މިއަދު އުވާލުމަށް ނިންމާފައިވާ އެމްއާރުއެމްގެ އެއްވެސް ދަރަންޏެއް ވާނަމަ އެކަން އެކޮމިޝަނަށް އެންގުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ޤާނޫނު ނަންބަރު 2013/4 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.

އެހެންކަމަށްވުމުން، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ޕާޓީގެ ދަރަންޏެއްވާނަމަ އެކަން އެ ކޮމިޝަނަށް އެންގުމަށްޓަކައި ވަނީ އިއުލާން ކޮށްފައެވެ. އަދި އެފަދަ ދަރަންޏެއް ވާނަމަ އެ ކޮމިޝަނުގެ 3322241 ނަންބަރަށް ގުޅުމަށް ވަނީ އަންގާފައެވެ. ނުވަތަ މެއިލް އެޑްރެސް: [email protected] އަށް މެއިލަކުން އެންގުމަށް އިއުލާނުގައި ވެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ރައީސް ފާރިސް މައުމޫން ވިދާޅުވީ ޤާނޫނުގައި ބުނާ އަދަދަށް އެމްއާރުއެމްގައި މެންބަރުން ހަމަނުވާކަމަށް ދެކެވަޑައިގަންނަވާތީ، އެޕާޓީ އުވާލެއްވުމަށް، އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ ކަމަށް މިއަދު ވަނީ އެމްއާރުއެމަށް އަންގާފައި ކަމަށެވެ. އަދި މި ދަނޑިވަޅުގައި އެމް.އާރް.އެމްގެ ލޮބުވެތި މެންބަރުން ކެތްތެރިކަމާއެކު އެ ޕާޓީއާއެކު ދެމިތިބުމަށް ފާރިސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާ މި ނިންމެވުމަކީ، ކޮރަޕްޝަންގެ ނާޖާއިޒު ނުފޫޒު އެކުލެވިގެން، ޤާނޫނީ ތަރަހައިން ބޭރުން ނިންމަވާފައިވާ، ޒިންމާދުރުކަން ކުޑަ ނިންމުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ފާރިސް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ފާރިސް ވިދާޅުވެފައިވަނީ އީސީން މިގޮތަށް ނިންމެވުމުން އެއިން އަންގައިދެނީ ޤައުމުގައި ފަސާދައާއި ކޮރަޕްޝަންގެ ވަކި ހިތްޕާލާފައިވާ މިންވަރު ކަމަށެވެ. އޭގެ އިތުރުން އެއިން ދައްކުވައިދެނީ ޤައުމުގައި ޤާނޫނު ހިންގުމަށް ނުކުޅެދިފައިވާ މިންވަރު ކަމަށްވެސް ވިދާޅުވެފައިވެއެވެ.