އެންމެފަހުގެ ޗެމްޕިއަން ރެެއާލް މެޑްރިޑުން ކުޅިބަލަން ތިއްބައި، ރަށުން ބޭރުގައި ރޭ އެސްޕަނިޔޯލް 4-2 އިން ބަލިކޮށް ވާދަވެރި ބާސެލޯނާއިން ލަލީގާގެ ޗެމްޕިއަންކަން ޔަގީން ކޮށްފިއެވެ.

އެސްޕަނިޔޯލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިން 3 ލަނޑު ޖެހިއެވެ. އެސްޕަނިޔޯލްގެ ގޯލު މެޗުގެ 11 ވަނަ މިނެޓުގައި ބާސެލޯނާއިން ހުޅުވާލީ ނުރައްކާތެރި ފޯވާޑް ރޮބަޓް ލެވަންޑޮސްކީގެ ލަނޑުންނެވެ އޭގެ 9 މިނެޓް ފަހުން ޒުވާން ޑިފެންޑަރު އެލަހަންދްރޯ ބަލްޑޭގެ ލަނޑުން ބާސާއިން ލީޑް ފުޅާކުރިއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ބާސާގެ ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ބާސާއާ ގުޅުނު ފޯވާޑް ލެވަންޑޮސްކީއެވެ. ބާސާގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފް ފަށައިގެން 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެކްލަބާ ގުޅުނު ފްރާންސް ގައުމީ ޓީމުގެ ޑިފެންޑަރު ޖޫލްސް ކުންޑޭއެވެ.

ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ އެސްޕަނިޔޯލްއިން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 72 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ހާވީ ޕުއަޑޯއެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ޖޮސެލޫއެވެ.

މިމޮޅާއެކު ބާސާއިން ލީގް ޗެމްޕިއަންކަން ޔަގީން ކުރީ ލީގުގައި ބާކީ ހަތަރު މެޗް އޮއްވައެވެ. 34 މެޗުން ބާސާއަށް 85 ޕޮއިންޓް ލިބިފައިވާއިރު 34 މެޗުން ރެއާލްއަށް ލިބިފައި ވަނީ 71 ޕޮއިންޓެވެ.

މެޗް ނިމުމާއެކު ބާސާގެ ކުޅުންތެރިން އުފާފާޅު ކުރުން ކުރިއަށް ދަނިކޮށް އެސްޕަނިޔޯލްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑުން އަރައި ހަމަނުޖެހުން ހިންގިއެވެ. ރިޕޯޓްތައް ބުނާ ގޮތުން ބާސާގެ އެއްވެސް ކުޅުންތެރިޔަކަށް މިހަމަނުޖެހުމުގައި އަނިޔާ ލިބިފައެއް ނުވެއެވެ.

ބާސާގެ މިކާމިޔާބީ އެންމެ ބޮޑަށް ހާއްސަވާ ފަރާތަކީ ކޯޗް ޒަވީ ހެނާންޑޭޒްއެވެ. ކުރިން ބާސާއަށް ކުޅެ އެޓީމުގެ ކެޕްޓަންކަން ކޮށްފައިވާ ޒަވީ ބާސާއާ ހަވާލުވީ މިދިޔަ ސީޒަނުގެ މެދުތެރެއިންނެވެ. މިއީ ކޯޗެއްގެ ގޮތުގައި ބާސާއެކު ޒަވީ ހޯދި ފުރަތަމަ ލީގް ތައްޓެވެ. ޒަވީ ވަނީ މިސީޒަނުގެ ސްޕެނިޝް ސްޕަރ ކަޕް ފައިނަލުގައި ރެއާލް ބަލިކޮށް ބާސާއަށް ސްޕެނިޝް ސްޕަރ ކަޕް ކާމިޔާބު ކޮށްދީފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.