ވީއައިއޭ އިން މިއަދު ހެނދުނު ފުރައިގެން ދިޔަ މޯލްޑިވިއަން ގެ ބޯޓެއް، ދިމާވި މައްސަލައެއްގައި އަނބުރާ އައިސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓަށް ޖައްސައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯރޓުން، ކާޑެއްދޫ އަދި ކޫއްޑޫ އަށް ފުރި މޯލްޑިވިއަން Q2150 ނަންބަރގެ ބޯޓު އެނބުރި ވީއައިއޭ އަށް ޖައްސައިފިއެވެ. މިއަދު ހެނދުނު ވީއައިއޭ އިން ފުރި މޯލްޑިވިއަންގެ ބޯޓު އަނބުރާ ވީއައިއޭއަށް ޖައްސާފައި ވަނީ ބައިގަޑިއެއްހާ އިރުގެ އުދުހުމަކަށްފަހު 8:36 އެއްގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޯޓު އަނބުރާ ވީއައިއޭ އަށް ޖައްސާފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައެއްގައި ކަމަށް ވެއެވެ. ހުރިހާ ފަސިންޖަރުންގެވެސް ހާލު ރަނގަޅުކަމަށްވެއެވެ. މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ހައްލު ނުވެއްޖެނަމަ އެހެން ފްލައިޓެއްގައި ފަސިންޖަރުން ފުރުވާލާ ގޮތަށް ވެސް ހަމަޖެއްސިއެވެ.

މިހާރު ފުރަން ތައްޔާރުވި މޯލްޑިވިއަންގެ ބޯޓު

އަދި މިހާރު އެބޯޓުގައި ދަތުރުކުރި ފަސިންޖަރުން ގޮވައިގެން މޯލްޑިވިއަންގެ އެހެން ބޯޓެއް ދަނީ ވީއައިއޭއިން ފުރަން ތައްޔާރުވަމުންނެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވިއަންްއާ ގުޅުމަށް މަސައްކަތް ކުރި ނަމަވެސް ގުޅޭ ގޮތެއް އަދި ވަނީ ނުވެފައެވެ.