ބިދޭސީންނާގުޅޭ ބައެއް ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

1
ބިދޭސީންގެ ކަންކަން ހައްލަކުރުމަށް އިމިގްރޭޝަނުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން

ބިދޭސީން ގެނައުމަށް ހުއްދަ ދޫކުރުމާ ގުޅޭ ބައެއް ކަންކަން އިމިގްރޭޝަނުން ވަކިކޮށް، އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކޮށްފިއެވެ. ނަމަވެސް ޕާސްޕޯޓްގައި ވިސާ ޖެހުމާއި ވޯކްޕާމިޓް ދޫކުރާނީ އިމިގްރޭޝަނުން ކަމަށް ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ބިދޭސީންގެ ހުރިހާ ކަމެއް އިމިގްރޭޝަނުން ބަލަހައްޓާއިރު އަންނަ މާޗް މަހުން ފެށިގެން ބިދޭސީންނާ ގުޅޭ ގިނަ ޚިދުމަތްތަކެއް ދޭނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ. އެއީ ބިދޭސީންގެ ކަންކަމުގައި އިމްގްރޭޝަނުން ހިންގާ ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅެކެވެ.

ހަނަފީ ވިދާޅުވީ ބިދޭސީންނާ ގުޅޭ އާ އުސޫލާ އެކު އިމިގްރޭޝަނުން ބަލަހައްޓަމުން ގެންދާނީ ވިސާ ޖެހުމާއި ވޯކްޕާމިޓްގެ ކަންކަން ކަމަށެވެ. ކޯޓާ ދޭނީ އިކޮނޮމިކް މިނިސްޓްރީންނެވެ.

Advertisement

މިހާރާ ހިލާފަށް ދެ މުއައްސަސާއަކުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމުން އެކަން ދެފުށް ފެންނަ ގޮތަށް ކަންކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“އޭރުން އަޅުގަނޑުމެންގެ މަސައްކަތްތަކަށް އަޅުގަނޑުމެނަށް ފޯކަސް ކުރެވޭނެ. އަދި އެބޭފުޅުންގެ ދާއިރާ އަށް އެ ބޭފުޅުންނަށް ފޯކަސް ކުރެވޭނެ. ދެތަނަކުން ކުރުން ރަނގަޅީ ވެސް،” މި ސަރުކާރާ އެކު އިމިގްރޭޝަނާ ހަވާލުވެވަޑައިގެންނެވި ހަނަފީ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް:

ރާއްޖެ އަށް އެތެރެވާ ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރެޖިސްޓްރީ ވުމުގެ ކަންކަން، ކޯޓާ ދޫކުރުން، އެންޕްލޯއިމެންޓް އެޕްރޫވަލް ދިނުން، ވިސާ ޑިޕޮސިޓް ފީ ބަލައިގަތުން އަދި ރީފަންޑްކުރުން.

ހަނަފީ ކުރިން ވިދާޅުވެފައި ވަނީ ބިދޭސީން ގެންނަން ޤަވައިދާ ހިލާފަށް އިމިގްރޭޝަނުން ގިނަ ކޯޓާތަކެއް ދޫކޮށްފައިވާ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް އެ ވިޔަފާރިތަކާ އެކަށީގެން ނުވާހާ ގިނަ އަދަދުތަކުން މީހުން ގެންނަން ހުއްދަ ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ކަންކަން ބަލަހައްޓާ އިމިގްރޭޝަންގެ ކޮންޓްރޯލާ ވިދާޅުވީ އެ މުއައްސަސާގެ ބައެއް ޒިންމާތައް އެހެން ތަނަކަށް ބަދަލު ކުރެވުމުން އެތަނުން ދޭ ހިދުމަތްތައް ފުޅާކުރުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެންމެ ކުރީގެ ގޮތަށް މިހާރު ވެސް ދެމުން އަންނަ ހިދުމަތްތައް ޒަމާނީ ކުރުމަށާއި އަތޮޅުތެރެއިން ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އިމިގްރޭޝަންގެ ތެރޭގައި ކޮރަޕްޝަން އިތުރުވެ ގަވައިދާހިލާފަށް އުޅޭ ބިދޭސީން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެކަން ހައްލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބައެއް ހިދުމަތްތައް ބަދަލު ކުރީ އެކަން ހައްލު ކުރުމަށްކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Advertisements

1 COMMENT

  1. ތިޔައީ އެހާ ރަނގަޅު ކަމެއް ނޫން. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮންޓްރޯލާރއަށް އިތުބާރު ނުކުރެވޭތީ ފައްޔާޒަށް ހަވާލު ކުރީ

Comments are closed.