މިމަހުގެ ދެވަނަ ދުވަހުގެ ހަވީރު، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ޒުވާނާ މަރުވެއްޖެއެވެ.

ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅު މަގުގައި ހިނގި މި އެކްސިޑެންޓުގައި، ސައިކަލުގައި ދިޔަ 20 އަހަރުގެ އަހުމަދު ޒައިން އަށް އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.

އެހެންނަމަވެސް އޭގެ ފަހުން، އިތުރު ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗަށް ވަނީ ބަދަލުކޮށްފައެވެ. އަދި އޭނައަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ. މިޒުވާނާ މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށްވެއެވެ.

މި ޒުވާނާއަށް ލިބުނު އަނިޔާގެ ތަފުސީލެއް އައިޖީއެމްއެޗުން ހާމަނުކުރެއެވެ. އެހެންނަމަވެސް އަނިޔާ ލިބުނީ ޒުވާނާގެ ބޮލަށްކަން އެނގިފައިވެއެވެ. އެކްސިޑެންޓު ހިނގި ވަގުތު ނަގާފައިވާ ފޮޓޯއަދި ވީޑިޔޯގައިވެސް ޒުވާނާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފައިބާފައިވާ ތަން ފެންނަން ހުއްޓެވެ.