ހުޅުމާލޭގައި ފުލުހެއްގެ ގައިގާ ތަޅާ އަނިޔާކޮށް ޒަހަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން 21 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް، 32 އަހަރުގެ މީހާގެ ބަންދަށް 5 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ދީފައެވެ. އަދި 42 އަހަރާއި 44 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް ޖަހާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަނިޔާވި ފުލުސް މީހާ އެވަގުތު ހުރީ އޮފް ޑިއުޓީގައި ކުލަ ހެދުމުގައެވެ. ހުޅުމާލޭގައި އަނިޔާލިބިފައިވާ ފުލުސް މީހާއަށް އެވަގުތު ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސްމީހާއަށް ހަމަލާ ދީފައި ވަނީ މާލޭގެ ކޮންމެވެސް ހިސާބަކަށް ނިސްބަތްވާ ގޭންގަކުން ކަމަށް ވެއެވެ.