އެމެރިކާގެ އެންމެ ޒަމާނީ ހަނގުރާމަ މަތީ މަތިންދާ ބޯޓް ކަމުގައިވާ "އެފް-16" މަރުކާގެ އަސްކަރީ މަތިންދާބޯޓު ޔޫކްރެއިނަށް ފޮނުވަން އެމެރިކާގެ ރައީސް ޖޯ ބައިޑަން ހުއްދަ ދެއްވައިފިއެވެ.

ޖޯ ބައިޑަން ޔޫކްރެއިނަށް އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓު ފޯރުކޮށްދިނުމަށް ހުއްދަ ދެއްވީ ޖަޕާނުގެ ހިރޯޝީމާގައި މިހާރު ކުރިއަށްދާ ޖީ-7 ސަމިޓުގައެވެ. އެމެރިކާގެ އެހީތެރިކަމާއެކު މިސަމިޓުގައި ޔޫކްރައިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީވެސް ބައިވެރިވެވަޑައި ގަންނަވައެވެ.

އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވީ، އެފް-16 މަރުކާގެ އަސްކަރީ މަތިންދާބޯޓު ޔޫކްރެއިނަށް ފޮނުވުމުގައި އެމެރިކާގެ ސްޓޮކް ބޭނުން ނުކުރާނެ ކަމަށެވެ. ބަދަލުގައި އެފް-16 ބޯޓުތައް ޔޫކްރައިނަށް ފޮނުވާނީ ވިލާތު ގައުމުތަކުގައި ހުރި ސްޓޮކްތަކުންނެވެ.

ޔޫކްރައިނަށް އެފް-16 ވިއްކުމުގެ ޝައުގުވެރިކަން ނެދަލޭންޑްސް އާއި އިނގިރޭސިވިލާތުން އިއްޔެ ވަނީ ފާޅުކޮށްފައެވެ. އެކަމަކު ވިލާތުގެ އެހެން އެއްވެސް ގައުމަކުން އެފް-16 ޔޫކްރައިނަށް ވިއްކުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ.

އެމެރިކާގެ މިނިންމުމާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރުގެ ނައިބު އެލެގްޒެންޑަރ ގްރުޝްކޯ ވިދާޅުވީ އެފް-16 މަރުކާގެ މަތިންދާބޯޓު ޔޫކްރެއިނަށް ފޮނުވުމަކީ އެމެރިކާ އާއި ވިލާތުގެ ގައުމުތަކަށް ހެދޭނެ އެންމެ ބޮޑު ގޯހަށް ވެގެންދާނެ ކަމަށެވެ.

ރަޝިޔާއިން ޔޫކްރައިނަށް ހަމަލާ ދޭން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ރަޝިޔާއިން ބުނަމުން ދަނީ އަސްކަރީ ގޮތުން ޔޫކްރައިން އިނދަޖައްސާލަން ރަޝިޔާއަށް މަޖުބޫރުވީ އެމެރިކާއިން ބޭނުންވާ ގޮތަށް ވިލާތުގެ ގައުމުތަކާއި ގުޅިގެން ޔޫކްރައިނުގައި ރަޝިޔާއަށް ނުރައްކާވާ ގޮތަށް މިސައިލްތައް ބަހައްޓަން ޔޫކްރައިނުން މަސައްކަތް ކުރަމުންދާތީ ކަމަށެވެ. ރަޝިޔާއިން ވަނީ އެތައް ފަހަރެއްގެ މަތިން މިކަން ނުކުރުމަށް ޔޫކްރައިނަށް އިންޒާރު ދީފައެވެ.

ޔޫކްރައިނާއި ރަޝިޔާއާ ދެމެދު ހަނގުރާމަ ފެށުނުފަހުން އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު މިހަނގުރާމައިގައި ފަސްދޮޅަސް ދެހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ޔޫކްރައިނުގެ 17 މިލިޔަނެއްހައި މީހުން ވަނީ ގެދޮރުގެއްލި ހާލުގައި ޖެހިފައެވެ. ފައިސާއިން ބަލާނަމަ 411 ބިލިޔަން ޑޮލަރުގެ ގެއްލުން ޔޫކްރައިނަށް ރަޝިޔާގެ ހަމަލާތަކުގެ ސަބަބުން މިހާތަނަށް ވަނީ ލިބިފައެވެ.