ފުޓްބޯލް ވްރައިޓަރސް އެސޯސިއޭޝަނުން ހޮވި އިނގިރޭސި ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް، މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިންގ ހާލަންޑަށް ލިބިއްޖެއެވެ.

މޮޅު ކުޅުންތެރިޔާގެ މަގާމަށް ހާލަންޑް ހޮވީ ލިޔުންތެރިން %82 ވޯޓުންނެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރިހުގައިވެސް މިހާ މަތިން ކުޅުންތެރިޔަކަށް ވޯޓް ލިބުނު ފުރަތަމަ ފަހަރެވެ. ވޯޓުގެ ދެވަނަ ލިބުނީ އާސެނަލްގެ ބުކަޔޯ ސަކާއަށެވެ. ތިންވަނައަށް ދިޔައީ އާސެނަލްގެ ކެޕްޓަން އަދި ހާލަންޑާއެކު ނޯވޭ ގައުމީ ޓީމަށް ކުޅޭ މާޓިން އޮޑެގާޑެވެ.

ބްރޯޝިޔާ ޑޯޓްމަންޑް ދޫކޮށް މިސީޒަނުގައި މެންޗެސްޓަރ ސިޓީއަށް ބަދަލުވި ހާލަންޑް ވަނީ މިސީޒަނުގައި ޕްރިމިއަރ ލީގުގައި 35 ލަނޑު ޖަހައިގެން، ލީގް ތާރިހުގައި އެއްސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑްވެސް ގާއިމް ކޮށްފައެވެ. ކުރިން މިރެކޯޑް އޮތީ އިންގްލެންޑުގެ ދެފޯވާޑުން ކަމަށްވާ އެލަން ޝިއާރާ އަދި އެންޑީ ކޯލް އަތުގައެވެ.

ލަނޑު ޖެހުމުގައި އާދަޔާހިލާފަށް ތޫނުފިލި ހާލަންޑް ވަނީ ހުރިހާ މުބާރާތްތަކެއްގައި ސިޓީއަށް މިސީޒަނުގައި 51 ލަނޑު ކާމިޔާބު ކޮށްދީފައެވެ.