މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި މީހަކު ހޯދުމަށް ފުލުހުން އިއްޔެ އިއުލާންކުރި އިބްރާހީމް ސަމީން، (34އ) އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި ރ. މަޑުއްވަރީ ދެތަނޑިމާގެ، ސަމީން ފުލުހުން ހޯދީ، މެއި 2 ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައެވެ.

މި މައްސަލައަކީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައެކެވެ.