ކޮރެއާ އިން ރާއްޖެއަށް ގެނައި އާ ބޯޓު "ޖަޒީރާ 103" އިން މަސްކިރަން މިއަދު ފަށައިފި އެވެ. މިއީ މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް އެ ކުންފުނިން ގަތް ހަތަރުވަނަ މަސް ބޯޓެވެ. "ޖަޒީރާ 103" ރާއްޖެ ގެނައީ މިދިޔަ މަހުގައެވެ.

'ޖަޒީރާ 103' މަސް ކިރަން ފެށީ މިއަދު ގދ. ފަރެސްމާތޮޑާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގަތެވެ.

މަސްވެރިކަމުގެ ތަރައްގީއަށް މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާއަށް އަރާ ކަމަށް، މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވަނީ ވިދާޅުވެފައެވެ. އަދި މިއީ ރާއްޖޭގެ މަސްވެރިކަމުގެ ތާރީހުގައި ވެސް ނުހިންގާ ވަރުގެ ބިޔަ މަޝްރޫއުތަކެއް ކަމަށާއި އެއް ބިލިއަން ރުފިޔާއާ ކައިރި ކުރާވަރުގެ މަޝްރޫރުތަކެއް މި ސަރުކާރުން މަސްވެރިންނަށް ކުރިއަށް ކުރިއަށް ގެންދާ ކަމަށްވެސް ފައުޒީ ވިދާޅުވި އެވެ.

އެ ހަފުލާގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ވިދަޅުވީ މަސްވެރިކަން ކުރިއެރުވުމަށްޓަކައި މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުގައި އެއް ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ޕްރޮޖެކްޓުތައް ހިންގަމުން ގެންދާ ކަމަށެވެ.

ޖަޒީރާ 103 އާއެކު މިފްކޯގެ ކެޕޭސިޓީ މިވަނީ 5027 މެޓްރިކް ޓަނަށް އަރާފައި ކަމަށާއި އަންނަން އޮތް އަނެއް ތިން ބޯޓު އައުމުން އެ އަދަދު 5887 މެޓްރިކް ޓަނަށް އިތުރުވެގެންދާނެ ކަމަށް އަމީދު ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ހަތަރު އަހަރު މަސްވެރިކަމަށް އެންމެ ބޮޑެތި އިންގިލާބުތައް ގެނެސްދިން ކަމަށާއި މަސްވެރިންގެ ހުރިހާ ޝަކުވާތަކަކަށް ހައްލު ހޯދައިދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން 2022 ވަނަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް މިފްކޯއިން މަސް ގަތް އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަންވެސް އެރުވިއެވެ.

މިފްކޯގެ 29 އަހަރުވީ ތާރީހުގައި ވެސް އެންމެ ގިނަ ކަންތައްތަކެއް މަސްވެރިންނަށް ކޮށްދެއްވީ މި ސަރުކާރުންކަން ފިޝަރީޒް މިނިސްޓަރު، ޑރ. ހުސެއިން ރަޝީދު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

ރާއްޖޭގައި 17،000 އަށްވުރެ ގިނަ މީހުން މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާއިރު، ބާނާ މަސްކޮޅު ކިރާ ނުލެވުމުގެ ޝަކުވާއަކީ އަބަދު ވެސް މަސްވެރިން ކުރާ ޝަކުވާއެކެވެ. ޖަޒީރާ ސީރީޒްގެ ހުރިހާ ބޯޓުތަކެއް ރާއްޖެއަށް ގެނެވުމުން އެ މައްސަލައަށް ވަރަށް ބޮޑަށް ލުއި ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެ އެވެ.

"ޖަޒީރާ 103"ބޯޓުގައި، ފަސޭހަކަމާއެކު، އެއްފަހަރާ ބޯޓުގެ ދެފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވެއެވެ. ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ، ފިނިކުރެވޭ މި ބޯޓުގައި މުޅި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެއެވެ.

މިފްކޯގެ މަސްކިރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި އެ ކުންފުނިން އަންނަނީ ސެންޓަރުތަކުގެ ފްރީޒިން އަދި ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި އިތުރު މަސްގަންނަ ސެންޓަރުތަކެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.