ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގަން މިއަހަރަށް 85 މިލިޔަން ރުފިޔާގެ ބަޖެއްޓެއް ރޭ ފާސްކޮށްފިއެވެ.

އެފްއޭއެމްގެ ބަޖެޓް ފާސްކުރީ ރޭ ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ބައްދަލުވުމުގައި މެންބަރު ހުރިހާ ކުލަބެއްގެ އިއްތިފާގުންނެވެ.

"ބަޖެޓުގެ ބޮޑުބައެއް ހަރަދުވާނީ ޓުވާޑްސް ފިއުޗާއަށް. ޒުވާން ކުޅުންތެރިން އުފެއްދުމަށް. އަދި އެކަޑަމީތަކަށް. އަޅުގަނޑުމެންނަށް ލަފާކުރެވެނީ މިއަހަރު 83 މިލިޔަން ހަރަދުވާނެ ކަމަށް" ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

މިޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ކޮވިޑަށްފަހު ޕްރައިވެޓް ސެކްޓަރއިން ސްޕޮންސަރ ހޯދަން ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށެވެ. "ކޮވިޑަށްފަހު އަމިއްލަ ފަރާތްތަކުން ސްޕޮންސަރ ހޯދަން އުނދަގޫވަފައި މިއޮތީ. ދިވެހި ޕްރިމިއަރ ލީގްވެސް މިސްޕޮންސަރ ކުރީ އެމްޑަބިލިއުއެސްސީއިން. އަޅުގަނޑު ދެކެނީ މިއީ ރަނގަޅަށް އެޅުނު ފިޔަވަޅެއް ގޮތުގައި" ބައްސާމް ވިދާޅުވިއެވެ.

މިދިޔަ އަހަރު އެފްއޭއެމްއިން ކަނޑައެޅީ 88 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އަހަރު ނިންމާލީ 6 މިލިޔަން ރުފިޔާގެ ދަރަންޏާއެކުއެވެ. ބައެއް ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ނުލިބިގެން އެފަރާތްތަކުން ވަނީ ނިމިދިޔަ އަހަރު ފައިސާ ހޯދުމަށް ކޯޓުތަކަށް މައްސަލަ ވައްދައި ކާމިޔާބު ހޯދާފައެވެ.

މިދިޔަ އަހަރުވެސް ބޮޑު ބަޖެޓެއް ފާސްކުރިނަމަވެސް އަހަރުގެ ބޮޑުބައެއް ސީޒަން ކުރިއަށް ނުގެންގޮސް ދުވަސްތަކެއް ބޭކާރުވެގެންދިޔައީއެވެ. މިހާރު ސުވާލަކީ ބޮޑު ބަޖެޓަކާއެކު އެފްއޭއެމްއަށް ފުޓްބޯޅައިން މިއަހަރު ހާސިލް ކުރެވޭނީ ކޮންކަމެއްތޯއެވެ.