މާތްވެގެންވާ ޞަޙާބީން ވަނީ ވެރީންނަށް އެއްޗިހި ކިޔުން މަނާކުރައްވާފައިއެވެ.

0

ވެރީންނަށް އެއްޗިހި ކިއުމަކީ ފިތުނައިގެ ދޮރުތަކުގެތެރެއިންވެސް އެންމެ ބޮޑު ދޮރެވެ. އެހެނީ ވެރީންނާއި ރައްޔިތުންގެ ގުޅުން ކުޑަވެއްޖެނަމަ ދުނިޔަވީ އެންމެހައި ދާއިރާތަކަށް އެކަމުގެ އަސަރު ފޯރާނެއެވެ. އެކަން ދޭދޭ ޤައުމުތަކުގެމެދުގައި އޮންނަ ގުޅުމުގެ ސަބަބުން އެޤައުމުތަކުގެ ޢާއްމު މަސްލަޙަތަށް އަންނަ ބޮޑެތި ބަދަލުތަކުން ހާމަވެގެން ދާނެއެވެ. ބައެއް ޤައުމުތަކަށް ވިސާނެތިވެސް އެބަދެވެއެވެ. އެއީ އޮންނަ އިތުބާރާއި ގުޅުމެއްގެ ސަބަބުންނެވެ. އަނެއްބައިގައުމުތަކަށް ވިސާހޯދަން އެހާ އުނދަގުލެވެ. އެއީ ގުޅުން ހީނަރުވުމުންނެވެ. ހަމަ އެފަދައިން ޢާއްމު ރައްޔިތުން ކުރާ ކަންތައްތަކަށްވެސް ވެރީންނާއި ރައްޔިތުންގެ ގުޅުމުން އަސަރުކުރާނެއެވެ.

މިހެން ކަން ހުރީތީ ސަހްލުބިން ޢަބްދިﷲ އައްތަސްތުރީ ވިދާޅުވަނީ: “ވެރިންނާއި ރައްޔިތުންގެ ގުޅުން ރަނގަޅުވުމަކީ އެތަނެއްރަނގަޅުގޮތުގައި ވުމުގެ އަސްލެވެ. (އަމަން އަމާންކަމާއި ސުލްޙަމަސަލަސްކަން ދެމިގެންވާ އުފާވެރިބައެއްގެ ގޮތުގައި ދެމިތިބުމުގެ އަސްލެވެ).

Advertisement

އެހެންވެ ޢަބްދުﷲ ބިން ޢައްބާސް ޙައްޖާޖް ބުން ޔޫސުފަށް އެއްޗިހިކިޔުން މަނާކުރެއްވިއެވެ. އޭނާގެ ނުބައިކަމުގެ ވާހަކަތަކަކީ އެއީ ކޮޅުން ނުލާހާ ގިނަ ވާހަކަ ތަކެކެވެ. އެހެނަސް އެވާހަކަ ދެއްކުން މަނާކުރެއްވީ އެކަމުގެ ނަތީޖާ ނުބައިވާނެތީއެވެ.

ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވެފައިވެއެވެ:”ތިމަންނަ ދައްޖާލަށްވުރެ ބޮޑަށް ބިރުގންނަނީ ތިޔަބައިމީހުންގެ ބޮޑެތިމީހުންގެ ފަރާތުން ތިޔަބައިމީހުންނަށް ދިމާވާނޭ ކަންތައްތަކަށެވެ، ވީމާ ތިޔަބައިމީހުންގެ ތެރެއިން އަންހެނަކަށްވިޔަސް އަދި ފިރިހެނަކަށްވިޔަސް އެދުވަސް އަތުވެއްޖެނަމަ ހަނުހިމޭންވާށެވެ، ހަނުހިމޭންވާށެވެ، މިއަދު ތިމަން މިވަނީ ސުންނަތުގެ މަތީގައެވެ”.(އައްނަސީޙާގެ 30ވަނަ ޞަފްޙާ). މިބަސްތަކަކީ ޢިލްމީ ނޫރުން ފުރިފައިވާ ބަސްތަކެކެވެ. ޙިކުމަތުން ފުރިފައިވާ ބަސްތަކެކެވެ. މިއާއި އެއްގޮތަށް ޢަމަލް ކޮށްފިނަމަ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެކަން ކަށަވަރެވެ.

ހަމައެފަދައިން ޢަބްދުﷲ ބިން ޢުމަރު ޔަޒީދުބިން މުޢާވިޔާއަށް އެއްޗިހިކިޔައި ބަޣާވާތްކުރުން މަނާކުރިއެވެ. ގާތްތިމާގެ މީހުން އެއްކުރައްވައި އެންމެނަށްވެސް އެފިތުނައިން ސަލާމަތްވެތިބުމަށް ގޮވައި މާތް ރަސޫލާގެ ޙަދީޘްތައް އަޑުއިއްވިއެވެ. ސަލަފުއް ޞާލިޙުންގެ އެއްވެސް ޢިލްމުވެރިއެއްގެ ފަރާތުން ވެރީންނަށް އެއްޗިހިކިޔުމަށް އައިސްފައިވާ އެއްވެސް ބަހެއް އެއްވެސް މީހަކަށް ނުލިބޭނެއެވެ. އެބައިމީހުން އެންމެންވެސް ވާހަކަދައްކާފައިވަނީ ބިދުޢަވެރީންނަށް ތަޙުޒީރުދިނުމާއި ބޮޑެތިފާސިގުކަންތައް ފާޅުގައި ކުރާމީހުންނަށް ތަޙްޒީރުދިނުމާއި އެބައިމީހުންގެ ނުބައިކަން މީސްތަކުންނަށް ފާޅުކުރުމާއި ބެހޭގޮތުންނެވެ. ވެރީންނަށް އެއްޗިހި ކިޔޭނެކަމަށް އެއިން އެއްވެސް ބޭފުޅަކު ވިދާޅެއްނުވެއެވެ.

Advertisements