މިއަދަކީ އިނގިރޭސި ދައުލަތުގެ ޣަދަރުވެރިކަމުން ފަލަސްތީނުގެ ބިންތައް ޒަޔަނިސްޓް ޔަހޫދީންނަށް ގެއްލިގެން ދިޔަ މުނާސަބާއަށް 75 އަހަރު ފުރޭ ދުވަހެވެ. އިނގިރޭސިންގެ އިސްތިއުމާރާ ދެކޮޅަށް، އަރަބިން ތެދުވުމުގެ ސަބަބުން ފަލަސްތީނުގެ މުޖުތަމަޢު އަދި އެ މުޖުތަމަޢުގެ ޕެރަމިލިޓަރީ ބާރުތައް ފަނާ ކޮށްލުމަށް އިނގިރޭސިވިލާތުން ރާވައިގެން ހަމަލަތަކެއް ދީ މަސައްކަތްތަކެއް ކޮށް އެކަން ކާމިޔާބު ކުރިއެވެ.

"ދަ ވާރ ފޯރ ފަލަސްތީން: ރީރައިޓިންގ ދަ ހީސްޓްރީ އޮފް 1948" ފޮތުގައިވެސް މިވާހަކަ ތަފްސީލުކޮށް ގެނަސްދީފައި ބުނެފައި ވަނީ އިނގިރޭސިންގެ މި ރޭވުމުގެ ސަބަބުން ފަލަސްތީނުގެ މީހުންގެ ދައުލަތެއް ގާއިމް ނުކުރެވި އިނގިރޭސިން ފަލަސްތީނު ވުޖޫދުން ފޮހެލުމަށް ޒަޔަނިސްޓުންނަށް އެހީވެ ދިން ކަމަށެވެ.

ފަލަސްތީނުގައި ޒަޔަނިސްޓުންނަށް ފައިތިލަ ސާބިތުކުރުމަށް އެންމެ ބޮޑަށް ވާގިވެރިވީ ފަރާތަކީ އިނގިރޭސި ދައުލަތެވެ. އޭގެ ހެއްކަކީ އިނގިރޭސި ވަޒީރު، މާތް ﷲ އެމީހަކަށް އަބަދާ އަބަށް ލައުނަތް ލެއްވި، އާތާ ބެލްފޯރު އިއުލާން ކުރި ޔަހޫދީންނަށް ވަޒަނެއް ގާއިމް ކޮށްދޭނެކަމަށް ބުނެ، އިނގިރޭސި ދައުލަތުން ވެފައިވާ ވައުދެވެ.

އިނގިރޭސިން ޒަޔަނިސްޓުންނަށް ދިން ބާރާއެކު އިނގިރޭސިން ދިޔައީ އަޑިއަޑިން ޒަޔަނިސްޓުންނާއެކު ފަލަސްތީނު މީހުންނާއި އަރަބިންނާ ދެކޮޅަށް ޑީލްތައް ހަދަމުންނެވެ. އަދި އޭގެ ފައިދާ ނަގައިގެން، އިނގިރެސިން ފައްސާލުމަށް ޒަޔަނިސްޓުން ކުރި މަސައްކަތަކީ، 1946 ވަނަ އަހަރުގެ ޖުލައި މަހު، އިނގިރޭސިންގެ އިދާރީ މައި މަރުކަޒު ހިންގަމުން ގެންދިޔަ ގުދުސްގެ ކިންގް ޑޭވިޑް ހޮޓަލަށް ޒަޔަނިސްޓު ޓެރަރިސްޓުންގެ އިރްގުން ޖަމާއަތުން ދިން ހަމަލާއެވެ. އަދި އެނޫނަސް އެފަދަ އެހެން ޓެރަރިސްޓް ހަމަލާތަކަށް ފަހު އިނގިރޭސި އިސްތިއުމާރީ ސަރުކާރުން ނިންމީ ފަލަސްތީނު ޔަހޫދީންނަށް ދޫކޮށް ފައިބައިގެން ދާށެވެ.

29 ނޮވެމްބަރ 1947 ގައި އިނގިރޭސިން ޔަހޫދީންނަށް ބޮޑު ބައެއް ދީ ފަލަސްތީނު ބައިބައިކޮށް ދިނެވެ. ފަލަސްތީނު ބައިބައި ކުރާން ބޭނުން ނުވުމުން، ފަލަސްތީނު މީހުންނާއި އަރަބިން އެކަމާ ދެކޮޅު ހެއްޖެވެ. ނަމަވެސް އިނގިރޭސިންގެ ވާގި ދިނުމާއެކު، ޔަހޫދީން ފަލަސްތީނު ބަހާލުން ގަބޫލުކުރިއެވެ. އެމީހުންގެ މީހުންގެ އަތުގައި އެއިރު ފަލަސްތީނުގެ 5 ޕަސެންޓް އޮތް އިރު އިނގިރޭސިން ބަހާފައި ޔަހޫދީންނަށް ފަލަސްތީނުގެ 55 ޕަސެންޓް ދިނެވެ.

ފަލަސްތީނު ބަހާލުމާ ދެކޮޅަށް ގައުމީ ހަރަކާތުގެ އިސްވެރިއަކަށް ހުންނެވީ އިނގިރޭސިންނާ ޔަހޫދީންގެ ހަތުރުވެރި، ގުދުސްގެ މުފްތީ އަމީން އަލް ހުސެއިނީ އެވެ.

ކުރުކޮށް ބުނާނަމަ މިއަދު މި ފާހަގަ ކުރާ ފަލަސްތީނުގެ ކާރިސާގެ 75 ވަނަ އަހަރީ މުނާސަބާއަކީ ޒަޔަނިސްޓުންގެ ހަނގުރާމައިގެ ޖަރީމާތަކާ އެއްވަރަށް އިނގިރޭސިންގެ ޣަދަރުވެރިކަންވެސް އޭގާއި ހިމެނޭ ޖަރީމާއެކެވެ.

އިނގިރޭސިންގެ މި ޣަދަރުވެރި ރޭވުމުގެ ސަބަބުން މިއަދު 5 މިލިއަނަށް ވުރެން ގިނަ ފަލަސްތީނު މީހުން ވަނީ ރެފިއުޖީންނަށްވެ ބިކަވެފައެވެ.

ފުރަތަމަ ފަހަރަށް އދން މި ދުވަސް ފާހަގަ ކުރާނީ މިއަދުއެވެ. މިއަދު އދގެ އާންމު މަޖިލީހުގައި ފަލަސްތީނުގެ ކާރިސާގެ 75 ވަނަ އަހަރު ފާހަގަ ކުރުމަށް ބާއްވާ ޖަލްސާގައި ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ބައިވެރިވެ ވަޑައި ގަންނަވާނެއެވެ.

އިނގިރޭސިން ފަލސްތީނަށް ޣަދަރުވެރި ވެފައިވާއިރު، މިއަދާހަމައަށް އިނގިރޭސި އެއްވެސް ސަރުކާރަކުން މައާފަށް އެދިފައެއް ނުވެއެވެ.

އިނގިރޭސި ބޮޑު ވަޒީރުންގެ މުނާފިގުކަމާއި އެމީހުންގެ ޣަދަރުވެރިކަންވެސް ބެލްފޯރާއި، ނަސްލީ ދެކޮޅުވެރި ސިޔާސަތެއް ގެންގުޅުނު ވައިޓް ސުޕްރިމެސިސްޓް ވިންސްޓަން ޗާޗިލްއަށް ވުރެން ދެރައެއް ނޫނެވެ.

2017 ވަނަ އަހަރު ބެލްފޯގެ ވައުދުގެ ސިޓީއަށް ސަތޭކަ އަހަރު ފުރުނު މުނާސަބާ ފާހަގަ ކުރަމުން އޭރުގެ ބޮޑުވަޒީރު ތެރޭސާ މޭ ބުނެފައި ވަނީ ބެލްފޯރުގެ ވައުދަކީ، އެއީ "ތާރީޚުގައި ވެސް އެންމެ މުހިންމު އެއް ސިޓީއެވެ. އެއިން ދައްކައި ދެނީ ޔަހޫދީންނަށް ވަޒަނެއް އުފެއްދުމުގައި އިނގިރޭސިވިލާތުން އަދާކުރި މުހިންމު ދައުރެވެ. އަދި އެއީ އިނގިރޭސިން ފަޚުރުވެރިކަމާއެކު ފާހަގަކުރާނެ އަހަރީ ދުވަހެކެވެ."

ތެރޭސާ މޭ އެބުނާ ސިޓީން ފަލަސްތީނު މީހުންނަށް ލިބުނީ ކެކުޅުމާއި ވޭންތަކެވެ.

ބޮރިސް ޖޯންސަން 2014 ވަނަ އަހަރު ލިޔުނު ފޮތް "ދަ ޗާޗިލް ފެކްޓަރ" ގައި ސިފަކޮށްފައި ވަނީ ބެލްފޯރ ޑިކްލެރޭޝަން އަކީ "އާދަޔާ ޚިލާފް" "ހިތާމަވެރި ގުޅުމެއް ނެތް ޑޮކިއުމެންޓެއް" ކަމަށެވެ. އަދި ތުހުރު ބަހުން އޭނާ ބުނެފައި ވަނީ އެއީ "ޚާރިޖީ ވުޒާރާގެ ތަފާތު ވައްތަރެއްގެ ރނޑ ލިޔުމެއް" ކަމަށެވެ. އެކަމަކު ޖެހިގެން އައި އަހަރު، ލަންޑަންގެ މޭޔާގެ މަގާމުގައި ހުރެގެން ޖޯންސަން އިޒްރޭލަށް ކުރި ދަތުރުގައި ބުނެފައި ވަނީ ބެލްފޯރގެ ވައުދަކީ،"ވަރުގަދަ އެއްޗެއް" ކަމަށެވެ.

ދުނިޔޭގައި މިހާރު ހިނގަމުންދާ ހުރިހައި ނުބައެއްގެ އަސްލަކީ އިނގިރޭސި ރަސްކަމާއި އިނގިރޭސިން ސިޔާސަތެވެ! އެކަން ނިކަން ސާފުކޮށް ފެންނާން އެބަ އޮތެވެ!