މީހަކު މަރާލަން އުޅުނު ކަމުގެ ތުހުމަތަށް ހޯދަމުން ދިޔަ އިބްރާހިމް އަބްދުﷲ (ގައްބަރޭ)، އޭނާ ހޯދަމުންދާތާ ހަފުތާއެއް ފަހުން އަމިއްލަ އަށް ފުލުސް އޮފީހަށް މިއަދު ހާޒިރުވުމުން ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

ގައްބަރޭގެ ބަންދަށް 30 ދުވަސް ޖަހައިދިނީ ކްރިމިނަލް ކޯޓުން މިއަދުއެވެ. އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާންމު ކުރީ މީގެ ހަފްތާއެއްހާ ކުރިން، މި މަހުގެ 15 ވަނަ ދުވަހުއެވެ.

ގައްބަރޭ އަކީ ރާއްޖޭގައި ހިނގާފައިވާ ބައެއް މަރުގެ މައްސަލަތަކުގައި ވެސް ޝާމިލުވާ މީހެކެވެ. އޭނާ އަކީ 2007ވަނަ އަހަރު ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހ. ކުބުރާ އަލީ އިޝާރު މަރާލުމުގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގުގައި އިއުތިރާފް ވެފައިވާ މީހެކެވެ.

އަދި އޭނާ ހޯދަން އިއުލާނު ކޮށްފައިވަނީ މިމަހު އެއްވަނަ ދުވަހު، ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށް, ފަސް މީހުންގެ ގްރޫޕަކުން މެންބަރު ޒަރީރަށް ހަމަލާދީ އަވަހާރަ ކޮށްލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.