މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު 539 މަގުމަތީ އެކްސިޑެންޓު ހިނގިއިރު އެ އެކްސިޑެންޓުތަކުގައި ވަނީ 77 މީހަކަށް އަނިޔާވެފައިކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު އާންމުކުރި މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި 539 އެކްސިޑެންޓުގެ ތެރެއިން 23 އެކްސިޑެންޓު ފިޔަވައި ބާކީ 516 އެކްސިޑެންޓު ހިނގާފައި ވަނީ މާލޭގައެވެ. އަދި އެމުއްދަތުގެ ތެރޭގެ އެއްވެސް އެކްސިޑެންޓެއްގައި އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

މި އަހަރުގެ ފުރަތަމަ ތިން މަހު ޓްރެފިކް ގަވާއިދާ ހިލާފުވި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ލައިސަންސް ނެތި ވެހިކަލް ދުއްވުމުގެ މައްސަލައެވެ. ލައިސަންސާ ނުލައި ދުއްވުމުގެ 824 މައްސަލަ އާއި ބާރަށް ވެހިކަލް ދުއްވުމުގެ 443 މައްސަލަ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި އަހަރުގެ ފުރަތަމަ ތިންމަސް ދުވަހު ވެހިކަލްތަކުގައި 10،617 ސްޓިކާ ޖަހާފައިވާއިރު އޭގެތެރެއިން އެންމެ ގިނައިން ސްޓިކާ ޖަހާފައިވަނީ ސައިކަލުތަކުގައެވެ.

ސްޓިކާ ޖެހި ވެހިކަލްގެ އަދަދު:

  • ސައިކަލު: 5093 ސްޓިކާ
  • ކާރު: 3978 ސްޓިކާ
  • ޕިކަޕު: 853 ސްޓިކާ
  • ވޭން: 475 ސްޓިކާ
  • ޖިޕު: 107 ސްޓިކާ
  • ޓްރަކް: 111 ސްޓިކާ

ތަފާސްހިސާބުތައް ދައްކާ ގޮތުން, ފުރަތަމަ ތިން މަސް ތެރޭ 614 ވެހިކަލެއް ވަނީ ޓޯކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 542 ސައިކަލު, 40 ކާރު, އަށް ޕިކަޕު, ހަތް ވޭން, 13 ބައިސިކަލް އަދި ތިން ބެޓެރި ސައިކަލުވެެސް ހިމެނެއެވެ.