ހުޅުމާލޭގައި މިހާރު ކުރިއަށްދާ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ އަހުނާ ނިޒާރު ޓްރިޕަލް ޖަމްޕުގެ ބައިން ޤައުމީ ރެކޯޑު މުގުރާލައިފިއެވެ.

އަހްނާ މި ރެކޯޑު މުގުރާލީ ސަތާރަ އަހަރުން ދަށުގެ އަންހެން ބައިގެ ޓްރިޕަލް ޖަމްޕްގައި 10.63 މީޓަރަށް ފުންމައިގެންނެވެ. ކުޅުދުއްފުށީ އަމިއްލަ އެކަޑަމީއެއްގައި ތަމްރީން ހަދަމުން އަންނަ އުމުރުން އެންމެ 15 އަހަރުގެ އަހްނާ ވަނީ ދާދިފަހުން އުޒްބެކިސްތާނުގައި އޮތް ދުވުމުގެ މުބާރާތެއްގައިވެސް ރާއްޖެ ތަމްސީލް ކޮށްފައެވެ. އަހްނާ ފާހަގަ ކުރެވެނީ ރާއްޖޭގައި މިވަގުތު ހުރި އެންމެ އުއްމީދީ އެތުލެޓިކްސް ކުޅުންތެރިޔާގެ ގޮތުގައެވެ.

ކުރިން މިރެކޯޑް އޮތީ މިދިޔަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކުރި ނޫރާ ޢަބްދުލްޙަމީދު އަތުގައެވެ. އެފަހަރު އޭނާ ވަނީ 10.46 މީޓަރު ދުރަށް ފުންމާފައެވެ.

އަހްނާގެ ފަހަތުން ދެވަނަ ހޯދީ 8.71 މީޓަރު ދުރަށް ފުންމައިގެން ރެހެންދި ސްކޫލްގެ ޙަނާން އަޙްމަދު ޒާހިރެވެ. އަދި ތިންވަނަ ހޯދީ 8.68 މީޓަރަށް ފުންމައިގެން ގއ. ކަނޑުހުޅުދޫ ސްކޫލްގެ މަރްޔަމް ނޫޔާން ނިޔާޒެވެ.

މިއަހަރުގެ އިންޓަސްކޫލް އެތްލެޓިކްސް މުބާރާތުގައި އަތޮޅު ތެރޭގެ 25 ސްކޫލަކުންނާއި މާލޭގެ 22 ސްކޫލަކުން ޖުމްލަ 1500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މަޢުލޫމާތުދެއެވެ.