ހުޅުމާލޭ ފޭސް ދޭއްގައި، ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ހިޔާ ފުލެޓްތަކުގެ ކުލި ދެއްކުމަށް ލުޔެއް ދިނުމަށްޓަކައި، ހަތް އަހަރު ދުވަސް ވަންދެން މަހަކު 5،300 ރުފިޔާއަށް ކުލި ކުޑަކޮށްފައިވާކަން ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ. މުޅިއެކު، މެއިންޓެނަންސް ފީއަށް ނަގާ 1،000ރ.އާ އެކު މަހަކު 6،300ރ. ކަމަށް ކަނޑައަޅައި ކުލި ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް ދަންމާލައިފި އެވެ.
މިހާރު ހިޔާ ފްލެޓުތަކުގެ ކުލީގެ ގޮތުގައި ނަގަނީ، މެއިންޓެނަންސް ފީއާ އެކު މަހަކު 8،500ރ. އެވެ.
މިކަން އިއުލާން ކުރެއްވީ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ އަކުރަމް ކަމާލުއްދީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
މިއީ ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުމަށް ލުޔެއް ގެނެސް، އެކަން އިއުލާނުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމެކެވެ.
އަކުރަމް ވިދާޅުވީ، ހިޔާ ފްލެޓުތަކަށް ކުލި ދެއްކުމުގައި އިތުރު ލުއިތަކެއް ދިނުމަށް ރައީސް ސާލިހު ނިންމެވީ، ހިޔާ ޔޫނިއަންގެ ފަރާތުން ރައީސްއާ ބައްދަލުކޮށް ހުށަހެޅި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްކަމަށެވެ.
އަދި މިގޮތަށް މި މަހުން ފެށިގެން ހަތް އަހަރަށް ކުލި ކުޑަ ކޮށްދޭން ނިންމީ ކަމާ ބެހޭ ފަރާތްތަކާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް އަކްރަމް ވިދާޅުވިއެވެ.
"ހިޔާ ފްލެޓަކީ އޭރުގެ ސަރުކާރުން އެ ތަނުގެ ފިނިޝިން ނުނިންމައި އޭރުގެ ސަރުކާރުން ހަވާލުކޮށްފައިވާ ތަނެއް. އޭގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނު. ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު އެތައް ލައްކަ ރުފިޔާ އަކުން،" އަކްރަމް ވިދާޅުވިއެވެ.
މިއީ ކުލި ކުޑަކުރީ ނޫން ކަމަށާއި ކުލި ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދިނީ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ހިޔާގެ ކުއްޔަށް މި ގެނެވުނު ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހުޅުމާލެ ބަލަހައްޓާ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވެސް ވާހަކަދެއްކެވިއެވެ. ކުއްޔަށް ލުއި ދޭން ނިންމީ އެވްރެޖުކޮށް ހިޔާގެ ފިނިޝިން މަސައްކަތަށް 130،000ރ. ހަރަދުވާނެ ކަމަށް ބެލުމަށް ފަހު ކަމަށް، އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވަނީ ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް ހަތް އަހަރަށް ދައްކަން ޖެހޭ ކުލި ކުޑަ ކުރި ނަމަވެސް މެއިންޓެނަންސް ފީއަށް ބަދަލެއް ނާންނާނެ ކަމަށާއި ކުއްޔަށް މި ގެނައި ލުޔާއެކު ކުލި ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް އިތުރުވާނެ ކަމަށް އާތިފް ވިދާޅުވި އެވެ.
"ބޭސިސް އަކީ ފިނިޝިން ލޯނުތަކަށް ފައިސާ ދައްކާ މުއްދަތަށް ކުލިން ލުޔެއް ދިނުން. މި ބަދަލާ އެކު ހަތް އަހަރުގެ މުއްދަތަށް 5،300ރ.އަށް ކުލި ދައްކާ އަދަދު ކުޑަވެގެން ދިޔައީ،" އާތިފް ވިދާޅުވި އެވެ.
ހިޔާ ފްލެޓުތަކުގެ މެއިންޓެނަންސް ފީގެ ގޮތުގައި މިހާރު ދައްކަމުން އަންނަ 1،000ރ. އާ އެކު ކޮންމެ މަހަކު 6،300ރ. ދައްކަން ޖެހޭނެ އެވެ.
އާތިފް ވިދާޅުވީ މީގެ ކުރިން ވެސް ސަރުކާރުން މުޅި ހިޔާ މަޝަރޫއުއަށް 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒް ކޮށްފައިވާ ކަމަށެވެ. އަދި ކުލި ދައްކަންޖެހޭ މުއްދަތު އިތުރުކުރި ނަމަވެސް އެ މަޝްރޫއަށް އާބަންކޯއިން ނަގާފައިވާ ލޯނު ދެއްކުމުގެ މުއްދަތަށް ބަދަލެއް ނާންނަ ކަމަށެވެ. އެ ނެގި ލޯނު ދެއްކުމުގެ ކަންކަން ހަމަޖައްސާނީ އެ ކުންފުނީގެ ކޭޝްފްލޯއިން ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތަކުގެ މި ޕްރޮޖެކްޓް ނިންމުމަށް ފަހު، މިތަނުގެ ކުލީގެ ގޮތުގައި ނަގަން އެންމެ ފުރަތަމަ ނިންމީ މަހަކު 10،000 ރުފިޔާއެވެ.
2021 ވަނަ އަހަރުގެ ޖުލައި މަހު ތެރޭގައި މީހުން އުޅެން ފަށައި އާބާދުވާން ފެށި ހިޔާ ފްލެޓުތަކުން ކުލި ނަގަން ފެށީ އޭޕްރީލް 2022ގަ އެވެ.