އެއްވެސް އިރެއްގައި އީވާ ޢަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސަކަށް ގެންނަން ބޭނުންނުވާ ކަމަށް ހުޅުމާލޭ ދާއިރާގެ މަޖިލީސް މެމްބަރ ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ނާއިބު ރައީސަކަށް އީވާ ގެންނަން ބޭނުންނުވިޔަސް ރައީސަކަށް ގެންނަން ބޭނުންވި ކަމަށެވެ.

އެގޮތަށް ބޭނުންވީ ވަރަށްގިނަ ސަބަބުތަކާހެދި ކަމަށާއި އެ ސަބަބުތައް އީވާއަށް ކިޔައި ދެއްވި ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަކީ އެއްވެސް އިރެއްގައި އިވާ މަޖްލިސް ނައިބް ރައީސްކަމަށް ގެންނަން ބޭނުންވި މީހެއްނޫން. އަޅުގަނޑު އީވާގެ ކިބައިން އެދުނީ މަޖްލިސް ރައީސް ކަމަށް އައުމަށް. ވަރަށް ގިނަ ސަބަބުތައް އޮތީމަ. އެކަން އިވާ އަށް ކިޔާދިނިން،" ޢަލީ ނިޔާޒު ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އޭރުވެސް ތަބާވީ ޕާޓީގެ މެޖޯރިޓީ އަށް ކަމަށެވެ. އަދި މިފަހަރުވެސް ތަބާވީ އެގޮތަށް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޢަލީ ނިޔާޒު މިހެންވިދާޅުވީ ޢަލީ ނިޔާޒަށް ޑިމޮކްރަސީގެ ތިއާރީ ނޭނގޭ ކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވުމުންނެވެ.

އީވާ މަގާމުން ވަކިކުރުމަށް ސޮއިކުރި މެމްބަރުންގެ ތެރޭގައި ޢަލީ ނިޔާޒު ވެސް ހިމެނެއެވެ.