ލިޔުނީ: ޖަޒްލާ މުހައްމަދު

ގދ. ތިނަދޫގައި ތޫނު އެއްޗަކުން ހަމަލާ ދީ ދިވެހި ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ ތިނަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލައެއް މިއަދު 13:50 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަނިޔާވި މީހާއަށް ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އަނިޔާ ލިބިފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާއަށް ކުރީ ރެއަކު އިންޒާރު ދީފައި ވާ ކަމަށާއި ހަމަަ އެރޭ ކަތިވަޅިއެއް ހިފައިގެން އައުމުން މި ޒުވާނާ އޭނަ ހުރިތަނުން ދުވެ ފިލީކަމަށްވެއެވެ.

ހަމަލަ ދީފައި ވަނީ ޒުވާނާގެ ބުރަކަށްޓަށް ކަމަށްވެއެވެ. ބުރަކަށީގެ ދެ ތަނަކަށް ތޫނު އެއްޗެއް ހަރާފައި ވާ ކަމަށާއި ފުންޒަހަމެއް ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ޒުވާނާ ދަންނަ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިއީ އަންހެންކުއްޖެއްގެ މައްސަލައެއްގައި ދިން ހަމަލައެއްކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ބެހޭގޮތުން އޮޅުންފިލުވުމަށް ތިނަދޫ ކައުންސިލް ރައީސް ސައުދު ވިދާޅުވި ގޮތުގައި މިފަދަ އެއްވެސް މައުލޫމާތެއް މިހާތަން ލިބިވަޑައިގެންފައި ނެތްކަމަށާއި އަދި ފުލުހުންވެސް މިފަދަ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވާ ކަމަށެވެ.