އިނގިރޭސި ގައުމީ ޓީމުން 2017 ވަނަ އަހަރު 19 އަހަރުންދަށުގެ ޔޫރޯ ޗެމްޕިއަންކަން ހޯދިއިރު ކެޕްޓަންކަން ކުރި ޑިފެންޑަރު އީސާ ސުލިމާން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ޕާކިސްތާން ތަމްސީލް ކުރުމުގެ ހުއްދަ ފީފާއިން އިއްޔެ އޭނާއަށް ދީފިއެވެ.

ޕާކިސްތާން ގައުމީ ޓީމު ތަމްސީލް ކުރުމުގެ ހުއްދަ ސުލިމާނަށް ލިބުނުކަން ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަނުންވެސް އިއްޔެ ވަނީ އިއުލާން ކޮށްފައެވެ. އައު ރޫހަކާއެކު ފުޓްބޯޅައިން ކުރިއަށް ދިޔުމަށް މަސައްކަތް ފަށާފައިވާ ޕާކިސްތާން ގައުމީ ޓީމަށް ސުލިމާނަށް ކުޅެވޭ ގޮތް ވުމަކީ އެގައުމަށް ލިބިގެންދާނެ ބޮޑު ހިތްހަމަ ޖެހުމަކަށް ވެގެންދާނެއެވެ.

ސުލިމާން،25، ވަނީ އިނގިރޭސި 20 އަހަރުންގެ ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. އޭނާއަކީ އިނގިރޭސި ގައުމީ ޓީމެއްގެ ކެޕްޓަންކަން ކުރި އޭޝިޔާ ދަރިކޮޅަށް ނިސްބަތްވާ ފުރަތަމަ ކުޅުންތެރިޔާއެވެ.

2017 ވަނަ އަހަރު ކުޅުނު 19 އަހަރުން ދަށުގެ ޔޫރޯގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން އިނގިރޭސިން 2-1 އިން މޮޅުވި މެޗުގައި ފުރަތަމަ ލަނޑުވެސް ޖެހީ ސުލިމާންއެވެ.

އެސްޓަންވިލާގެ އެކަޑަމީއިން ތަމްރީންތައް ހެދި ސުލިމާނަށް އިނގިރޭސި ޕްރިމިއަރ ލީގުގެ 2 މެޗެއްގައި އެސްޓަންވިލާ ސްކޮޑުގައި ހިމެނުނެވެ. މިވަގުތު ސުލިމާން ކުޅެމުން އަންނަނީ ޕޯޗުގަލްގެ ދެވަނަ ޑިވިޜަނުގެ ކްލަބެއް ކަމުގައިވާ ވިލަފްރެންކުއެންސްއަށެވެ.