މިއަހަރު 100 ބިލިއަން ރުފިޔާއަށް ރާއްޖޭގެ ޖީޑީޕީ އެރުމަކީ އިގްތިސާދީ ސިޔާސަތަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ އިގްތިސާދީ ސިޔާސަތަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީ އެއް ކަމަށެވެ.

އެގޮތުން ކޮވިޑު19ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވި ތަދުމަޑުކަމުން އަރައިގަނެވުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ 100 ބިލިއަނަށް އެރުމަކީ ނިސްބަތުން އެއްވެސް ގައުމަކަށް ނޫނީ ހާސިލް ކުރެވުނު ކާމިޔާބީއެއް ނޫން ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެކަމަކީ ރައީސް ސާލިޙުގެ އިގްތިސާދީ ފިޒިކަލް، އަދި ބަޖެޓް ތަންފީޒު ކުރުމުގެ ސިޔާސަތުގެ ހަރުދަނާކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ. އަދި މިއީ ސަރުކާރުން ކޮވިޑު19 ދަތި ދުވަސްވަރު، އެޅުއްވި ހަރުދަނާ ފިޔަވަޅު ތަކާއި ސްޓިއުމިއުލަސް ޕެކޭޖް ތަކުގެ ހެއު ނަތީޖާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"100 ބިލިއަނާއި ދިމާލަށް ރާއްޖޭގެ އުފެއްދުންތެރިކަން އަރައިގެން މިދަނީ ގައުމު ބަނގުރޫޓްވެއްޖެއޭ ދަރަނި މާބޮޑޭ މަޝްރޫއުތައް ހުއްޓާލަންވީއޭ، އިދިކޮޅުގެ ފިކުރެެއްގެ ދިރުން އަދި އިދިކޮޅުގެ މައިޕާޓީ ޕީޕިއެމާއި ކުރިން ކޯލިޝަންގައި ތިބި މިހާރު ދެކޮޅުވެރިން ގޮވަގޮވައި ތިއްބާ،" ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 100 ބިލިއަން ފަހަނައަޅައިދާނެކަން ހާމަކުރައްވައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ މިއީ ކުރިމަތިވި އެކި ގޮންޖެހުންތަކަށް ބެލުމެއްނެތި ސަރުކާރުން އިގްތިސާދީ ކުރިއެރުން ހޯދުމަށް ގެންގުޅޭ ރަނގަޅު އިޤްތިސާދީ ސިޔާސަތުތަކުގެ ނަތީޖާކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

2023 ވަނަ އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް އަންދާޒާކުރި 7.6 އިންސައްތަ 9.4 އިންސައްތައަށް އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން އަމީރު މިއަދު ވިދާޅުވީ، އިގްތިސޯދުގެ ކުރިއެރުން މެދުރާސްތާގައިވެސް މަތީގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމުގައެވެ.