އިއްޔެ އެމްޑީޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ އެމްޑީޕީގެ ދަފްތަރުން އުނިކޮށް އެކަން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ. އަދި އެކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ކަށަވަރުކޮސްދީފައެވެ.

މަޖިލީހުގެ ބާރަ މެމްބަރުން ހިމެނޭގޮތުން ރައީސް ނަޝީދުގެ އަރިސް ބޭފުޅުން އިއްޔެ އެމްޑީޕީން ވަކިވިއިރު، ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ ޕީޖީގެ ކުރީގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހޯމަ ދުވަހު ވަނީ އެމްޑީޕީން ވަކިކޮށްފައެވެ.

އެމްޑީޕީން އިއްޔެ ވަކިވެފައިވަނީ:

  • އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު ދާއިރާ)
  • އީވާ އަބްދުﷲ (މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު)
  • ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު)
  • އިބްރާހިމް ރަޝީދު، ބޮންޑޭ (މާފަންނު މެދު ދާއިރާ)
  • މުހައްމަދު ރަޝީދު، ބޯދިގު (މައްޗަންގޮޅި އުތުރު ދާއިރާ)
  • އިލްޔާސް ލަބީބް (ހުޅުދޫ ދާއިރާ)
  • މުހައްމަދު ވަހީދު (އުނގޫފާރު ދާއިރާ)
  • ޔާސިރު އަބްދުއްލަތީފް (ކުޅުދުއްފުށީ އުތުރު)
  • ހަސަން އަފީފް (ވިލުފުށި ދާއިރާ)
  • ހުސެއިން ފިރުޝާން (މަޑަވެލި ދާއިރާ)
  • ހަސަން ޝިޔާން (ތޮއްޑޫ ދާއިރާ)
  • އަހްމަދު ޒާހިރު (ގައްދޫ ދާއިރާ)

އީސީން މިކަން މަޖިލީހަށް އަންގާފައި ވަނިކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީއަށް ކަނޑައެޅި ވަގުތު ފިކުރެއްގެ ދިރުމުގެ މެމްބަރުންނަށް ދިން މައްސަލަ ބޮޑުވެ މަޖިލީހުގެ ނިޒާމުވަނީ ގެއްލިފައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގައި އޮންނަ އެމްޑީޕީގެ ދަފްތަރުން އެ މެމްބަރުންގެ ނަން އުނިކުރާނީ މެމްބަރުން ލިއުމުން އެކަން މަޖިލީހަށް އެންގުމުން ކަމަށެވެ.