ޖިނާއީ ބޮޑެތި ކުށްތަކުގެ ޖަރީމާތަކުގެ ޒިންމާ އުފުލަންޖެހޭ އެންމެ ހަގު އުމުރަކަށް ޗައިނާއިން 12 އަހަރު ކަނޑައަޅައިފިއެވެ.

އެގޮތުން، މީހުން މެރުމާއި، މީހެއްގެ ފުރާނަ ގެއްލެން މެދުވެރިވާ އަނިޔާއެއްދިނުން، އަނިޔާއެއްގެ ސަބަބުން މީހަކު ނުކުޅެދޭ ހާލަތަށް ހިނގައްޖެނަމަ އެފަދަ ކުށެއްކުރި މީހަކީ އުމުރުން 12 އަހަރުންމަތީގެ ކުއްޖެނަމަ އެކުއްޖަކު ކުށަށް ޒިންމާ ކުރެވޭނޭ ކަމަށް ޗައިނާއިން، ގާނޫނަށް ގެނައި އިސްލާހްގައި ވެއެވެ.

މިއިސްލާހް، ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީން ހޮނިހިރު ދުވަހުވަނީ ފާސްކޮށްފައެވެ.

ޖިނާއީ ކުށްތަކަށް ޒިންމާވާންޖެހޭ އެންމެ ދަށް އުމުރަކީ 12 އަހަރު ކަމަށް ޗައިނާގެ ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގ ކޮމިޓީން މި ފާސްކުރީ، އެކަމާގުޅޭ ބިލް 3 ބުރެއްގެ މަތިން މުތާލިއާ ކުރުމަށްފަހުގައެވެ.

ގާނޫނަށް ގެނައި މި އިސްލާހަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މިފެށޭ 2021 ވަނަ އަހަރުގެ މާޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ޗައިނާގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުގެދަށުން އުމުރުން 14 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ކުށްވެރިވަނީ، މީހުން މެރުމާއި، ރޭޕްކުރުންފަދަ ސީރިއަސް ޖިނާއީ ޖަރީމާއެއް ގަސްދުގައި ހިންގިކަން ޝަރީއަތަށް ސާބިތުވެއްޖެނަމައެވެ.

ސީރިއަސް ބޮޑެތި ޖަރީމާތައް ފިޔަވައި، ޗައިނާގައި އެހެނިހެން ކުށްތަކުގައި ކުށްވެރިވާ އެންމެ ދަށް އުމުރަކީ 16 އަހަރެވެ.