އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުންޏެއް އުފައްދައިފި

0
ބޯހިޔާވަހިކަމުގެ އަގު ތިރިކުރުމަށް ސަރުކާރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން – ފޮޓޯ – ޕީ.އެސް.އެމް. ނިވްސް

ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް “ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް އުފެއްދެވުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ހާމަކޮށްފައިވާ ގޮތުގައި “ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް”ގެ ނަމުގައި ސަރުކާރުގެ ހިއްސާވާ ކޯޕަރޭޝަނެއް އުފެއްދެވުމަށް ރައީސުލް ޖުމްޙޫރިއްޔާ މިއަދު ނިންމެވީ، އިކޮނޮމިކް ކައުންސިލުގެ ލަފާފުޅާއި އެކުގަ އެވެ. އަދި އެ ކުންފުންޏަކީ އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން އުފައްދަވާ ކުންފުންޏެކެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދާނީ އެ ކޯޕަރޭޝަނުގެ ދަށުން ކަމަށާއި، ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަޝްރޫއުތައްވެސް ހިންގާނީ އެ ކޯޕަރޭޝަނުގެ ދަށުންކަމުގައި ވަނީ ހާމަކޮށްފަ އެވެ.

Advertisement

ރައީސް އޮފީހުން މައުލޫމާތު ދީފައިވާގޮތުން އެ ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފަށާފައިވާ ހައުސިންގް ނީޑްސް އެސެސްމަންޓަށް ރިޢާޔަތް ކުރެވިގެން، އަދުލުވެރި އަދި އިތުބާރުހިފޭ އުސޫލުތަކެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭއިރު، ފަހި ދިރިއުޅުމެއް އުޅެވޭނެފަދަ މާޙައުލެއް ޤާއިމުކުރުމަށް ބޭނުންވާނެ ވަސީލަތްތައް ހަމަޖައްސައިދިނުމަކީވެސް ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް “ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް” އުފެއްދުމަށް ރައީސުލް ޖުމްހޫރިއްޔާ ނިންމެވި އިރު، ރައީސްގެ ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވަނީ ބޯހިޔާވަހިކަމުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލޭގައި އިތުރު 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މިގޮތުން އެކި ރަށްރަށުގައި މި އަހަރު އަލަށް ހަދާ 550 ހައުސިންގ ޔުނިޓްގެ މަސައްކަތް، ބީލަމަށް ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ކުރިން މަސައްކަތް ފަށައި ނުނިމި ހުރި، 1،500 އަށްވުރެ ގިނަ ހައުސިންގ ޔުނިޓް މަސައްކަތް ނިންމާނެކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Advertisements