ބްރައިޓަން އަތުން އަމިއްލަ ދަނޑުގައި 3-0 އިން ބަލިވެ، ލީގް ޗެމްޕިއަންކަން ހޯދުމުގެ ދޮރު ގާތްގަނޑަކަށް މިރޭ ބަންދުވުމުން އާސެނަލްގެ ކޯޗް މިކޭލް އާޓެޓާ އެކްލަބުގެ ސަޕޯޓަރުން ކިބައިން މައާފަށް އެދެފިއެވެ.

މިސީޒަނުގެ ބޮޑު ބައި ލީގުގެ ކުރީގައި އޮތީ އާސެނަލްއެވެ. މިދިޔަ މާރިޗް މަސް ނިމެންދިޔައިރުވެސް ލީގުގެ ކުރި އާސެނަލް ދަމަހައްޓަމުން ދިޔައީ 8 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

"އަހަރެމެންގެ ފަރާތުން ދެވަނަ ހާފުގައި ފެނުނީ ގަބޫލް ކުރެވޭ ވަރުގެ ކުޅުމެއް ނޫން. އެކަމަށްޓަކައި ސަޕޯޓަރުން ކިބައިން އަހަރެން މައާފަށް އެދެން. މެތަމެޓިކަލީ ލީގް ހޯދުމުގެ ރޭސް ނުނިމޭތީ އަދިވެސް ފުރުސަތު އެބައޮތް. މިއީ ފުޓްބޯޅަ، ކޮންމެ ގޮތެއް އަދިވެސް ވެދާނެ. އެކަމަކު މިއަދު ލީގާމެދު ވިސްނާނެ ފުރުސަތެއް ނެތް" އާޓެޓާ ބުންޏެވެ.

ބްރައިޓަނުން އާސެނަލް ކޮޅަށް 3 ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. ބްރައިޓަނުން ޖެހި ލަނޑުތަކުގައި އާސެނަލްގެ ކީޕަރާއި ޑިފެންސް ލައިނުން ގޯސްތައް ފާހަގަ ކޮށްލެވެއެވެ.

އާސެނަލްއަށްވުރެ ކުރީގައި 86 ޕޮއިންޓާއެކު އޮތީ މިރޭ އެވަޓަން އަތުން މޮޅުވި މެންޗެސްޓަރ ސިޓީއެވެ. އަންނަ ހަފްތާގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ ލީގުގައި ބާކީ 2 މެޗް އޮއްވައި ލީގް ޗެމްޕިއަންކަން އެޓީމަށް ކަށަވަރު ކުރެވޭނެއެވެ. ސިޓީއަކީ ފާއިތުވެދިޔަ 2 ސީޒަނުގެވެސް ޕްރިމިއަރ ލީގުގެ ޗެމްޕިއަނުންނެވެ.