ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި އަނިޔާކުރި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، ހުޅުމާލޭގައި ފުލުހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ފުލުހަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ފުލުސް މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ނުދެއެވެ.

"މާރާމާރީއާ ގުޅިގެން ހަތަރު މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މާރާމާރީގެ މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ގްރޫޕަކުން މާރާމާރީ ހިންގައި އަނިޔާ ކޮށްފައިވަނީ ކުލަ ހެދުމުގައި ހުރި، އޮފް ޑިއުޓީގައި ހުރި ފުލުހަކަށެވެ.