ކެރެލާގެ ކޮއްލަމް ޑިސްޓްރިކްޓްގެ ސަރުކާރު ހޮސްޕިޓަލެއްގައި ޑިއުޓީގައި ހުރި އަންހެން ޑޮކްޓަރަކަށް ވަޅިން ހަމަލާދީ މަރާލައިފި އެވެ. މިހާދިސާ ހިނގާފައިވަނީ ކޮއްޓައްކަރާގައި ހުންނަ ސަރުކާރުގެ ތާލޫކް ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ފަތިހު 4.30 އެހައިކަންހާއިރުއެވެ. އުމުރުން 23 އަހަރުގެ ސާޖަންއެއް ކަމަށްވާ، ޑރ. ވަންދަނާ ދާސްއަށް ހަމަލާ ދީފައިވަނީ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ. ސަންދީޕް ނަމަކަށް ކިޔާ އެމީހާ ޑޮކްޓަރަށް ހަމަލާ ދީފައި ވަނީ އެއްވެސް ސަބަބަކާ ނުލައެވެ. އޭނާ ހަމަލަ ދިން އިރު ޑޮކްޓަރު ދިޔައީ އޭނާއަށް ފަރުވާ ދެމުންނެވެ.

ސަންދީޕަކީ ސްކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެކެވެ. އޭނޭ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ އަވަށްޓެރިންނާ އެކުވެސް މާރާމާރީ ހިންގާފައިވާ މީހެކެވެ.

ޑްރަގަށް ފަރުވާ ހޯދަމުންދާ ސަންދީޕް ވަނީ ވަންދަނާގެ ގަޔަށް ހަ ފަހަރު ވަޅި ހަރައި ފައެވެ. ޑޮކްޓަރުގެ ބަނޑާއި ބުރަކަށްޓަށް ވަޅި ހެރިއެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަން(އައިއެމްއޭ) އާއި ކެރެލާ ގަވަރމަންޓް މެޑިކަލް އޮފިސަރސް އެސޯސިއޭޝަން (ކޭޖީއެމްއޯއޭ) އިން ބުނީ މިކަމުގައި އިހުތިޖާޖު ކުރާނެ ކަމަށެވެ. އަދި ސަންދީޕަށް މަރުގެ ސަޒާ އިއްވުމަށް އެ ފަރާތްތަކުން ވަނީ އެދިފައި ވެއެވެ.