ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަރަނބޫދޫ ބަނދަރު ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައިފިއެވެ.

ދަރަނބޫދޫ ބަނދަރު އިފްތިތާހުކޮށް ދެއްވާފައި ވަނީ ރައީސް މިއަދު ފ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދަރަނބޫދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒުނާ އަހުމަދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، މިއަދު މެންދުރުފަހު ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރަށްވާ ރަސްމީ ދަތުރުފުޅުގައި އެއަތޮޅު ދަރަނބޫދޫއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުންގެ ފަރާތުން ރައީސްގެ ދެކަނބަލުންނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދަރަނބޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދަރަނބޫދޫ ރައްޔިތުންނާއިވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް ކުރަށްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެއެވެ.

ދަރަނބޫދޫ އަކީ ނިލަންދެ އަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. ފުރަތަމައަށް ވަޑައިގެންނެވީ ފ އަތޮޅު ނިލަންދުއަށެވެ.