކަމުން ވަޒީފާ އަކީ އިންސާނާ ދިރި އުޅުމުގެ ވަރަށް މުހިއްމު އެކައްޗަށް މިވަނީ ވެފައެވެ. މިހާ މުހިއްމު ކަމަކަށް ފަރުވާ ކުޑަވެ މާޔޫސްވެ ވަޒިފާ އަދާ ކުރާތަން ދެކެ ފޫހިވެއްޖެ ނަމަ މިއީ ވަރަށް ބޮޑު މައްސަލައެކެވެ. އެކަމާ މެދު ވިސްނާ އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމެކެވެ. އަޅާ ނުލާ ތިބެގެންވާނެ ވަރުގެ ކަމެއް ނޫނެވެ. އެމީހަކަށް އެހާ މުހިއްމު ކަމަކަށް އެމީހެއްގެ އަމިއްލަ އިޙްތިޔާރުގައި ފަރުވާ ކުޑަ ކުރާނަމަ އެއީ ވަރަށް ސީރިއަސް ކަމެކެވެ. އެތަނެއްގެ ވެރިންނާއި އެހެން މީހުން ވަރަށް ރަނގަޅަށް ދިރާސާ ކޮށް ވަރަށް ރަނގަޅަށް ބަލަންޖެހޭނެ ކަމެކެވެ.

Advertisement

ކަން މިހެން ހުރިކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ފެންނަނީ، މުޅިން އެހެން މަންޒަރެކެވެ. ވަޒިފާ އަދާ ކުރާ މީހާދޭތެރޭ ފިޔަވަޅު އަޅާ އޭނާގެ ވަޒީފާ ގެއްލުވާލާ ތަނެވެ. މިއީ މިކަން ކުރުން އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދެއެވެ. އެހެން މި ދަންނަވާލަން ޖެހުނީ، އެމީހަކަށް އެހާ މުހިއްމު ކަމެއް އެމީހާ އަމިއްލައިން ޒަހަމް ކޮށްލާނެ ކަމީ ޤަބޫލު ކުރަން ފަސޭހަކަމެއް ނޫނެވެ. އެހެން އެކަން ދިމާވާން ޖެހޭ ގިނަ ސަބަބު ތަކެއް ހުންނާނެއެވެ. ވަޒީފާއަށް ކުރިމަތިލައި ވަޒީފާއަށް ހޮވައި، ވަޒިފާގައި މަސައްކަތް ކުރާތާ ދުވަސްތައްވެ، މީހުންގެ މަޤުބޫލުކަން ލިބި ކިޔަވާ ހުރިހާކަމެއް ކުރާފަހުން، ނުވަތަ އޭގެ ކުރިންވެސް ކުއްލިއަކަށް މީހަކު ގޯސް ވެއްޖެ ނަމަ އެއީ ސުވާލު އުފެދިދާނެ ނުވަތަ ސުވާލު އުފެދޭނެ ކަމެއްކަން ޔަޤީނެވެ.

ވަޒީފާއަށް ފޫހިވެ ކަންކަމަށް ފަރުވާ ކުޑަކުރުމުގެ މައްސަލަތަކުގައި، ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ ވަރަށް ގިނަ ދިރާސާތަކެއް ކޮށްފައެވެ. އެކި ދިރާސާތަކުން އެކި ގޮތަށް ފެނުނު ކަމުގައި ވިޔަސް މިހުރިހާ ދިރާސާތަކުން އެއްބަސްވާ އެއްކަމެއް އޮވެއެވެ. އެއީ މުވައްޒަފު ވަޒިފާއަށް ފޫހި ވުމާއި، ފަރުވާ ކުޑަ ކުރުން ގުޅިފައިވަނީ، ސީދާ އޭނާގެ ވެރިމީހާ ނުވަތަ ވެރީންނަށެވެ. ނުވަތަ ސްޕަވައިޒަރެވެ. މިއީ ދިވެހި ރާއްޖޭގައި ވެސް މިކަން ހިނގާ ގޮތެވެ. މިކަމާއި ގުޅިގެން އަޅުގަނޑުވެސް ދިރާސާތަކެއް ހެދީމެވެ. އަޅުގަނޑަށް ލިބުނު ނަތީޖައަށް ބަލާއިރު، މުވައްޒަފުން މާޔޫސް ވުމާއި ކަންކަމަށް ފަރުވާ ކުޑަވެ ނަފްރަތު އުފެދޭ ކަންކަމުގެ ތެރޭގައި، އޭނާގެ ސްޕަރވައިޒަރާއި، ސީނިއަރ މެނޭޖްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި ދިމާވާ ބައެއްކަންތައްތައް ފާހަގަ ކޮށްލަމެވެ.

1 . މުވައްޒަފުންގެ މިސްޓޭކް ހޯދުމާއި، މިސްޓޭކްގެ ވާހަ ދައްކާ ހެދުން.

2 . މުވައްޒަފުގެ ވާހަކަ އެހެން މީހުންގެ ކައިރީގައި ދެއްކުން.

3 . ކުރާ މަސައްކަތުގެ އަގުވަޒަން ނުކުރުން

4 . ދައްކާ ވާހަކަ އަޑު ނޭހުން،

5 . މުވައްޒަމާމެދު ނެގެޓިވް ކޮށް ވިސްނުން

6 . އިތުބާރު ނުކުރުން

7 . ކިތަންމެ ރަނގަޅަށް ކަންތައް އޮންނަ ގޮތް ކިޔާ ދިނަސް ޤަބޫލު ނުކުރުން

8 . ތިމާ އަށް ނޫނީ ހުރިހާ ކަމެއް އެނގޭ މީހަކު ނެތުން.

9 . ވަކި ބަޔަކަށް ފޭވަރ ކުރުމާއި، އެކަން ފާހަގަ ކޮށް އެވާހަކަ ދެއްކުން

10 . ހިތްވަރު ދިނުމާއި ހިތްވަރު ލިބިިދިނުމަށް މަސައްކަތް ނުކުރުން

11 . މުވައްޒަފުންގެ މޯޓިވޭޝަން ގެއްލުވާލުން

12 . މެންޓަލީ ބަލިކަށި ކޮށްލުން.

13 . ގާބިލް މީހުން އެކަހިރި ކުރުވުން.

14 . ތިމާ ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަ ގޮތަށް، ގާބިލް ނޫން މީހުންނަށް ކަންކަން ހަވާލުކޮށްގެން ތިމާ ޒިންމާ ނުވާ ގޮތަށް މަސައްކަތް ކުރުވުން.

15 . މުވައްޒަފުންގެ ކުރިއެރުމައް މަސައްކަތް ނުކުރުން.

މި ގޮތަށް ވަރަށް ގިނަ ކަންތައްތައް ވަނީ ފާހަގަ ކުރެވިފައެވެ. މިހުރިހާ ކަމެއްގެ އަސްލު ގުޅިފައިވަނީ މުވައްޒަފުގެ ސްޕަރ ވައިޒަރާއެވެ. ތަނުގެ އިސްވެރިޔާ މިނިސްޓަރ ނުވަތަ އެނޫން އެންމެ އިސްވެރިޔާ އަކީ ކަންކަމަށް ލޯހުޅުވި ކަންކަން ދެނެ ގަންނަން ފަސޭހަ މީހަކަށް ނުވެއްޖެ ނަމަ، އެމީހަކަށް ވާނުވާވެސް އަންގާ ނުލާ މިބާވަގެ ކަންކަން އެ ތަނެއްގެ ތެރޭގައި ވަކިހިއްޕާލައެވެ. ނަމަވެސް އިސްވެރިޔާގެ ވިސްނުމާއި، ޤާބިލްކަން ހުންނަ މިންވަރަކުން އެތަނަކުން މިބާވަތުގެ ކަންކަން ފުހެލެވިވެސް ދާނެއެވެ. މިހެން މިކަން ކުރިޔަށް ދެވޭނީ ނުވަތަ ހާސިލް ކުރެވޭނީ، ތަނުގެ އެންމެ އިސްވެރިޔާ އާއި މުވައްޒަފުންނާ ދެމެދު އޮން ގުޅުމަކީ ބަދަހި ސާފު ގުޅުމަކަށް ވެގެންނެވެ. ދެފަރާތުގެ ދެމެދުގައި ރަނގަޅަށް މުޢާމަލާތް ކުރެވި ގެންނެވެ. ހަރުދަނާ އިތުބާރު ގުޅުން ތަކުން ގުޅިގެންނެވެ.

މިއީ މެނޭޖްމެންޓްގައި ވަރަށް މުހިއްމު ކަމަކަށްވާއިރު މުވައްސަސާތަކާއި، އޮފީސް އަދި އެހެނިހެން އިދާރާތައް ހިންގުމުގައި އެ މަސްޢޫލިއްޔަތު ހަވާލު ކުރަންޖެހޭނީ ކިޔަވައިގެންތިބި ތަޖުރިބާ ހުރި މީހުންނާއެވެ.  ކުޑަކުދިންނާ، ތިމާ ބުނާހާ ގޮތަކަށް އަތްޖަހަން ތިބޭ މިހުންނާއި ކަންކަން ޙަވަލުކޮށްގެން ކަންކަން ހާސިލް ނުވެވޭނެއެވެ. ނޫނީ އެފަދަ ތަންތަން އެއްދުވަހުން އަނެއް ދުވަހަށް ދާނީ ބަލިކަށިވަމުންނެވެ. ތަނުގެ ޝަކުވާ ދާނީ އިތުރުވަމުންނެވެ. ތަނުގެ ހަމަޖުން ދާނީ ގެއްލެމުންނެވެ. ހާސިލް ކުރަން ބޭނުންވާ ކަންކަން ހާސިލް ނުކުރެވި ތަނާ ދޭތެރޭ އިތުބާރު ގެއްލި މީހުންގެ ނަފްރަތު ދާނީ އިތުރު ވަމުންނެވެ.

ޚިދުމަތް ދޭތަންތަނާއި، މިނިސްޓްރީ ނުވަތަ އޮފީސްތަކުގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި، ރަނގަޅު ސްޕަވައިޒަރުންނާއި، ގާބިލް ތަޖުރިބާ ހުރި މުވައްޒަފުންނަކީ ވަރަށް މުހިއްމު ބައެކެވެ. އެތަނަކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރަން ބޭނުންވާނަމަ އުސޫލާ އެއްގޮތްވާ ގޮތުގެ މަތީން އެކަމެއް ކުރަން ދަންނަ އެކަމެއްގެ ތަޖުރިބާ ހުރި މުވައްޒަފުން ބޭނުންކޮށްގެން މަސައްކަތް ކުރަންޖެހެވެ. މުވައްޒަފުންގެ މޯޓިވޭޝަން އިތުރުކޮށް މުވައްޒަފުންނާއި، ތަނުގެ އިސްވެރިންނާ އަދި އެހެނިހެން މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރި ކަމުގެ ގުޅުން ބަދަހި ކުރަން ޖެހެވެ. މުވައްޒިފުންނަށް ކުރިއަށް ދެވޭނެ ގޮތް ތަކެއް ރާވާ ފަސޭހަކޮށް މުވައްޒަފުން ކުރިއަށް ދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ޖެހެވެ. ހަމަ އެފަދައިން، މުވައްޒަފުންގެ ވާހަކަ ތައް އަޑުހާނެ ކަންފަތްތަކަކާއި، އެކަމާމެދު ވިސްނާ ފިކުރު ކުރާނެ ސިކުނޑިއެއްގެ އިތުރުން، ހިތްތިރި ހިތެއްގެ ވެރިންވެސް ބޭނުން ވެއެވެ.

އަޅުގަނޑުމެންނަށް މިހާރު ފެނިގެންދަނީ މުވައްޒިފުން ކަންކަމުގައި މާޔުސްވެ މަސައްކަތް ކުރާތަން ދެކެ ފޫހިވެ މަސައްކަތައް ފަރުވާ ކުޑަ ކުރަމުން ގެންދާތަނެވެ. އެކަން މުވައްޒިފުގެ ފަރާތުން ފާހަގަ ކުރެވުމުން އޭނާއަށް އިންޒާރުދީ ވަޒީގާ އިން ވަކި ކޮށްލާތަނެވެ. މިއީ އަސްލު މިކަން ވެގެން ވާނެ ގޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިކަން މިހެން ދިމާވާން ޖެހުނު ނުވަތަ ދިމާވާން ޖެހޭ ސަބަބެއްވެސް ބަލާލަން ޖެހެއެވެ. ވަޒީފާ އަކީ މުވައްޒިފަށް ވަރަށް މުހިއްމު އެއްޗަކަށް ވާއިރު އެއަށް ފަރުވާ ކުޑަ ކުރަންޖެހޭ ސަބަބެއް ބަލަންޖެހޭނެއެވެ. މުވައްޒަފު ވަޒީފާއިން ކަނޑާލުމުގެ ބަދަލުގައި އޭނާއަށް ދިމާވި ކަންކަން ބަލާ އެކަމަށް ހައްލު ހޯދުމަކީ، އެ މެނޭޖްމެންޓަށްވެސް އެންމެ ފައިދާ ކުރާނެ ގޮތްކަންވެސް ޔަގީނެވެ.

މުވައްޒަފު ވަޒީފާއަށް އަހުލުވެރިކޮށް މޯޓިވޭޝަން އުފައްދަން ޖެހެއެވެ، ދައްކާ ވާހަކަތައް އަޑުއަހާނެ ކަންފަތެއް ބޭނުންވާނެއެވެ. ކަންކަން އިސްލާހުކޮށް ކަންކަން ރަނގަޅުކުރުމުގެ ވިސްނުމެއް ހުރި އުފެއްދުންތެރި ސިކުނޑިއެއް ބޭނުންވެއެވެ. ހިތްތިތި ހިތެއްގެ ވެރިއަކުވެސް ބޭނުންވާނެއެވެ. މުވައްސަސާއެއްގެ އެންމެ މުހިމު އެއް ބަޔަކީ ނުވަތަ މުވައްސަސާއެއްގެ ތަނބަކީ އެތަނެއްގައި އުޅޭ މުވައްޒަފުންނެވެ. މުވައްޒަފުން ނެތްތަނެއްގައި ކުރާނެ ކަމެއް ނުއޮންނާނެއެވެ.

އެހެން ކަމުން މުވައްޒަފުން ފަރުވާ ކުޑަ ކުރަނީ އޭ ބުނުގެ ބަދަލުގައި އަހަރެމެން ގަބޫލު ކުރަންޖެހޭ ކަމަކީ، މުވައްޒަފުން ލައްވާ ފަރުވާ ކުޑަ ކުރުވަނީއެވެ. އެކަމުގެ ޒިންމާ ސްޕަރވައިޒަރުންނާއި، އިސްވެރިން ނުވަތަ މެނޭޖްމަންޓްގެ އެންމެ އިސްކޮށް އުޅުއްވާ ފަރާތްތައް ނަގަން ޖެހޭނެއެވެ. މުވައްޒަފުން އެންމެ ހެޔޮ ގޮތުގައި ބޭނުން ކުރެވޭނެ ނުވަތަ މެނޭޖް ކުރަން ދަންނަ ަމުގެ ގާބިލް ފަރާތްތައް ބޭނުންކޮށްގެން އެތަނެއް ހިންގަން ނުވަތަ އެތަނެއްގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ތިމާ ބުނާހާ ގޮތެއް ހަދައިގެން ތިމާ ބުނާހާ ކަމެއް ކުރާނެ ބަޔަކު ލައިގެން މަސައްކަތް ކުރުމުގެ އުސޫލު މިހާރު ފާއިތުވެ ގޮސްފިއެވެ. އެޒަމާން ދެން އަހަރުމެންނަކާ ބައްދަލެއް ނުކުރާނެއެވެ. ތިމާ އެއްވެސް ޒިންމާއެއް ނު ނަގާ ކުޑަ ކުދިންލައްވާ ބޭނުންހާ ކަމެއް ކުރުމުގެ ފުރުސަތު އޮތް ޒަމާންވެސް މިހާރު ދަނީ އަލްވަދާޢު ކިޔަމުންނެވެ.

ވީމާ، މުވައްޒަފުން ކުއްވެރި ކުރާ ވިސްނުން ދޫކޮށް ޢިލްމީ ޤާބިލް ވިސްނުން ތަކުން ވިސްނާ ސިކުނޑި ތަކާއި، ތަޖުރިބާ ހުރި ފަރާތްތަކުގެ ބޭނުން ކޮށްގެން މަސައްކަތް ކުރުމަކީ ކަން ކަން ހައްލުކޮށް މުވައްޒަފުން އުފާ ކުރުވަނިވި ގޮތް ކަން ޔަޤީނެވެ.

Advertisements

15 COMMENTS

  1. ރަނގަޅު ލިޔުމެއް. މިއީ ހަމަ ތެދު. މުވައްޒަފުން ހަލާު ކޮށްލަނީ އެތަނުގައި އުޅޭ ވެރިން. އަޅުގަނޑު ގެތަޖުރިބާ

  2. އަޅުގަނޑަކީ، އިސްލާމިކް މިނިސްޓްރީގައި އުޅޭ މީހެއް. މި ގޮތަށް އެމީހުންގެ ކަންތައްތައް ހުންނަނީ

  3. ތި ލިޔުމަށް ތާއީދު ކުރަން. ތިކަންތައް ތި ގޮތަށް ކުރަނީ ސިޔާސީ މީހުންނެއް ނޫން. ގިނަ ފަހަރު ތި ގޮތަށް ކަންތައް ކުރަނީ ޕާރމަނަންޓް ސެކްރެޓަރީ

  4. ސާބަސް ހަލި ނިއުސް. ސަލި އިނގޭ. ހިންގުމުގައި އުޅެނީ ޕީއެސް މެން. ތަންތަން ހަލާކު ކުރަނީ އެމީހުން. މާ ބޮޑަށް ޒާތީ ވަނީ

  5. އަހަރެން ދަންނަ މިނިސްޓްރީ އެއްގެ ޕިއެސް ކުރާކަމަކީ، ހުރިހާ ކަމެއް އެތަނުގައި އުޅޭ އޭނަގެ ޕާރޓޭންނަށް ދޫކޮށްލާފައި ބަހައްޓަނީ އެމީހުން ބުނާ ގޮތަކަށް ކަންތައް ކުރަނީ، އަދި އެތަނުގައި އުޅޭ އަންހެން ކުދިންނަށް ވަރަށް ވަރު ހުންނަ މީހެއް. މުޅިންވެސް ގާތްކޮށްގެން އުޅެނީ އަންހެން ކުދިން. އެހެން މީހުން ދައްކާ ވާހަކަ އަޑުނާހާ. އެކުދިންނާއެކު ސަކަރާތް ޖެހުން ކަމަކީ

  6. ލިޔުންތައް ލިޔެގެންވެސް ކަންތައްތައް ހައްލުވާނަމަ ރަނގަޅު . މައްސަލައަކީ ތި ލިޔުން ކިޔާފައި އެމީހުން ރުޅި ގަދަ ވާނީ. ދެން ނެރޭނީ ނޫސްބަޔާން. އަނެއްދުވަހު ނޫސް އުވާލާނީ

  7. އަހަރެން ގަބޫލު ކުރާ ގޮތުގައި ތިކަންތައް ކުރަނީ ސީދާ ޕާރމަންޓް ސެކްރެޓަރީން، ސިވިސް ސާވިސްގެ ރައިސް އިސްތިއުފާއަށް ގޮވާލަން

  8. މިހެން މިކަން ހުރިކަން އެންމެނަށް އެނގޭ . ވެރިން އިސްލާހު ވުމަށް ގޮވާލަން.

  9. މިހެން ކަން ކަން ދިމާވާ މުވައްޒަފުން މިކަމާ ދެކޮޅަށް އަޑު އުފުލުމަށް ގޮވާލަން.

  10. މި ކަމަކީ މިހާރު އޮފީސް ތަކުގައި ވަރަށް ބޮޑު ވަބާއަކަށް ވެފައިވާ ކަމެއް. މިކަން ހައްލުކުރަންޖެހޭ ، ކަމާބެހޭ ފަރާތްތަކަށް މިކަމުގެ ސަމާލުކަން ގެންނަން ޖެހޭ

  11. އަހަރެން އުޅޭ އޮފީހުގެ ޕީއެސް ގެ ބަލާ ވަރަށް ބޮޑު. އޭނަ އެކޭ ކުޑަ ކުއްޖެކޭ އެއްވެސް ތަފާތެއް ނޯވޭ.

  12. ތިހެން ހަދާ މީހުންގެ ވާހަކަ ސޯޝަލް މީޑިޔާގައި ލިޔަންވީ، އެ ކަހަލަ މީހުންގެ ކިބައިން ސަލާމަތް ވެވޭނެ ގޮތަކީ ކޮބާތޯ ބަލަންވީ

  13. ބަލަ މަށަކީވެސް ތި ގޮތަށް މިހާރުވެސް އުޅެމުންދާ މީހެއް. ހީވަނީ ޕީއެސްގެ އަމިއްލަ މުދާގަނޑެއްހެން މި ތަނަކީ

  14. Liyumugai Vara muhimu point e nuliyevi eba oi, ei kuraa masakathuge ujoora dhinun, thanuge haalathu kithanme dha namaves muvazifun kuraa maskaithuge ujoora dheyn jeheynei. Nudheynan ehn vazeefa aka dhaanee majubooru vaanei. Ehnveema muvazifun vazeefain vaki vun, nuvatha vazeefa adhaa kurumugai faruvaa kuda kurumuge sababaka vanee musaara nudhinun ves Bai faharu himeney

Comments are closed.