ހޮންގ ކޮންގއަކީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބިން ތަދު ފަސްގަނޑެވެ. އަދި ބިމުގެ ވިޔަފާރީގައި އެންމެ ފައިދާ ބޮޑު އެންމެ އަގު ބޮޑުތަންވެސް މެއެވެ. ދުނިޔޭގެ މާލީ މަރުކަޒެއްގެ ގޮތުގައި އޮތުމުން ހޮންގ ކޮންގ ގެ ބިމުގެ އަގު ވަނީ މަތިވެގެން ގޮސްފައެވެ.

7.3 މިލިއަން މީހުން ދިރިއުޅޭ، ހޮންގ ކޮންގައި އާބާދީގެ ދެ ލައްކައެއްހާ މީހުންނަކީ، އުމުރުން 35 އަހަރުން ދަށުގެ މީހުންނެވެ. މި މީހުން ދިރިއުޅެނީ، ދަނގަނޑު ކޮށިތަކުގައެވެ. އެއީ ކުދި ތަންތާނގައި ހަދާފައިވާ ބަންކު ބެޑްތަކާއި ޕާޓިޝަން ޖަހާފައިވާ ކޮތަރިތަކުގައި ދިރިއުޅުމުގެ ހުރިހައި ކަމެއް ބިނާ ކުރާ ގޮތަށެވެ. މިއިން ކޮންމެ މީހެއްގެ ވެށްޓަކީ، ކާރެއް ޕާކް ކުރުމަށް ކަނޑައަޅާ ބިންކޮޅަކަށް ވުރެން ކުޑަ ޖާގަ ކޮޅެކެވެ.

ފޮޓޯ: ސޗމޕ

މި ފަސް މަންޒަރުގައި ދެ ކަމަކަށް ބަލާލަމާ ހެއްޔެވެ؟

ހޮންގ ކޮންގ ގެ ޒާތީ މިނިވަންކަމާއި އެއާއެކު އެއްވެސް މިނިވަންކަމެއް ހަނިކުރުމާ ދެކޮޅަށް ކުރާ މުޒާހަރާތަކާއި، ހިންގ ކޮންގ ގެ ބިންތައް ޗައިނާއިން ގަތުމުގެ މައްސަލައެވެ.

މުޅި ވާހަކަ އެންމެ ފޮޅުވަތަކުން ޚުލާސާ ކޮށްލެވޭނެއެވެ.

މުޒާހަރާ ކުރަން ހުއްދަ ދޭނެ ބިމެއް ނެތް އިރު، ޗައިނާއާ ދެކޮޅަށް މީހުން ނިކުމެ ތިބޭނީ ކޮންތާކު ހެއްޔެވެ!

ޑިމޮކްރެސީގެ ރޫހު ކަނޑުވާލުމަށް މައި ފަސްގަނޑުން ގެންގުޅޭ ސްޓްރެޓެޖިއަކީ މިއީއެވެ.

ހޮންގ ކޮންގ ގައި ބިން ގަތުން ވަނީ ހަ ގުނައަށް އިތުރު ވެފައެވެ. ވިހި އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހޮނގް ކޮންގ ގައި ވިއްކި ބިމަކީ އެތައް ބުރިއަށް ހަދާފައިވާ ކާރު ޕާކެކެވެ. މި ތަން ވިއްކާލީ 2.2 ބިލިއަން އެމެރިކާ ޑޮލަރަށެވެ.

ބްލޫމްބަރގްއިން ހޮންގ ކޮންގގައި ބިންގަތުމުގެ އައު ވިޔަފާރި ސިފަ ކުރަމުން ބްލޫމްބާރގުން ތައްޔާރު ކުރި ރިޕޯޓްގައި ސިފަކޮށްފައިވަނީ ހޮންގ ކޮންގ ގެ ބިން ފޭރިގަތުންގެ ގޮތުގައެވެ.

ޗައިނާ އޯވަރސީޒް ލޭންޑް އެންޑް އެންޑް އިންވެސްޓްމެންޓް އިން އެއް އަހަރުގެ ތެރޭގައި ހޮންގ ކޮންގ ގައި 6.6 ބިލިއަން އެމެރިކާ ޑޮލަރު ބިން ގަތުމަށް އިންވެސްޓް ކުރިއެވެ. 2015ގައި އިންވެސްޓް ކޮށްފައިވަނީ 1.46 ބިލިއަން ޑޮލަރެވެ.

ހޮންގ ކޮންގ: 20 ބިލިއަން ޑޮލަރުގެ ސްކައި ސިޓީ

ޗައިނާއިން ދެކެނީ، ޗައިނާގެ ދަރިކޮޅު ރަމްޒުކޮށް ދިނުމުގެ ހައްގު އޮންނާނީ ޗައިނާއަށް އެކަންޏެވެ. އެހެންވެ ޗައިނާއަށް ދެ ދިމާލެއްގައި ގޮން ޖެހުންތަކާ ކުރިމަތިލާން ޖެހިގައި ވެއެވެ.

ޓައިވާންގައި ޗައިނާއާ ދެކޮޅުވެރި ރޫހާއި މިނިވަންކަމަށް ގޮވާލާ ގޮވެލި ކޮންމެ ދުވަހަކު ދަނީ އިތުރަށް ގަދަވަމުންނެވެ. ޗައިނާއިން ކޮންމެ ދުވަހަކުވެސް އަސްކަރީ މަތިންދާ ބޯޓާއި މަނަވަރުތަކުން ވަށައިގެން ބުރުޖަހައި ބިރު ދައްކާ އިރުވެސް މިވެރިން ބިރެއްވެސް ނުގަނެއެވެ.

ދެން އޮތީ ހޮންގ ކޮންގއެވެ. ޗައިނާއިން އެހަކެރިވެ، ޑިމޮކްރެސީއަށް ގޮވާލާ އަޑުތައް މިތާގައިވެސް ގަދަވެފައި ވެއެވެ.

މި ތަންތަން ކޮންޓްރޯލް ކުރުމަށް ޗައިނާއަށް އައު ގޮތްތައް ހޯދަން ޖެހެއެވެ.

ހޮންގ ކޮންގ ކޮންޓްރޯލްކުރުމަށް ހޮންގ ކޮންގގެ ބިންތައް ޗައިނާއަސް މިލްކު ވުމާއި ހޮންގ ކޮންގގެ މުހިންކަން ކަނޑުވާލުމަކީ ޗައިނާއަށް މުހިންމު ކަމެކެވެ.

ޗައިނާއިން ދަނީ ހޮންގ ކޮންގ ފަދަ ދެވަނަ މަރުކަޒެއް ބިނާ ކުރުމަށް ގްރޭޓާ ބޭ އޭރިއާ ޕްރޮޖެކްޓްގެ ނަމުން އަގު ބޮޑު މަޝްރޫއެއް ފަށާފައެވެ. މީގައި ގޮންޖޯއާއި ޝެންޒެންއާއި ޕަރލް ކޯރުގެ އައްސޭރިފަށުގައި ހިމެނޭ އެހެން ސިޓީތައް އެއްކޮށްލެވޭނއެވެ.

މުހައްލިލުން ބުނާ ގޮތުގައި ޓައިވާން ހިފުމަށް ޗައިނާއަށް ހުރަހެއް ނެތެވެ. ނަމަވެސް އެފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ޗައިނާ ސަރުކާރުގެ އަމާޒަކީ ހޮންގ ކޮންގ ގައި ޗައިނާގެ ވެރިކަމާ ދެކޮޅުވެރިކަން ކޮންޓްރޯލްކޮށް އެތަން މައިތިރި ކުރާށެވެ.

އެހެންވެ، ހޮންގ ކޮންގގައި ޗައިނާއިން ތިން ސިޔާސަތެއް ތައާރަފް ކޮށްފައި ވެއެވެ.

ފުރަތަމަ ކަމަކީ ޗައިނާއިން ތައާރަފް ކޮށްފައިވާ ސެކިއުރިޓީއާ ބެހޭ ގާނޫނެވެ. މިއީ ދެކޮޅުވެރިކަމެއް ދެއްކުމަށް ވިސްނާ ކޮންމެ މީހެއްގެ ހިތުގައި ބިރުވެރިކަން އިންދާލާނެ ގާނޫނެކެވެ. އެތައް ބަޔަލު ޖަލަށް ލައި އަދި އެތައް ބަޔަކު ޝަރީއަތަށް ޗައިނާއަށް ފޮނުވާފައި ވެއެވެ.

ދެވަނަ ކަމަކީ، ހޮންގ ކޮންގ ގައި ތިމަން މެންނަކީ ޗައިނާ މީހުން ނޫންކަމަށް ދެކޭ މީހުންނާއި މިފަހުން ހޮންގ ކޮންގއަށް ހިޖުރަ ކުރި މީހުންގެ ދެމެދު ބައިވުމެއް އުފެދުމެވެ. މިއިން ޗައިނާއަށް ވަފާތެރިކަން ދައްކާ މީހުންނަކީ ފަހުން ހިކުރަކުރި، އިގްތިސާދީ ގޮތުން ދަށު ފަންތީގެ މީހުންނެވެ.

ތިން ވަނަ ކަމަކީ ހޮންގ ކޮންގައި ބިން ގަތުމާއި ހޮންގ ކޮންގެ މުއްސަނދިކަން މިހާރު ކޮންޓްރޯލް ކުރާ ތިން އާއިލާ ކޮންޓްރޯލް ކޮށް އެމީހުންގެ މައްޗަށް ސިޔާސީ ނުފޫޒެއް އޮތުމެވެ.

ކޮވިޑާ ގުޅިގެން ހޮންގ ކޮންގގެ އިގްތިސާދު މަޑުޖެހިލި އިރު، ބިމުގެ އެއްވެސް ފިޔަފާރިއެއް މިއަހަރުގެ ކުރީކޮޅު ހިންގާފައެއް ނުވެއެވެ. ނަމަވެސް ފަހުން އިންވެސްޓަރުން އައީ އޮލަކޮށް، ދޮންދޫނި ބައިގަނޑެއް ހެންނެވެ. މިއިން ހޮންގ ކޮންގގެ އިގްތިސާދަށް ކުއްލި ދިރުމެއް ލިބިގެން ދިޔައެވެ.

އޭޝިއާ ޓައިމްސް ފައިނޭންޝަލްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޮގަސްޓް މަހު، ޗައިނާގެ އިންވެސްޓަރުން ވަނީ ދެ އޮފީސް ޓަވަރާއި ހޮޓެލް ބިލްޑިންގއެއް 516 މިލިއަން އެމެރިކާ ޑޮލަރަށް ގަނެފައެވެ.

ހޮންގ ކޮންގ ގައި ޖޫން މަހުން ފެށިގެން ހިންގާފައިވާ ބިމުގެ ވިޔަފާރީގެ 40 އިންސައްތައަކީ ޗައިނާއިން އައިސް އިންވެސްޓް ކުރި މީހުންގެ ވިޔަފާރިތަކެވެ.

ޗައިނާގެ ވަކިތަކުން ސަލާމަތް ވުމަށް ހޮންގ ކޮންގގެ ސާދާގަރުންވެސް ވަނީ ޗައިނާއިން ހޮންގ ކޮންގ ގައި އަޅާ ފިޔަވަޅުތަކަށް ތާއީދުކޮށްފައެވެ.