އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރާލިކަމުގެ ތުހުމަތުގައި ފިރިމީހާ މާވިން އެސްވައިއާއި އޭނާގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ކުރާ ދައުވާގައި ހެކިބަސް ނެގުމުގެ އިތުރު އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ. މިއަޑު އެހުން އޮންނާނކ ކްރިމިނަލްކޯޓުގައި މާދަމާ ހެނދުނު 9:30 ގައެވެ.

މިމައްސަލައިގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އެ ދުވަހު ވަނީ ތަހުގީގުގައި ބައިވެރިވި ދެ އޮފިސަރެއްގެ ހެކިބަހާއި ލަމްހާގެ އެކުވެރިއެއްގެ ހެކިބަސް ނަގާފައެވެ.

ހެކިބަސް ނެގި ތިން މީހުން

  • މުހައްމަދު މުބީން (ލަމްހާގެ އެކުވެރިއެއް، ފުލުހެއް)
  • މަރިޔަމް ލައުޒާ (އޯގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ އޮފިސަރެއް)
  • އާދަމް މުހައްމަދު (ވީޑިއޯ އިމޭޖް އެނަލިސިސް ރިޕޯޓް ތައްޔާރުކުރި އޮފިސަރެއް)

މުބީން ދިން ހެކިބަހުގައި ބުނެފައިވަނީ މޭރީ މަރުވި ދުވަހު ލަމްހާ ހުރީ ވަރަށް ހިތްހަމަޖެހިގެން ކަމަށާއި އެދުވަހު ލަމްހާގެ މޫނުމަތިން ދެރަވުމުގެ ނުވަތަ މާޔޫސްކަމުގެ އަސަރެއް ނުފެންނަ ކަމަށެވެ. އަދި މޭރީގެ މަރަށް ފަހު ތަހުގީގަށް ވާނެ ގޮތް އެހުމަށް އެތައް ފަހަރަކު ލަމްހާ އޭނާއަށް ގުޅާފައިވާ ކަމަށްވެސް މުބީންގެ ހެކިބަހުގައި ބުނެފައިވެއެވެ.

މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް އުފުލާފައި ވަނީ ތިން ދައުވާއެކެވެ. އެއީ

  • އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން
  • އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ
  • ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ

ކުރިމިނަލް ކޯޓުގައި ގާޒީ ހުސައިން ފާއިޒު ރަޝާދު ބައްލަވާ މި މައްސަލައިގައި މޭރީ މަރާލިކަމުގެ ދައުވާ ސާބިތުކުރަން މާވިން އާއި ލަމްހާއާ ދެކޮޅަށް، 74 ޝަފައީ ހެކިންނާއި 36 ކިތާބީ ހެކި ހުށަހަޅާފައިވެއެވެ.