ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު (ހަސަންބެ)، މަރާލި މައްސަލައިގައި ކުށް ސާބިތުވެގެން އުމުރު ދުވަހަށް ޖަލަށްލާފައިވާ ދެ މީހުންގެ ތެރެއިން އަހުމަދު ނައުޝާދު ޕެރޯލްގެ ދަށުން ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނީ ގ. އިރުފާ އަހްމަދު ނައުޝާދަށް ޕެރޯލް ފުރުސަތު ލިބިފައި ވަނީ ޕެރޯލްގެ ފުރުސަތަށް އެދި ހުށަހެޅުމުން ކަމަށެވެ. އަދި ޕެރޯލަށް ފުރިހަމަ ވާން ޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވުމުން، ޕެރޯލް ބޯޑުން ނައުޝާދު މުޖުތަމައަށް ނެރެފައި ވަނީ ވަކި މުއްދަތަކަށް ޝަރުތުތަކެއް ކޮށްފައި ކަމަށެވެ. ނައުޝާދު މުޅިން މިނިވަން ވާނީ އެ މުއްދަތުގައި އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ޝަރުތުތަކެއް ފުރިހަމަ ކުރުމުން ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެއެވެ.

ހަސަންބެގެ މަރުގެ މައްސަލައިގައި އުމުރަށް ޖަލަށް ލުމަށް ދަށު ކޯޓުން ހުކުމް ގ. އިރުފާ މުހައްމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލަށް ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުއެވެ.

މައްސަލަ އެ ދެމީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ކްރިމިނަލް ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަަމަށް ނިންމާފައި ވަނީ 2017 ވަނަ އަހަރުއެވެ.

އުމުރުން 65 އަހަރުގެ ހަސަން އަބޫބަކުރު މަރާލާފައި އޮއްވާ ފެނުނީ 2012 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ހަސަންބެ ފެނުނު އިރު އޮތީ އަނގަމަތީގައި ޓީޝާޓެއް އަޅާފައެވެ. އަދި އިންސިއުލޭޝަން ޓޭޕުން ދެ އަތްވެސް ބަދެފައެވެ.

2012 ވަނަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ ރޭ، ހިތްފަސޭހަގެއިން ވައްކަން ކުރުމަށް ރާވައި، ހަސަންބެ ނިދާފައި އޮއްވައި އެ ގެއަށް ވަގަށް ވަދެ ހަސަންބެ ރަހީނުކުރީ އަހުމަދު ނައުޝާދާއި މުހައްމަދު ފައިސަލް ގެ އިތުރުން އަދި އެހެން ދެމީހަކާވެސް އެކުގައެވެ. މިމީހުންގެ މައްޗަށް ކުރި ދައުވާގައި ހަސަންބެގެ އަނގަމަތީގައި މުހައްމަދު ފައިސަލް ޓީޝާޓެއް އަޅައި، ލޯމަތީގައި ބާލީހެއް އެޅި ކަމަށް ބުނެފައި ވެއެވެ. އަދި އަހުމަދު ނައުޝާދާއި އިތުރު މީހަކު ވެގެން އިންސިއުލޭޝަން ޓޭޕުން ހަސަންބެގެ އަތްފައި ބަނދެ، އޭނާ ރަހީނުކުރި ކަމަށް ވެސް ވެއެވެ. އެ މީހުންގެ މައްޗަށް ދައުވާކުރީ، ހަސަންބެ މަރުވީ އެމީހުންގެ އެ އަމަލުގެ ސަބަބުން ކަމަށް ބުނެއެވެ.

ހަސަންބެގެ މަރާ ގުޅިގެން ނައުޝާދާއި ފައިސަލްގެ އިތުރުން ދައުލަތުން ދައުވާކުރި ކުޑަކުއްޖާގެ މައްސަލައިގައި ޖުވެނައިލް ކޯޓުން ހުކުމް ކުރީ އެކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.