ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން، އެމްޑީޕީގެ 50 މެމްބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލިހަށް ހުށައެޅި މައްސަލަ ކުރިއަށް ގެންދާނެކަމަށް މަޖިލީހުން އަންގައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އީވާ ވަކި ކުރަން އެމްޑީޕީން ނިންމީ އެ ޕާޓީން ވަކިވުމަށް ފަހު "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.

މަޖިލީހުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައިވާކަމަށާއި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން މެންބަރު އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލިހަށް ހުށަހެޅި ޕެޓިޝަންގައި އެޕާޓީގެ މާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ 6 މެމްބަރަކު ސޮއި ކުރައްވާފައި ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ބަޔާންކުރާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުން ސޮޔާއެކު ހުށައަޅުއްވާ ޤަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއެވެ.

އަދި ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް، އެމަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓާއެކު ފާސްވެގެންނެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ. މިއީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ހަމަވާ ޢަދަދެކެވެ.

މަޖިލީހުގައި މިހާރު އެމްޑީޕީގެ 55 މެމްބަރުން ތިއްބަވައެވެ.