މަޝްހޫރު މެންޗެސްޓަރ ޔުނައިޓެޑުގެ ޔޫތު އެކަޑަމީގައި 10 އަހަރު ވަންދެން ތަމްރީން ހެދި މިޑްފީލްޑަރު އޯޓިސް ޚާން، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ޕާކިސްތާން ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނައިފިއެވެ.

މީގެ ކުރިން 2015 އަދި 2018 ވަނަ އަހަރުވެސް ޕާކިސްތާނުން ޚާން އެގައުމުގެ ގައުމީ ޓީމުގައި ހިމަނައިގެން މެޗުތަކެއް ކުޅުވުމަށް މަސައްކަތް ކުރުވިއެވެ. އެކަމަކު އޭރު ޚާން ، އިންގްލެންޑް ތަމްސީލް ކުރުމުގެ ވިސްނުން އޮތުމުން، ޕާކިސްތާނަށް ކުޅެން އެއްބަސް ނުވީއެވެ. އެކަމަކު އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބަކުން ޖާގަ ނުލިބި ދަށް ޑިވިޜަންތަކުގައި ކުޅެން ޖެހޭތީ އިނގިރޭސި ގައުމީ ޓީމުން ޚާނަށް ޖާގަ ނުލިބޭކަން މިހާރު ޔަގީންވެފައިވާތީ ޕާކިސްތާން ގައުމީ ޓީމު ތަމްސީލް ކުރުމަށް ނިންމީއެވެ.

ޕާކިސްތާން ގައުމީ ޓީމް ތަމްސީލް ކުރުމުގެ ހުއްދަ ފީފާއިން ޚާނަށް ދިނީ އޭނާގެ ބައްޕަ ފަރާތު ކާފަ ޕާކިސްތާނަށް ނިސްބަތްވާތީއެވެ.

ޚާން މިހާރު ކުޅެމުން އަންނަނީ އިނގިރޭސި 4 ވަނަ ޑިވިޜަނުގެ ގްރިމްސްބީ ޓައުންއަށެވެ. 24 ޓީމު ވާދަކުރާ ހަތަރު ވަނަ ޑިވިޜަނުގައި ގްރިމްސްބީ އޮތީ 11 ވަނައިގައެވެ.

ގްރިމްސްބީއަކީ މިސީޒަނުގައި އިނގިރޭސި އެފްއޭ ކަޕުން، ޕްރިމިއަރ ލީގުގެ ސައުތެމްޓަން ކަޓުވާލި ޓީމެވެ. އެފްއޭ ކަޕުން ގްރިމްސްބީ ކެޓީ ޕްރިމިއަރ ލީގުގައި މިސީޒަނުގައި ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ ބްރައިޓަން އަތުން 5-0 އިން ބަލިވުމުންނެވެ.

ޚާންއަކީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާން ސްކޮޑުގައި ހިމެނި، އިންގްލެންޑަށް ނިސްބަތްވާ 3 ވަނަ ކުޅުންތެރިޔާއެވެ. އަނެއް 2 ކުޅުންތެރިންނަކީ ގްރީސްގެ ދެވަނަ ޑިވިޜަނުގައި ކުޅެމުން އަންނަ އެޓޭކިންގ މިޑްފީލްޑަރު އާދިލް ނަބީ އާއި އިނގިރޭސި 19 އަހަރުން ދަށުގެ ގައުމީ ޓީމުން 2017 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރިއިރު އެޓީމުގެ ކެޕްޓަންކަން ކުރި މިޑްފީލްޑަރު އީސާ ސުލިމާންއެވެ.