ހުޅުމާލޭގައި އެސް.ޓީ.އޯ.އިން ތަރައްޤީކުރި ހޮޓާ ގަތުމަށް 4 ފަރަތަކުން ޝައުޤުވެރިކަން ފާޅުކޮށްފި

0
އެސް.ޓީ.އޯ އިން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ސިޓީ ހޮޓާ

އެސްޓީއޯއިން ހުޅުމާލެގައި އިމާރާތްކުރަމުންދާ ފައިވްސްޓާ ހޮޓާ ގަތުމަށް ރާއްޖެއިން ބޭރުގެ ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

މިއަދު އެސް.ޓީ.އޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މިހާދު ވިދާޅުވީ، ހުޅުމާލޭގައި އެސްޓޯއިން އިމާރާތްކުރަމުން އަންނަ ހޮޓާ ގަތުމަށް މިހާތަނަށް ރާއްޖެއިން ބޭރުގެ 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައި ވަނީ އެންމެ 5 ފަރާތަކުން ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ދިވެހި އެންމެ ކުންފުންޏެއް ކަމަށެވެ.

މިހާދު ވިދާޅުވީ ޝައުގުވެރިކަން ފާޅުކުރުމަށް ހުޅުވާލި ފުރުސަތު މިހާރު ހަމަވެފައިވުމުން އެސްޓީއޯގެ ހޮޓާ ގަތުމުމުގެ ބީލަމުގައި ދެން ފުރުސަތު ލިބޭނީ ފުރިހަމަ ލިޔެކިޔުންތައް ހުށަހަޅާފައިވާ ފަސް ކުންފުންޏަށް އެކަނި ކަމަށެވެ. އެކަމާއި ގުޅިގެން ކުންފުނިތަކާއި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށާއި އަންނަ އޭޕްރިލް މަހުގެ ތެރޭގައި ހުރިހާ ކަމެއް ނިމޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

Advertisement

އެސްޓީއޯއިން ހުޅުމާލޭގައި ހަދަމުން އައި ހޮޓަލަށް އިންވެސްޓް ކުރުމަށް ނުވަތަ ގަތުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުލުވާލާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިދިޔަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓޯއީން ބުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަަހާއި ހަމައަށް އިމާރާތުގެ ބޮޑުބައެއް ވަނީ ނިމިއެވެ. އަދި ބާކީއޮތީ އިންޓީރިއާ ފާނިޝިންގެ މަސައްކަތްތައް އެކަނި ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފަސްތަރީގެ ފެންވަރަށް 8 ބުރިއަށް އަޅާ މިހޮޓަލުގައި ސްޓޭންޑަޑް ކިންގް ގެސްޓްރޫމާއި، 24 ސްޓޭންޑަޑް ޓްވިން ރޫމާއި 27 ޑިލަކްސް ރޫމުގެ އިތުރުން ފަސް ސްޓީޑިއޯ ރޫމު ހިމެނެއެވެ. އޭގެ އިތުރުން އޯލް ޑޭ ޑައިނިންގް ރެސްޓޯރަންޓަކާއި، މަދުވެގެން އެއް ސްޕެޝަލްޓީ ރެސްޓޯރަންޓާއި، ހަފްލާތައް ބާއްވާ މާލަމަކާއި ޝޮޕިންގް ސަރަހައްދެއް ހިމެނޭނެކަމަށް އެސްޓީއޯއިން ބުނެއެވެ.

އަދި 40 މީޓަރުގެ ޕޫލަކާއި، މޫދުކުޅިވަރު ކުޅެވޭނެ އިންތިޒާމާއި ޕާކިންގް އޭރިއާއާއި ސްޕާއެއް އަދި ޖިމެއް ހުންނާނެ ކަމަށްވެސް އެސްޓޯއީއިން ވަނީ ބުނެފައެވެ.

2011 ވަނަ އަހަރު މަސައްކަތް ފެށި މިހޮޓަލުގެ އިމާރާތުގެ ބޮޑު ބައި މިހާރު ނިމިފައިވީ ނަމަވެސްް މަސައްކަތްތައް ހުއްޓިފައިވާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

Advertisements