ލިޔުނީ: ޖަޒްލާ މުހައްމަދު

ސިޔާސީ މަގާމުތަކުގައި ތިބޭ ބޭފުޅުންނަށް އުމްރާ އަދި ހައްޖު ޗުއްޓީ ތައާރަފް ކޮށްފި އެވެ.

ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސިޔާސީ ބޭފުޅުން އަމަލު ކުރަންވީ ގޮތް އަލުން ބަދަލު ކުރުމަށްފަހު މިއަދު ނެރުނު ގެޒެޓުގައި އިއުލާން ކޮށްފައިވާ ގޮތުން މިހާރު ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ހައްޖު އަދި އުމްރާ ގެ ދެ ޗުއްޓީ ލިބޭނެއެވެ.

މިއަދު ގެޒެޓު ކުރި "ސިޔާސީ މުވައްޒިފުންގެ ގޮތުގައި ރައިސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު" ގައި ހިމަނާފައިވާ ގޮތުން ސިޔާސީ ބޭފުޅުންނަށް އުމްރާއަށް ދިޔުމަށް 15 ދުވަސް ހަމަޖެހިގެން ދާނެއެވެ. އަދި ހައްޖަށް ދިޔުމަށް 35 ގެ ޗުއްޓީއެއް ލިބިގެން ދާނެއެވެ.

ސިވިލް ސާވިސް މުވައްޒަފުން ހައްޖަށް ދާ ފުރަތަމަ ފަހަރު ނަމަ ސިވިލް ސާވިސް ގަވައިދުގެ ދަށުން ޗުއްޓީއެއް ލިބެ އެވެ.

ނަމަވެސް އޭގެ ފަހުން ހައްޖަށް ދާން ނުވަތަ އުމްރާއަށް ދާން ބޭނުންނަމަ، ދެވޭނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ނަގައިގެން ކަމަށް ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސް އައްޔަން ކުރާ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލުގައި ހިމަނާފައިވެއެވެ.