ކުޑަރުމާ 21

0

އަލްއުސްތާޛު ސަޢުދު ޢަބްދުލް ކަރީމް

“ސައިކަލުގައި ގެއަށް ގެންގޮސްދެންތަ؟” އަސީދު އެހިއެވެ. “ނޫން. ޝުކުރިއްޔާ. އަދި މާއަވަސް. ވަގުތު ޖެހުނީމާ ސައިކަލަށްވެސް އަރާނަން. އަތުގައި ހިފައިގެން ހިނގާލަންވެސް ދާނަން. އަދިވެސް….؟” އާޝިޤާ ހީނލާފައި ބުންޏެވެ. އެހެންވިއްޔާ ކުލީ ކާރެއް ހޯދައިދެންތޯ އަސީދު ހަމްދަރުދީ ފާޅުކުރާ ގޮތެއްގައި ބުނެލިއެވެ. އަސީދު ސައިކަލު އިސްޓާޓްކޮށްލިއެވެ. އަސީދު ސައިކަލު ދުއްވާލުމަށްފަހު އާޝިޤާއަށް ވަކިވުމުގެ ސަލާމްކޮށްލިއެވެ. އަދި އިންތިޒާރުކުރުމަށް ބުނުމަށްފަހު ސައިކަލުގައި ގޮސް އޮބާލައިފިއެވެ.

Advertisement

ޖެހިގެން އައި ދުވަހު އަޙްމަދުބެ އަސީދުއަށް ފޯނުކުރިއެވެ. މެންދުރުގެ ކެއުމަށް އަހްމަދުބެމެން ގެއަށް ދިއުމަށް ދަޢުވަތުދިނެވެ. އަސީދު އަޙްމަދުބޭގެ ޚިޔާލަކަށް އެދި އަވަސްވެފައިވާ ހިތަކާއިގެން އެގެއަށް ދިޔައެވެ. މެންދުރުގެ ކެއުމަށްފަހު އަޙްމަދުބެއާއި އަސީދު ތިބީ އަޙްމަދުބޭގެ ކޮޓަރީގައެވެ. “ކޮއްކޯ އަސީދު. ބޭބެ ތިޔަކަމާ ވަރަށް ބޮޑަށް ވިސްނައިފިން. ތިޔަކަމުގައި ތިޔަ ދެކުދިންގެ ތެރެއިން އެއްކުއްޖެއްގެވެސް ކުށެއްނެތް.  ތިޔައިގެ ދެކުދިންނަކީވެސް މައިންބަފައިންގެ ބަސް ޤަބޫލުކުރާ ދެކުދިން ކަމަށްވާތީ މައިންބަފައިންގެ އެދުމަށް ވަނީ ކައިވެނިކުރެވިފައި. އެކަމާމެދު ކުރިން ވިސްނަންވީ ވަރަށް އެއްކުއްޖަކަށްވެސް ނެތް ވިސްނިފައެއް! ވާނީވެސް އެހެން. މިފަދަ ކަމެއް ދިމާވުމުން ނޫނީ އެކަންކަމުގެ ހުރި އަސަރެއް ނޭނގޭނެ. ތިޔަކުދިން ގަދައަޅާ އިންކާރު ނުކުރާތީ މައިންބަފައިންނަށްވެސް ތިޔަކުދިންގެ ހިތްއޮތްގޮތް ވަނީ ރަނގަޅަށް ނޭނގި! ކޮންމެ މަޔަކާއި ބަފަޔަކުވެސް އަބަދުވެސް އެދޭނީ އެމީހުންގެ ދަރިންނަށް އެންމެ މޮޅު ގޮތްވުމަށް. އެންމެ ރަނގަޅުގޮތް ވުމަށް. ފަހަރެއްގައިވެސް ދެރަގޮތެއް ވުމަކަށް ނޭދޭނެ. އެހެންވީމާ ކޮއްކޮ އެކަމާމެދުވެސް ހިތްބުރަ ނުކުރޭ! ކޮއްކޮމެންނަށް ތިޔަ ދެރަގޮތް ދިމާވީ ކައިވެނިކުރުމުގެ ކުރިން ހަމަ ވިސްނަންވީ ވަރަށް ނުވިސްނުނީމަ! ދެން މިހާރު އެންމެ ރަނގަޅު ގޮތަކީ ވަގުތު ފާއިތުނުކޮށް އަވަހަށް ހަމަޔަކަށް އެޅުވުން.” އަޙްމަދުބޭ ނަޞޭޙަތުގެ ރާގުގައި ބުންޏެވެ. “އަޙްމަދުބޭ ތިޔަ ބުނީ ކީކޭތަ؟ ހަމައަކަށް އަޅުވަން އަޅުގަނޑު ހަދާނީ ކިހިނެއް؟ އަހްމަދުބެވެސް އެރޯލުން ސީދާ ނާޒުލީގެ އަޑުން ދައްކާފައިވާ ވާހަކަތައްވެސް އަޑުއެހީމެއްނޫންތޯ؟”އަސީދު ދެރަވެލާފައި ބުންޏެވެ. “އާނ! އަޙުމަދުބެވެސް މިބުނަނީ ތިޔަ ވާހަކައޭ! ތިޔަކަމުގައި އިތުރު ފަރާތްތަކަށް އެނގި ބޭޒާރުވެ އަބުރު ނުގެއްލެނީސް ތިޔައިގެ ދެކުދިންގެ މައްސަލަ އަބުރުވެރިގޮތަކަށް ނިންމާލަންވީ ވާހަކަ” އަޙްމަދުބޭ ބުނި އެއްޗެއް ތިލަކޮށްލަދިނެވެ. “އަޅުގަނޑުވެސް ތިޔަ ގޮތް އެދޭތީ އަޙްމަދުބޭގެ މަޝްވަރާއަކަށް މިއެދެނީ” އަސީދު ބުނެލިއެވެ. “އަޙްމަދުބޭގެ ވާހަކައަކީވެސް މަޝްވަރާއަކީވެސް ކޮންމެ މީހަކަށްވެސް ރަނގަޅު ދިރިއުޅުމެއް ލިބޭނީ ހަމައެކަނި ތިމާދެކެ ލޯބިވާ އަދި ތިމާ އެމީހަކު ދެކެ ލޯބިވާ މީހަކާ އިނދެގެންކަން ޤަބޫލުކުރުން. މައިންބަފައިންނަކީ ކޮންމެ މީހެއްގެވެސް އެންމެ މުހިއްމު ދެމީހުން. އެހެންނަމަވެސް ފުރާފުރިހަމަވެފައިވާ މީހެއްގެ ހުރިހާ ޖަޒުބާތުތަކެއް މައިންބަފައިންނަކަށް ނޭނގޭނެ. އަދި އަންގައެއްވެސް ނުދެވޭނެ. އެހެންވީމާ ކޮންމެ ދެމީހަކުވެސް ވިސްނަންވާނެ ކައިވެންޏަކީ އެދެމީހެއްގެ ދިރިއުޅުމޭ ކިޔާ ޙަޔާތުގެ ދިގުދަތުރުގެ ފެށުން” އަޙްމަދުބޭގެ ވާހަކަ މިހާހިސާބުން އަސީދު ބުންޏެވެ. “އަހަރުމެން ކައިވެންޏަކާއި ހަމައަށް ދިޔައިރު ތިޔަ ހުރިހާ ކަމެއް ވިސްނޭވަރަށްވުރެ މާޅައީ ކަންނޭނގެ. އަހަރެންވެސް ހީކުރީ ނާޒްލީއާއި އިނީމާ އާޝިޤާގެ މަތިން ހަނދާން ނައްތާލެވިދާނެކަމަށް. އާޝިޤާވެސް އެހެންމީހަކާ ރައްޓެހިވެ ދެމީހުންގެ ގުޅުން މާބޮޑުކަމަކަށްނުވެ ކެނޑިގެން ހިނގައިދާނެކަމަށް. އަދި އެއިރު ވަރަށް ގިނަ މީހުން ބުނި އެކަކަށްވެސް އެމީހަކު އެންމެ ލޯބިވާ މީހެއް އަދި އެންމެ ފުރަތަމަ ލޯބިވާ މީހަކީ ވަރަށް ނުވާނެކަމެކޭ. އެހެންވީމާ ރަނގަޅު މީހަކާ އިނދެލީމާ އެލޯބިވާ މީހާގެ ހަނދާންތައް ނެތިގެން ހިނގާދާނެޔޭ. އެހެންނަމަވެސް އަޅުގަނޑު ހިތަކުން އާޝިޤާއެއް އަދި އާޝިޤާގެ ހިތަކުން އަޅުގަނޑެއްވެސް ނުފިލި.” އަސީދު އެމީހުންގެ ޙާލަތު ތަފްޞީލުކޮށްދިނެވެ. “ކޮއްކޯ ބުނަން ޙަޤީޤީ ލޯތްބަކީ ކަނޑުގެ އަޑީގައި އޮތަސް އަތްވާއި ވާރޭގައި އޮތަސް ދުވަހަކުވެސް އެއިން އުނިވާނެ އެއްޗެއް ނޫން. ގިނަ ހުރަސްތަކާއި ގިނަވޭން އުފުލަންޖެހޭ ވަރަކަށް ޙަޤީޤީ ލޯބިދާނީ ތާޒާވަމުން ހައްތާދާނީ ލޯބި ގަދަވަމުން. ތަރައްޤީވަމުން. ކޮއްކޯ ބުނަން ލޯބީގެ ކުޅިއަކީ ބޭބޭގެ ޅަދުވަހު ބޭބެވެސް ކުޅުނު ކުޅިއެއް” އަޙްމަދުބޭ އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ވާހަކަދެއްކިއެވެ. “އަޙްމަދުބޭ މިކަމުގައި އަޅުގަނޑު ދެން ހަދާނީ ކިހިނެއް؟” އަސީދު ދެރަވެލާފައި ކުޑަކުއްޖަކު އާދޭސްކުރާ ރާގުގައި ބުނެލިއެވެ. “ކޮއްކޯ ވިސްނާ! މައިންބަފައިން ބުނިގޮތް ހެދިމާވެސް ތިޔައޮތީ ރަނގަޅު ގޮތް ނުވެފައި. އެހެންވީމާ އެންމެ ރަނގަޅު ގޮތަކީ ކޮއްކޮއާއި ނާޒްލީ އަދި ފުންކޮށް ވިސްނާފައި ރަނގަޅު ގޮތެއް ނިންމުން. އަޙްމަދުބޭގެ އެންމެ ފަހުގެ ނަޞޭޙަތަކީވެސް އިމާރާތެއްގެ ބިންގާ އެޅިފައި ވަނީ ކައްޗައްކަން ހަމަ އެނގުނު ސިކުންތުންވެސް އިތުރު މަސައްކަތެއް ނުކޮށް އަވަހަށް ތަޅާލާފައި އަލުން ރަނގަޅަށް ސީދާކޮށްފައި ބިންގާ އަޅާށޭ! ކަތި ބިންގަލެއްގެ މައްޗަށް ކުރާ އިމާރާތަކީ ރާޅުޖަހާ ފަށުގައި ތެތްވެލިން ހަދާ ބިނާއެއް ފަދަ އެއްޗަކަށް ވެގެން ހިނގައިދާނެއޭ” އަޙްމަދުބޭގެ ނަޞޭޙަތްކޮޅު އަޑުއަހާލުމަށްފަހު އަސީދު ކިޔަމަންތެރިކަމާއެކު އަޙްމަދުބޭއަށް ޝުކުރުއަދާކުރުމަށްފަހު ދެން ދަނީއޭ ބުނެ ތެދުވެގެން ހިނގައިގަތެވެ. އަސީދު ކޮޓަރިން ނިކުންނަން އުޅެނިކޮށް އަޙްމަދުބޭ ގޮވާލިއެވެ. “ކޮއްކޯ އިހަށް މަޑުކޮށްބަލަ. ބޭބެ އަދި އެއްވާހަކަ ބުނާނަން” އަސީދު ހުއްޓިފައި އަޙްމަދުބެއާއި ދިމާއަށް ބަލާލިއެވެ. “ކޮއްކޯ ބުނަން. ދުނިޔެއަކީ ނުވަތަ ދުނިޔޭގެ ބައެއް ކަންކަމަކީ އަވާމެންދުރެއް ފަދަ ކަންކަން. މުދަލަކީ މާތްﷲގެ ޙައްޤެއް. އެލިބޭނީ އެކަލާނގެ ދެއްވި އަޅަކަށް. އެއްވެސް މީހަކު ދުނިޔެއަށް އަންނަނީ މުދަލާއި ފައިސާ ހިފައިގެނެއްނޫން. އެމީހަކު ގަދަ މަސައްކަތް ކުރީމާ ކޮންމެ މީހަކަށްވެސް މުދަލާއި ފައިސާއާއި ތަނަވަސްކަން ދެއްވާ. މުދަލަށްޓަކައި ތިމާގެ އަބުރު ވެއްޔާ މޮޑެނުލާތި. ދުނިޔޭގައި އިންސާނާގެ އެންމެ އަގުބޮޑު އެއްޗަކީ އޭނާގެ އަބުރު. އޭނާގެ ޢިއްޒަތުއްނަފްސު. އެހެންވީމާ މިކަމަށް ސަމާލުވާތި” އަޙްމަދުބޭ ވަރަށް އަސަރާއެކު މިވާހަކަ ބުނެފައި އަސީދު ދިއުމަށް ހުއްދަދިނެވެ.

އަސީދު ސައިކަލު ދުއްވާލުމަށްފަހު ހިތަށްއެރިއެވެ. މިއަޙްމަދުބެއަކީ ހާދަހާ ހެޔޮ މީހެކެވެ. މީނާގެ އެއްވެސް އަމިއްލަ އެދުމެއްނެތީމާ ތެދުވެރިކަމާއެކު ޚިޔާލު ދިނީއެވެ. ނާޒްލީއަކީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖެކެވެ. ޙަޤީޤީ އިންސާނުންނަކީ އެކަހަލަ ބައެކެވެ. އަޙްމަދުބޭގެ ވާހަކައިން ނުސީދާކޮށް އަހަރެން ޢަމަލުކުރަންވީ ގޮތުގެ ޗާޓެއް ކުރަހާލަދީފިއެވެ. އެހެންނަމަވެސް އަދި އެއްކަމެއް ކުރަން އެބަޖެހެއެވެ. އެއީ އަހަރެންގެ ބައްޕައާއި މިކަމާ މަޝްވަރާކުރަން ޖެހޭނެއެވެ. ބައްޕައާއި މަޝްވަރާނުކޮށް ގޮތެއް ނިންމުމަކީ އަދި މާރަނގަޅު ގޮތަކަށް ނުވާނެއެވެ. ކޮންމެ ގޮތެއްވިޔަސް ބައްޕަގެ އެދުމާ ދެކޮޅަށް ފިޔަވަޅެއް އަޅައިގެން ނުވާނެއެވެ. ބައްޕަ ނުރުހޭކަމެއް ކުރުމަކީ އަސީދަށް ފަހަރެއްގައިވެސް ކުރެވޭނެ ކަމެއްނޫނެވެ. އަސީދު ބޮޑުވިޔަސް ބައްޕަގެ ކަރިއީގައި އަސީދަކީ ކުޑަކުއްޖެކެވެ. ބައްޕަގެ ބަސްކަނޑާފައި ކަމެއްކުރެވޭ ވަރުގެ މީހެއްނޫނެވެ. މަންމައަކާއި ނުލާ ގެންގުޅެ ބޮޑުކޮށް ނިކަމެތި ޙާލުގައި އުޅެމުން ކިޔަވައިދިން ހަނދާން އިއްޔެ މެންދުރުވީ ކަމެއްހެން އަސީދުގެ ކުރިމަތީގައި ހާމަވޭވޭ ހުރެއެވެ.  އެހެންނަމަވެސް އަސީދާއި ނާޒްލީއާ ދެމެދު ހިނގާ އެއްވެސް ކަމެއް ބައްޕައަކަށް ނޭނގޭނެއެވެ. މިކަންތައްތައް ބައްޕައަށް ކިޔައިދޭނީ ކިހިނެއްހެއްޔެވެ؟ މިވާހަކަތައް ދަރިއަކަށް ބައްޕައެއްގެ ގާތުގައި ދެއްކޭނެ ހެއްޔެވެ؟ މިކަން ބައްޕައަށް ޤަބޫލުކުރެވޭނެ ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި އަސީދު ސައިކަލު ދުއްވަމުންދެއެވެ. ބައެއްފަހަރަށް ސައިކަލުގެ ދުވެލި މަޑުވަމުންގޮސް ފުރޮޅު ކިރިޔާ އެނބުރޭވަރަށް މަޑުވެއެވެ. އަނެއްބައިފަހަރަށް ތަންކޮޅެއް ބާރުވެލައެވެ. އެންމެފަހުންގޮސް އަސީދު ގޮތެއްނިންމިއެވެ. އެއީ މިކަމުގައިވެސް އަޙްމަދުބޭގެ އެހީ ހޯދުމެވެ. އަސީދު ޤަބޫލުކުރާގޮތުގައި މިކަމަށް އެންމެ އެކަށީގެންވާ ހެޔޮލަފާ މީހަކީ އަޙްމަދުބެއެވެ. އަޙްމަދުބެއަކީ ޒާތީ ތަޢައްޞުބެއް ނެތް ނަޞްލީ އިމްތިޔާޒެއް ނެތް ރަނގަޅު އިންސާނެކެވެ. އެހެންވީމާ މިކަމުގައިވެސް އަހްމަދުބޭގެ އެހީ ހޯދިދާނެއެވެ.

އަސީދު ގެއަށްވަދެ ނާޒްލީ ގާތު މިއަދު ގެއިން ނުކާނެ ވާހަކަ ބުނެފައި ގެއިން ނިކުމެގެން ހިނގައްޖެއެވެ. އޮފީހަށް ދިއުމަށްފަހު އަޙްމަދުބެއާއި ފޯނުން ގުޅާލިއެވެ. އަހްމަދުބެ: “ކީއްތަވީ މާއަވަހަކަށް ތިގުޅާލީ. އަނެއްކާ ކަމެއް ގޯސްވީތަ؟” “ނޫން ކަމެއް ގޯސްވީއަކީނޫން” އަސީދު ބުންޏެވެ. “ދެން ކީއްތަވީ؟” އަޙްމަދުބެ ބުންޏެވެ. “އަޙްމަދުބޭ ވަރަށް ބޮޑު ކަމެއް ކޮށްދޭންވެއްޖެ. މިއީ ވަރަށް ބޮޑުކަމެއް” އަސީދު ވާހަކަދެއްކިއެވެ. “މިއީ އަޅުގަނޑުގެ ޙަޔާތުގައިވެސް ދިމާނުވާވަރުގެ ކަމެއް.” “އެއީ ކޮންކަމެއް ކޮއްކޯ؟ އަޙްމަދުބެ ކޮށްދޭންވީ ކޮންކަމެއް؟ އަވަހަށް ބުނޭ. އަޙްމަދުބެއަށް ވާވަރުގެ ކަމެއްވިއްޔާ ކޮށްދޭނަން” އަޙްމަދުބެ ޔަޤީންކަމާއެކު ބުނެލިއެވެ. އެކަމަކީ މިވާހަކަތައް ވަރަށް ތަފްޞީލުކޮށް އަޅުގަނޑުގެ ބައްޕަގާތުގައި ދައްކައިދޭންވީ. އަދި މިކަމުގައި ބައްޕަގެ ޚިޔާލެއް ހޯދައިދޭންވީ” އަސީދު ވަރަށް ދެރަވެފައި ހުރި ރާގެއްގައި ބުނެލިއެވެ. “ކޮއްކޯ. ތިޔައީ ކޮއްކޮ އަމިއްލައަށް ކުރަންވީކަމެއް. ކިތަންމެ ބޮޑެތިވިޔަސް ދަރިންނަކީ މައިންބަފައިންގެ ކުރިމަތީގައި ކުޑަކުދިން. އެހެންވީމާ ކުޑަކުދިންނަށް މައިންބަފައިން ގާތު ދައްކަން ނުކެރޭނެ ވާހަކައެއް، ހުށައަޅަން ނުކެރޭނެ ކަމެއް ނޯންނާނެ. އެންމެ ރަނގަޅު ގޮތަކީ ބައްޕައާއި ހަމަ މޫނު ޖައްސައިގެން އިނދެ ވާހަކަދެއްކުން. އެގޮތުން ބައްޕަގެ ލަފައާއި މަޝްވަރާ ހޯދުން ނުވަތަ ހުއްދަ ހޯދުން” އަޙްމަދުބެ ޚިޔާލުދިނެވެ. “އެކަމަކު އަޅުގަނޑަކަށް ބައްޕަ ގާތަކު އެވާހަކަ ދައްކާކަށް ނުކެރޭނެ. އަޅުގަނޑަކީ އެންމެ ކުޑައިރުވެސް ބައްޕައާ މާގިނަ ވާހަކަދައްކާ މީހެއްނޫން. އަދި އަމުދުން މިބާވަތުގެ ވާހަކަ ދައްކާ މީހެއްނޫން” އަސީދު ނުކެރުންތެރިކަން ފާޅުކުރަމުން ވާހަކަދެއްކިއެވެ. “ކޮއްކޯ ތިޔަހާ ލަދު ބޮޑުވިއްޔާ ވަރަށް ގިނަ ފަހަރު ކެހިވާނެ. މިޒަމާނުގައި އެމީހެއްގެ ވާހަކަތައް ދައްކާނީ އެމީހަކު. އިތުރުމީހަކު މެދުވެރިވެގެން ދައްކާ ވާހަކަތަކުގައި ވަރަށް ގިނަ ފަހަރަށް ވަރަށް ބޮޑެތި ގޯސްތައް ހުންނާނެ. އެހެންވީމާ މިކަމުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ” އަޙްމަދުބޭ އަސީދަށް ވިސްނައިދިނެވެ. “އަޅުގަނޑު އަޙްމަދުބެއަށް ފުރިހަމައަށް އިތުބާރުކުރަން. އަޅުގަނޑަށް އެނގޭ އަޙްމަދުބޭ ކަހަލަ މީހެއްގާތުގައި ދައްކާ ވާހަކައަކީ “ފިޔަލާ އުދުހޭ” ވާހަކައަކަށް ނުވާނެކަން. އަދި ވާހަކައިގެ ނަތީޖާވެސް ރަނގަޅުވާނެކަން” އަސީދު އަޙްމަދުބެއަށް ކުރާ އިތުބާރު ހާމަކޮށްދިނެވެ. “އެންމެ ރަނގަޅު. އަހަރެން ކޮއްކޮގެ ބައްޕަ ގާތު ދައްކައިދޭންވީ ކޮން ވާހަކައެއް. ހޯދައިދޭންވީ ކޮން ހުއްދައެއް” އަޙްމަދުބެ މަސައްކަތާ ޙަވާލުވުމުގެ ގޮތުން ވާހަކަދެއްކިއެވެ. “އަޙްމަދުބޭ ދައްކައިދޭންވީ ވާހަކައަކީ އަޅުގަނޑާއި ނާޒްލީއާ ދެމީހުންގެ ދެމެދުގައި ހިނގާފައިވާ ކަންތައްތަކާއި މިހާރު ކަންއޮތް ގޮތުގެ ވާހަކަ. އަދި އަޅުގަނޑާއި އާޝިޤާއާއި ދެމީހުންގެ ދެމެދުގައިވާ ގުޅުމާއި އެގުޅުން އޮތް ހިސާބު އަދި މިކަމުގައި ދެން ޢަމަލުކުރަންވީ ގޮތުގެ ލަފައެއް ހޯދައިދޭންވީ” އަސީދު އަޙްމަދުބެއަށް މަސައްކަތް ޙަވާލުކުރާފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. “އާނ! ތިޔަކަން އިރާދަކުރެއްވިއްޔާ ވޭތޯ ބަލާނަން” އަޙްމަދުބެ އެ މަސައްކަތާއި ޙަވާލުވިއެވެ.

އަސީދު މެންދުރުގެ ކެއުމަށްފަހު ސަރަންފީގައި ލެނގިލައިގެން ޓީވީ ބަލަން އޮތެވެ. ދޮރޯށި ހުޅުވާލާފައި ގެއަށް ވަދެގެން އައީ އަސީދުގެ ބައްޕައެވެ. އަސީދަށް އޭނާގެ ބައްޕަގެ މޫނު ހުރިގޮތް ފެނިފައި ވަރަށް ކަންބޮޑުވިއެވެ. މޫނުމަތިން ކޮންމެވެސް ކަމަކާ ވަރަށް ހިތްހަމަނުޖެހިފައިވާކަން ދޭހަކޮށްދެއެވެ. “ދަރިފުޅާ މިއަދު ހިނގާ ވިލިގިއްޔަށް ދާން” އަސީދުގެ ބައްޕަގެ މޫނުމަތިން ފާޅުވަމުންދާ ހިތްހަމަނުޖެހުން ފޮރުވޭތޯ މަސައްކަތްކުރަމުން ބުންޏެވެ. “ވިލިގިއްޔަށް ދަނީ ކީއްކުރަންތޯ؟” އަސީދު އޭނާގެ ބައްޕައާއި ސުވާލުކުރިއެވެ. “ވިލިނގިލީގައި ހުރި ބައްޕަގެ ރައްޓެއްސަކާއި ބައްދަލުކޮށްލަން. އޭނާ ބުނީ ދަރިފުޅުވެސް އޭނާއަށް ދައްކާލަން ގެނެސްދޭށޭ” އަސީދުގެ ބައްޕަ ބުންޏެވެ. “އެންމެ ރަނގަޅު. ހިންގަވާ ދަމާ. ލޯންޗުގައި ތޯ ދާނީ” އަސީދު ސުވާލުކުރިއެވެ. “ނޫން. ފެރީގައި ދިޔައީމާ ރަނގަޅުވާނެ.” އަސީދުގެ ބައްޕަ ބުންޏެވެ. “ބައްޕާ ކޮންއިރަކުންތޯ ދާނީ؟” އަސީދު ދަތުރު އޮޅުންފިލުވާލުމުގެ ގޮތުން ސުވާލުކުރިއެވެ. “ހަވީރު ހަތަރެއް ޖަހާލާހާއިރު ރަނގަޅުވާނެ” އަސީދުގެ ދެބަފައިން ހަވީރު ވިލިނގިއްޔަށް ދިޔައެވެ. އަދި ވިލިނގިލީގައި ހުންނަ އަލީ ކިޔާ އަސީދުގެ ބައްޕަގެ ރައްޓެއްސަކާއި ބައްދަލުކުރިއެވެ. އެއަލީއަކީ އަސީދުގެ ބައްޕަގެ ވަރަށް ކުރީގެ ރައްޓެއްސެއްކަމާއި އަސީދުގެ މަންމަ މަރުބަލީގައި އޮތް ދުވަސްވަރު ވަރަށް ބޮޑަށް އެހީތެރިވެދިން މީހެއްކަމުގައި އަސީދު ގާތު އޭނާގެ ބައްޕަ ބުނުއްވިއެވެ. އަސީދުގެ ބައްޕަގެ ރައްޓެއްސަކާއި ބައްދަލުކޮށްލުމަށްފަހު ފުރަން އައި މަގުމަތީގައި ފިނި އެއްޗެއް ބޯލަން “ޓީޕޮޓަށް” ވަނުމަށް އަސީދުގެ ބައްޕަ އެދުނެވެ. ވިލިނގިލީ ޓީޕޮޓްގެ ތެރޭގައިވާ ކުދި ގޮޅިތަކުގެ ތެރެއިން ގޮޅިއެއްގައި ދެތަށި ފުރެޝް އޮރެންޖު ހިފައިގެން އަސީދާއި އަސީދުގެ ބައްޕަ ތިއްބެވެ. “ދަރިފުޅާ އަސީދު. ބައްޕަ ވަރަށް ބޮޑު ވާހަކައެއް ދަރިފުޅާ ދައްކާލަން އެބަޖެހޭ” ބައްޕަގެ މިޖުމްލައިން ބައްޕަ ދައްކާނީ ކޮން ވާހަކައެއްތޯ އަސީދު ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް ބައްޕަގެ ކުރިމަތީގައި ސުވާލު ގިނަކޮށް ހެދުމަކީ ދުވަހަކުވެސް އަސީދު ކުރާ ކަމަކަށްނުވާތީވެ އިސްއޮބާލައިގެން ހިމޭނުން އިނީއެވެ. “ދަރިފުޅާ އަސީދު. ބައްޕައަށް ހީވާނީ މިހާރު ދަރިފުޅު ކުރަން ތިޔައުޅެވެނީ މާރަނގަޅު ކަމެއްނޫންހެން” އަސީދުގެ ބައްޕަ އަނެއްކާވެސް ވާހަކަދެއްކިއެވެ. “ދަރިފުޅު ތަންކޮޅެއް ރަނގަޅަށް ވިސްނާލަންވެއްޖެހެން ބައްޕައަށް ހީވަނީ!” “ބައްޕަ ތިޔަ ބުނުއްވީ ކޮންކަމެއްގެ ވާހަކަތޯ؟” އަސީދު އިސްއޮބާލައިގެން އިނދެ ސުވާލުކުރިއެވެ. “ބައްޕަ މިދައްކަން މިއުޅެނީ ބައްޕަގާތު އަޙްމަދު މިއަދު ފާޑެއްގެ ވާހަކައެއް ދެއްކީމާ އެކަމާބެހޭ ވާހަކަ. ދަރިފުޅު ނާޒްލީ ދޫކޮށްލަން ބޭނުންވެގެން އުޅޭކަން އޭނާގެ ވާހަކައިން އެނގުނު. އެއީ ރަނގަޅު ވާހަކައެއްތަ އަޙްމަދު އެދެއްކީ؟” އަސީދުގެ ބައްޕަ ސުވާލުކުރިއެވެ. “ލައްބަ ބައްޕާ. އަޙްމަދުބެ އެދެއްކީ ރަނގަޅު ވާހަކައެއް. އަޅުގަނޑު އަޙްމަދުބެ ގާތު ބުނެގެން ދެއްކި ވާހަކައެއް”  އަސީދު ޖަވާބުދިނެވެ. “ދަރިފުޅަށް އެނގޭތަ ރަނގަޅަށް އުޅޭ ދެމީހެއްގެ ދޭތެރެ ޖައްސަން ވަރަށް ގިނަ ފާޑުފާޑުގެ ވާހަކަ މީހުން ދައްކާނެ. އެހެންވީމާ އެކަމާ ވަރަށް ބޮޑަށް ވިސްނަންވާނެ” “ބައްޕާ އަޅުގަނޑު ގާތަކު އެއްވެސް މީހަކު އެއްވެސް ވާހަކައެއް ނުދައްކާ” އަސީދު އޭނާގެ ބައްޕަގެ ކުރިމަތީގައި ކިޔަމަންތެރިކަމާއެކު ވާހަކަދެއްކިއެވެ. “ދެން ކީއްވެގެން ތިޔައުޅެނީ. މިއޮއް ހާދުވަހު ރަނގަޅަށް ހަމަޖެހިގެން އުޅެފައި މިހާރު އުޅެވެން ނެތިގެން ތިޔައުޅެނީ! ޙުސެއިންދީދީ ނެތްދުވަހު ތިޔަ ގޮތަށް ކަންތައް ކުރީމާ ނާޒްލީއަށް ވާނީ ކިހިނެއް؟ އެފަކީރު ކިހާ ދެރަވާނެ! ދަރިފުޅަށް އެނގޭތަ! ތިޔަ އަޙްމަދުބެއަކީވެސް މާރަނގަޅު މީހެއްނޫން. އޭނާވެސް ހުންނަނީ ޙުސައިންދީދީގެ މުދަލަށް ފެންބޮވައިގެންފައި” “ބައްޕާ ތިޔަހެން ނުބުނުއްވާ. އަޙްމަދުބެއަކީ އެކަހަލަ މީހެއްނޫން. އަޅުގަނޑު އަޙްމަދުބެއާއި އެވާހަކަ ދައްކާފައި ބައްޕަ ގާތު އެވާހަކަ ދައްކާލަދޭށޭ ބުނީ” އަސީދު އަޙްމަދުބޭ ދިފާޢުކުރުމުގެ ގޮތުން ވާހަކަދެއްކިއެވެ. އަސީދު އޭނާގެ ހިތުގައި އެތަކެއް ދުވަހުއްސުރެ ރައްކާކޮށްފައިވާ ދިލަ އުދާސްތައް ބޭރުކޮށްލަން މަސައްކަތްކުރިއެވެ. “ބައްޕައަކަށް އެނގިއެއްނުލައްވާނެ އަޅުގަނޑާއި ނާޒްލީއާ ދެމީހުންގެ ދޭތެރޭގައި ކަންތައް ހުރިގޮތެއް. ވޭތިވެދިޔަ އަހަރުތަކުގައިވެސް އަޅުގަނޑު އުޅުނީ ހަމަޖެހިގެނެއްނޫން. ހިތާމައާއި ހިތްދަތިކަމުގެ ދިގު ދުވަސްތަކެއް ވޭތުވެގެން ދިޔައީ. އަޅުގަނޑު ނާޒްލީއާ އިނީވެސް ހިތާދެކޮޅަށް. ބައްޕައާ ޙުސެއިންދީދީގެ އެދިލެއްވުމަށް އިންކާރުކޮށް މޫނުގައި ކޮޅުފައިން ނުޖަހަންވެގެން” އަސީދު އޭނާގެ ބައްޕައަށް އޮޅުންފިލުވައިދިނެވެ. “އެއިރުވެސް އަދި މިހާރުވެސް އަޅުގަނޑު ލޯބިވަނީ އާޝިޤާދެކެ.އަޅުގަނޑަކަށް އާޝިޤާއާ ވަތްކަކަކުން ދިރިއެއްނުހުރެވޭނެ” “ދަރިފުޅާ ތިޔަ އާޝިޤާއަކީވެސް ރާއްޖެތެރޭ ކުއްޖެއް. ދަރިފުޅުމެން ދެމީހުން ގުޅިގެން ދިރިއުޅޭނީ ކޮންތާކު؟” އަސީދުގެ ބައްޕަ ސުވާލުކުރިއެވެ. “އަޅުގަނޑުމެންގެ ރަށުގައި. އަޅުގަނޑު މިމުއްސަނދިކަމެއް ބޭނުމެއްނޫން. އަޅުގަނޑު މިހަލަބޮލި މާޙައުލުގައި އުޅޭކަށް ބޭނުމެއްނޫން. އަޅުގަނޑު ބޭނުމީ އަޅުގަނޑުގެ މަންމަ އުޅެ ނިޔާވި ފަސްގަނޑުގައި އުޅެން. އަޅުގަނޑުގެ މަންމަ އުޅެ ނިޔާވި ގޭގައި އުޅެން. އަޅުގަނޑުގެ މަންމަގެ މަހާނަ ފެންނަ ފަށުގައި އުޅެން. ހަމައެކަނި އަޅުގަނޑު ދެކެ ލޯބިވާ މީހަކާއެކު ހަމަހިމޭން ދިރިއުޅުމެއް އުޅެ ނިމިދާން” އަސީދަށް ރޮވޭގޮތް ވެއްޖެއެވެ. އަސީދުގެ ލޮލުން ކަރުނަ ފައިބާތަން ފެނުމުން އަސީދުގެ ބައްޕަ ވަރަށް ދެރަވެއްޖެއެވެ. އަސީދަކީ ހިތުގެ ބަލީގެ މީހެއްކަން ހަނދާންވުމުން މިދެއްކޭ ވާހަކައާމެދު އަސީދުގެ ބައްޕަ ވަރަށް ދެރަވެއްޖެއެވެ. “ދަރިފުޅު ދެން ތިޔަގޮތް ބޭނުންވިޔަސް ނާޒްލީއާ މެދުވެސް ވިސްނަންވާނެއެއްނު. ނާޒްލީއަކީވެސް މައެއް ބަފައެއް ނެތްކުއްޖެއް. އޭނާ ކިހާ ދެރަވާނެ. އޭނާގެ މިއޮތް ބޮޑު މުދާގަނޑު ބަލަހައްޓައިދޭނީ ކާކު؟ ދުވަސްކޮޅެއް ވާއިރަށް އޭނާގެ އަތްމަތި ހުސްވެ ސަލާން ޖަހަން ނިކުންނަ ހިސާބަށް ދާނެ މިތަކެތި ބަލަހައްޓައިދޭނެ މީހަކު ނެތިއްޔާ” އަސީދުގެ ބައްޕަ ނާޒްލީގެ މައްޗަށް ހަމްދަރުދީ ފާޅުކުރިއެވެ. “ބައްޕާ. ބައްޕައަކަށް އެނގިއެއްނުލައްވާނެ. ނާޒްލީވެސް އޭނާ ލޯބިވާ މީހަކު މިހާރު ހޯދައިފި. ނާޒްލީވެސް މިހާރު ބޭނުންވަނީ އަޅުގަނޑާއި ވަކިވާން” “ކިހިނެއްތަ ދަރިފުޅަށް އެކަން އެނގުނީ؟” އަސީދުގެ ބައްޕަ ސުވާލުކުރިއެވެ.  “ބައްޕާ މިއީ ތޯތޯ ވާހަކައެއްނޫން. އަޅުގަނޑު ލޮލުން ދެކި އަތުން ހިފައިފިން. އަޑާއި މަންޒަރުވެސް ރެކޯޑްކޮށްފިން. ބައްޕަ ބޭނުމިއްޔާ އަޙްމަދުބެއާއި ސުވާލުކޮށްބަލަ. އިތުރަށް ތަފްޞީލު ލިބޭނެ” އަސީދު އަސަރާއެކު ކިޔައިދިނެވެ. “ދަރިފުޅާ! އެއީ ކާކުތަ؟ ނާޒްލީ ގައިގައި އަޅައިގަނެގެން ތިޔައުޅެނީ؟” ރުޅިވެރި ރާގެއްގައި އަސީދުގެ ބައްޕަ ބުނެލިއެވެ. “ބައްޕާ! އެދޭތެރެއަށް ވަންނަން ނޫޅުނިއްޔާ ރަނގަޅުވާނީ. ނާޒްލީވެސް އޭނާ ގޮވައިގެން އުޅެވޭވަރުގެ މީހަކު ހޯދީ ކަންނޭނގެ. އެމީހަކީ ނަޔާޒު” އަސީދު އޮޅުންފިލުވައިދިނެވެ. “ދަރިފުޅާ އެއީ އަތުކުރީ ހަރުފައެއްދޯ؟ ދަރިފުޅުގެ ރައްޓެހިކަމުގައި އައިސް ދަރިފުޅުގެ އަންހެނުން ހައްލުވައިލައިގެން އެއުޅެނީ” އަސީދުގެ ބައްޕަ އަޑަށް ބާރުލާފައި ބުންޏެވެ. “ބައްޕާ. އެއީ އެމީހުންގެ ކުށެއްނޫން. ވޭތުވެދިޔަ ދުވަސްތަކުގައިވެސް އަޅުގަނޑުގެ ފުށުން ނާޒްލީއަކަށް ފުރިހަމަ ލޯތްބެއް ފުރިހަމަ އަޅާލުމެއް ނުދެވޭ. އަނެއްކޮޅުން ނަޔާޒާއި ނާޒްލީއާ ގުޅުނީވެސް އަޅުގަނޑުގެ ސަބަބުން. އަޅުގަނޑަށް އެގޮތަށް ޢަމަލުކުރެވުނީ. އެދެމީހުން އެކުގައި މަސައްކަތްކުރާނެ ފުރުޞަތު އަޅުގަނޑަށް ދެވުނީމާ. މިހާރު އެދެމީހުންނަކީ އެކަކު އަނެކަކާ ވަކިނުވެވޭވަރަށް ނުވަތަ ވަކިން އުޅެން ދަތިވާ ވަރަށް ގުޅިފައިވާ ދެމީހުން” އަސީދު އޭނާގެ ބައްޕައަށް ޙާލަތު އޮޅުންފިލުވައިދިނެވެ. އަސީދުގެ ބައްޕަ ކުޑައިރުކޮޅަކު އިސްއޮބާލައިގެން އިނދެފައި “ދެން ތިޔަކަމުގައި ބައްޕަ ބުނާނެ އެއްޗެއް ނެތް. ދަރިފުޅަށް ފެންނަ ގޮތަކަށް ކަންތައް ކުރީމާ ރަނގަޅުވާނެ” އަސީދުގެ ބައްޕަ ބުންޏެވެ. އެއަށްފަހު ބިލަށް ފައިސާ ދެއްކުމަށްފަހު ދެބަފައިން ނިކުމެގެން މާލެއައެވެ.

އަސީދު ވަރަށް އަވަދިނެތި ހަރަކާތްތެރިވަމުން ދަނީ މާދަމާރޭ ބާއްވަން ޤަޞްދުކޮށްފައިވާ ޕާޓީގެ އިންތިޒާމުތައް ހަމަޖެއްސުމުގައެވެ. ރިސޯޓުގެ ހުރިހާ މުވައްޒަފުންހެން މިކަމުގައި ބައިވެރިވެއެވެ. އިސްވެހުރީ ނަޔާޒެވެ. ނަޔާޒު އަސީދުގެ އެންގުންތަކާ އެއްގޮތަށް މުވައްޒަފުން ލައްވާ ކަންތައްތައް ކުރުވަމުން ގެންދެއެވެ. ނަމަވެސް ހަމައެކަކަށްވެސް މިޕާޓީއަކީ ކޮންކަމަކާ ގުޅޭ ކޮން މުނާސަބަތެއް ފާހަގަކުރާ ޕާޓީއެއްކަމެއް ނޭނގެއެވެ. މިކަމާ ވަރަށް ގިނަ މުވައްޒަފުން ނަޔާޒާއި ސުވާލުކުރިއެވެ. ނަމަވެސް ނަޔާޒަށް މިކަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ދޭކަށް ނޭނގެއެވެ. އަސީދު ކާޑު ޗާޕްކުރީވެސް ސިންގަޕޫރަށް ފޮނުވައިގެންނެވެ. ކާޑުތައް ޗާޕްކޮށްގެން ގެނައިއިރު ކާޑުތައް ހުރީ ސިޓީ އުރައަށް ލާ ބަންދުކޮށް ނިމިފައެވެ. ކާޑުތައް ގެނައުމާއެކު ފޮނުވާލީ ޕޯސްޓަށެވެ. މިކަމަކުންވެސް އެއްވެސް މަޢުލޫމާތެއް ނުލިބުނެވެ.

އަސީދު ދުވަހުގެ ބުރަ މަސައްކަތްތަކުން ނިމިގެން ގެއަށް ގޮސް ފެންވަރާލުމަށްފަހު އެނދުގައި ހުރަހަށް ޖައްސާލިއެވެ. ނާޒްލީ އައިސް އަސީދުގެ ގާތުގައި ހުރަހަށް ޖައްސާލިއެވެ. “މިއަދު ހާދަ ބުރަކޮށް އުޅެފައި އައިހެން ހީވޭ” ނާޒްލީ އަސީދުގެ ބޮލާ ކުޅެލަމުން ބުންޏެވެ. “އާނ! މިއަދު މިއައީ ވަރަށް ބުރަކޮށް މަސައްކަތުގައި އުޅެފައި” އަސީދު ބުނެލިއެވެ. “އެއީ ކޮންކަމެއް. އަނެއްކާ މާބުރަކޮށް ކޮށްލީ؟” ނާޒްލީ ދެވަނަ ސުވާލުކޮށްލިއެވެ. “އެއީ މާދަމާ ރޭ ބާއްވާ ޕާޓީއަކަށް ތައްޔާރުކޮށްލަންވެގެން” އަސީދު ޖަވާބުދިނެވެ. “އެއީ ކޮންކަމަކާ ބެހޭ ޕާޓީއެއްތަ؟” ނާޒްލީ ސުވާލަކަށް ފަހު ސުވާލެއްކުރަމުންގެންދެއެވެ. “އެއީ އަދި މިހާތަނަށް އަހަރެން ނޫން އެއްވެސް މީހަކަށް ނޭނގޭ ސިއްރެއް” އަސީދު ޖަވާބުދިނެވެ. “އަހަރެން މިއީ އެއްވެސް މީހެއްނޫނެއްނު. އަހަރެންމީ އަސީދުގެ އަލަތު އަނބިމީހާނު. އަނބިންނަށް ނޭނގޭ ސިއްރެއް ފިރިންގެ ފިރިންގެ ކިބައިގައި އޮތުމަކީ ރަނގަޅުކަމެއްނޫން” ނާޒްލީ ފަޚްރުވެރިކަމާއެކު ބުނެލިއެވެ. “އެހެންވެގެންނޭ މިޕާޓީ ބާއްވަން މިއުޅެނީވެސް” އަސީދު ބުނެލިއެވެ. “މިޕާޓީގައި ފޮރުވިފައިވާ ސިއްރުތަކެއް ހާމަވާނެތަ؟” ނާޒްލީ މަޖާގޮތަކަށް ހީނލާފައި ބުންޏެވެ. “އާނ! މި ޕާޓީއާއި ގުޅިގެން ސިއްރުތަކެއް ފާޅުވާނެ. އެކަމަކު ރަށްމެދަކަށްނޫން. އަހަރުމެން އެކަކު އަނެކަކަށް ފޮރުވާފައިވާ ނުވަތަ ފޮރުވިފައިވާ ކަންތައްތަކެއް” އަސީދު ސަމާސާ ރާގަކަށް އެއްމިޔަކަނުން ހީނލާފައި ބުންޏެވެ. “ދެން ބުނެބަލަ. ކޮންކަމަކާ ގުޅޭ ޕާޓީއެއްތަ؟” ނާޒްލީ އާދޭސްކުރާ ރާގެއްގައި ބުނެލިއެވެ. “މިއީ ނާޒްލީގެ 22ވަނަ ބާތުޑޭ ޕާޓީ” އަސީދު ހީނލާފައި ބުންޏެވެ. “ބޮޑެތިމީހުންގެވެސް ބާތުޑޭ ޕާޓީ ބާއްވާތަ؟” ނާޒްލީ ސުވާލުކުރިއެވެ. “ކުޑަކުދިން ނެތް މީހުން ބާއްވާނީ ބޮޑެތި މީހުންގެ ޕާޓީއެއްނު. ނާޒް ޤަބޫލުނޫނިއްޔާ ބާއްވާނީ އަހަރެންގެ ބާތުޑޭ ޕާޓީ” އަސީދު ޖަވާބުދިނެވެ. “ކޮންމެހެންވެސް ބާތުޑޭ ޕާޓީއެއް ނުބާއްވާ ވާކަށް ނެތްދޯ؟ ނާޒްލީ ބުނެލިއެވެ. “އާނ! މިފަހަރު ނުބާއްވާ ވާކަށްނެތް” އަސީދު ޖަވާބުދިނެވެ. “އެހެންވިއްޔާ އަސީދަށް ފެންނަ ގޮތަކަށް ބާއްވާ”

އަސީދު ކުއްލިއަކަށް ކަމެއް ހަނދާންވާ ކަހަލަ ގޮތަކަށް ފުންމައިގެން ތެދުވެ ގަމީސްލިއެވެ. އަވަސްއަވަހަށް ތައްޔާރުވާން ފެށުމުން ނާޒްލީ ހައިރާންކަމާއެކު ސުވާލުކުރިއެވެ. “އަނެއްކާ ކީއްވީ؟” “މާބޮޑުކަމެއް ނުވޭ، މިރޭ ކޮންމެހެންވެސް ނިންމަންޖެހޭ ކަމެއް ނިންމާލަންވެގެން މިދަނީ. ހަމަ ދެންމެ މިހަނދާންވީ” އަސީދު ބުންޏެވެ. “އަނެއްކާ ކޮންކަމެއް؟” ނާޒްލީ ސުވާލުކުރިއެވެ. “އެއީ މާދަމާ ރެއަށް ނިންމަންޖެހޭ ވަރަށް މުހިއްމު ލިޔުމެއް” ” “މިރޭ މިދަންވަރު ނުނިންމިއްޔާ އެނުނިންމޭނެތޯ” ނާޒްލީ އަސީދު މަޑުކުރުވުމުގެ ގޮތުން ސުވާލުކުރިއެވެ. “އާނ! އެއީ ވަރަށް ހަމަޖެހިގެން އިނދެ ކުރެވޭ ކަހަލަ ކަމެއް. ދުވާލުގެ ހަލަބޮލި ވަގުތުތަކުގައު ކުރެވޭ ކަހަލަ ކަމެއްނޫން” އަސީދު ޖަވާބުދިނެވެ. “އަހަރެން މިއުޅެނީ މިރޭ އަސީދާ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން” ނާޒްލީ އަސީދު ގާތަށް ޖެހިލަމުން ބުންޏެވެ. “އެއީ ކޮންކަހަލަ ވާހަކައެއް. އަވަހަށް ދައްކާލާ” އަސީދު ރުންކުރުގޮތަކަށް ބުނެލިއެވެ. “ނޫން މިވަގުތަކު ނުދެއްކޭނެ. އެއީ ވަރަށް ހަމަޖެހިގެން ދެއްކޭނެ ވާހަކައެއް. އެއީ އަހަރުމެން ދެމީހުންގެ ދިރިއުޅުމާ ބެހޭ ވާހަކައެއް” ނާޒްލީ ވާހަކައިގެ ބާވަތް ބުނެދިނެވެ. “އެހެންވިއްޔާ ތިޔަ ވާހަކަ މާދަމާއަކު ނުދެއްކޭނެ. އަދި މާދަމާ ރެއަކުވެސް ތިޔަފަދަ ވާހަކައަކަށް ވަގުތެއް ނުލިބޭނެ. މާދަމާރޭ ޕާޓީ ނިންމާލާފައި އެހެން ރެއަކުން ތިޔަކަމަށް ވަޤުތު ހޯދާނީ” މިހެން ބުނެފައި އަސީދު ނިކުމެގެން ސައިކަލަށް އަރައިގެން ހިނގައްޖެއެވެ. އަސީދު ދިއުމުން ނާޒްލީ ވިސްނާލިއެވެ. އަސީދު ބާއްވަން މިއުޅޭ  ޕާޓީއަކާއި މިހާރު އަސީދުގެ ބައެއް ކަންކަމަށް އަންނަމުންދާ ބަދަލުތަކާ މެދުގައެވެ. ނާޒްލީ ބޭނުންވާ ކަންތައް އަސީދަށް ހުށައަޅާނެ ރަނގަޅު ގޮތަކާ މެދުގައެވެ. އަސީދު މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެއެވެ. މިހާރު ނާޒްލީއަށް ކުރިއާ އަޅާ ބަލާއިރު މާބޮޑަށް އަޅާލައެވެ. ގާތްކަން ބަހައްޓައެވެ. އެހެންނަމަވެސް ނާޒްލީ ދެކޭގޮތުގައި މިހާރު ވަޤުތު ފާއިތުވެއްޖެއެވެ. މިހާރު ނާޒްލީ ބޭނުންވަނީ ނަޔާޒެވެ. އެހެންނަމަވެސް މިކަން އަސީދަށް އަންގާނީ ކިހިނަކުން ހެއްޔެވެ؟ މީހަކު މެދުވެރިކޮށްފިނަމަ އަމިއްލައަށް ބޭޒާރުވީއެވެ. އެތައް ބަޔަކަށް ބޭޒާރުވާނެއެވެ. އަމިއްލައަށް އެފަދަ ވާހަކައެއް އަތްބަކަށް ވެހުރެ ފިރިއަކު ގާތުގައި ދައްކާނީ ކިހިނެއްހެއްޔެވެ؟ ނާޒްލީ މިފަދަ ޚިޔާލުތަކެއްގެ ތެރޭގައި އޮއްވާ ނިދިއްޖެއެވެ. އަސީދު އޮފީހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ބަލާލިއިރު ގަޑިން ރޭގަނޑުގެ 10:30 ވަނީއެވެ. ބޮޑު ގަނޑުކަނޑާ ފޮތަކާއި ގަލަމެއް ނަގައިގެން ލިޔަން ފެށިއެވެ. ވަރަށް ވިސްނުންތެރިކަމާއެކު ލިޔަމުން ގެންދެއެވެ. ބައެއް ފަހަރު ގަލަން ބޭއްވުމަށްފަހު ވިސްނަން އިދެއެވެ. އަނެއްބައިފަހަރު ގަލަމުގެ ތުނޑަށް ބާރުލާފައި އަވަސްއަވަހަށް ލިޔަމުން ގެންދިޔައެެވެ. އަސީދު ލިޔުނު އެއްޗެއް ލިޔެ ނިންމާލިއިރު ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އަދި ވަރުބަލިކަންވެސް މޫނުމަތީން ފާޅުވޭވޭ ހުއްޓެވެ. އަސީދު ލިޔުނު ކަރުދާސްތައް އެއްކުރުމަށްފަހު ހީރަސް ޖަހާލިއެވެ. ގަނޑުތަކުގައި ތަރުތީބުން ނަންބަރު ޖަހާލުމަށްފަހު ގޮނޑީގައި ހަމަޖެހިލިއެވެ. އަދި ލިޔުނު އެއްޗެއް ކިޔާލިއެވެ. ކިޔުމުގެ ތެރޭގައި ބައެއް ކުށްތައްވެސް އިޞްލާޙުކުރިއެވެ. އެއަށްފަހު މިކަރުދާހުގެ ބޮޑުމިން ހުރިވަރުގެ ރީތި ފޮއްޓަކަށް މިކަރުދާސްތައް ލިއެވެ. އެކަރުދާސްތަކުގެ މަތީގައި މޫވީ ރޯލަކާއި ކެސެޓް ރޯލެއް ބޭއްވިއެވެ. އެއަށްފަހު މޭޒު ވަތްގަނޑުން ކުޑަރުމާލެއް ނެގިއެވެ. އެރުމާލުގެ މެދުގައި ވަރަށް ރީތި ފޮޅިފައިވާ ރަތް ފިނިފެންމަލެއް ޖަހާފައިވެއެވެ. އަސީދު މޭޒު ވަތްގަނޑުން ނެގި ޖޫޕް ސެންޓު ފުޅިއެއް އެރުމާލަށް ޖެހުމަށްފަހު، އެރުމާ ފޮށިތެރޭގައި ރީތިކޮށް ފަތުރާފައި ބޭއްވުމަށްފަހު ފޮށި ލައްޕާލިއެވެ.

ވަރަށް  ރީތިކޮށް ފޮށި ޕާރުސަލްކޮށްލިއެވެ. އެއަށްފަހު ޕާރުސަލް މަތީގައި ރިބަން ހަރުކޮށްލިއެެވެ. އެންމެފަހުން ފޮޅިފައި އިން ރަތް  ފިނިފެންމަލެއް ޕާރުސަލްމަތީގައި ހަރުކުރިއެވެ. ޕާރުސަލް އަލަމާރިއަށްލާ ރައްކާކުރުމަށްފަހު އަސީދު ގަޑިއަށް ބަލާލިއެވެ. އޭރު މެންދަމު އަލިވެ 2 ޖަހަނީއެވެ. އަސީދު އޮފީހުން ނިކުމެގެން ގެއަށް ދިޔައެވެ. ގެއަށް ގޮސް ހެދުން ބަދަލުކޮށްގެން ނިދަން އޮށޯތުމުގެ ކުރިން ވަރަށް ރަނގަޅަށް ނާޒްލީއަށް ބަލާލިއެވެ. ލޯބި ނުވިޔަސް އެތައް ޒަމާނެއްގައި ގުޅިގެން އަތްބެއްގެ މަޤާމުގައި އިން މީހާއާއި ވަކިވުމުގެ ވަދާޢީ ބެލުމަކުންނެވެ. އަދި ކޮޓަރީގެ ތެރޭގައިވާ ކޮންމެ އެއްޗަކަށް ވަކިވަކިން ބަލާލިއެވެ. ހީވާނީ ކޮންމެ އެއްޗެއްވެސް ވަކިވުމުގެ ހިތާމަކުރާ ހެންނެވެ. އަސީދުއަށް ނިދުނީ 3:30ވި ފަހުންނެވެ. އަސީދަށް ނިދެމުން ދިޔައިރުވެސް އޭނާއަށް ނޭނގޭ އާދަޔާ ޚިޔާފު އިހްޞާސްތަކެއް ވެރިވަމުން ދިޔައެވެ.

ކުލަކުލައިގެ ނިވި ދިއްލޭ ބޮކިން ޒީނަތްތެރިކޮށްފައިވާ ރިސޯޓް  މިރޭ ހީވަނީ އަލަތު ކައިވެންޏަކަށް ތައްޔާރުވެފައިވާ އަންހެންކުއްޖެއްހެންނެވެ. ހުރިހާ މުވައްޒަފުންހެން ހަރަކާތްތެރިވަނީ މިރޭގެ ޕާޓީގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތުގައެވެ. ބައެއް ހެދިކާއާއި ބުއިންތައް ތައްޔާރުކޮށްފައިވަނީ މާލޭގައި ހުންނަ ރެސްޓޯރެންޓަކުންނެވެ. ބައެއް ކަހަލަ ކޭކު ސިންގަޕޫރުންވެސް ގެނެސްފައިވެއެވެ. ނާޒްލީވެސް ވަަރަށް ރީތިކޮށް ނަލަ ހެދިލައިގެން ޕާޓީއަށް ދިޔައެވެ. އަސީދުމެންގެ ހުރިހާ ވިޔަފާރިއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ދަތިނުވާ ވަރަށް ވަޒީފާގައި ބައިތިއްބާފައި ބާކީ ހުރިހާ މުވައްޒަފުން ޕާޓީއަށް ހާޒިރުވިއެވެ. ދަޢުވަތު އެރުވިފައިވާ މެހެމާނުން ޕާޓީއަށް ހާޒިރުވިއެެވެ. އޭގެތެރެއިން މެހެމާނުން ބާތުޑޭ ހަދިޔާވެސް ގެނައެވެ. ޕާޓީއަށް އަންނަމުންދާ މީހުންނާއި ނާޒްލީ ސަލާމްކުރަމުން ގެންދެއެވެ. އަސީދު އެމީހުންގެ ކައިވެނީގެ ރޭ އިންތިޒާރު ކުރިފަދައިން މިރޭވެސް އިންތިޒާރުކުރަނީއެވެ. ހަމަ އެންމެ މީހަކަށެވެ. އެރޭވެސް އިންތިޒާރުކުރި މީހާއަށެވެ. ދަޢުވަތު އެރުވިފައިވާ ގަޑި ހަމަޖެހުނު އިރު އެންމެ ފަހުން ޕާޓީއަށް ވަދެގެން އަންނަނީ ބަލާމީހުންގެ ލޯތަކަށް ޒުވާން ދެމަފިރިންނެވެ. އެހެންނަމަވެސް ޙަޤީޤަތް އެނގޭ އަސީދަކަށް އެއީ ކޮންބައެއްކަމެއް ނޯޅެއެވެ. ޢާލިމާއި ޢާޝިޤާ އައިސް ނާޒްލީއާއި ސަލާމްކުރުމަށްފަހު ޕާޓީއާއި ގުޅިއްޖެއެވެ. އަސީދުގެ އިންތިޒާރުތަކަށްވެސް ނިމުމެއް އައީއެވެ.

Advertisements