އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއަރ ލީގުގައި ވެލެންސިޔާ 0-2 އިން ރޭ ބަލިކޮށް، މުބާރާތުގައި ދެވަނަ މޮޅު ބުރު ސްޕޯޓްސްއިން ހޯދައިފިއެވެ.

ފުރަތަމަ ޑިވިޜަނުގައި އަލަށް ވާދަކުރަމުން އަންނަ ބުރު ސްޕޯޓްސް ފުރަތަމަ މެޗުގައި އީގަލްސް އަތުން ބަލިވިނަމަވެސް ދެވަނަ މެޗުގައި ޓީސީ އަތުން މޮޅުވިއެވެ.

ވެލެންސިޔާ ކޮޅަށް ބުރުގެ ފުރަތަމަ ލަނޑު ރޭ ކާމިޔާބުކޮށްދިނީ މުޙައްމަދު ތަޝްމީން (ތައްތި) އެވެ. މެޗުގެ 15 ވަނަ މިނެޓުގައި އޭނާ ފޮނުވާލި ހަމަލާ ވެލެންސިއާ ގޯލަށް ވަނީ ގޯލްކީޕަރު އާދަމް އިމްއާނުގެ އަތުގައި ޖެހިފައެވެ.

މުޅި މެޗް ކޮންޓްރޯލް ކޮށްގެން ކުޅުނު ބުރު ސްޕޯޓްސްއިން ލީޑު ފުޅާ ކުރީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ކެޕްޓަން އަހްމަދު ރަޝީދު (އައްމަޑޭ) އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ އައްމަޑޭއެވެ.

މާލީ މައްސަލަތުގެ ސަބަބުން އަނޑިއަޅާލާފައި އޮތް ވެލެންސިޔާއަށް އަދި މިސީޒަނުގައި މޮޅެއް ހޯދިފައެއް ނުވެއެވެ.