ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ ދައުވާގައި 25 އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރުމަށްފަހު މިނިވަންވެފައިވާ، އަހުމަދު ނާސިރު (ސަގަރު ނާސިރު)، "ދަ ޑިމޮކްރެޓްސް" އަށް ސޮއިކޮށްފިއެވެ.

ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާފައިވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އިލެކްޝަނުން ދިނުމާއިއެކު މާލެ އާއި އަތޮޅު ތެރޭގެ ރަށްތަކުގައި ކުރިއަށް ގެންދާ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މެމްބަރުން ހަމަ ކުރުމުގެ ތެރެއިން، ނާސިރު ސޮއި ކޮށްފައި ވަނީ މާލޭގެ ބޮޑިބަތް ޕާކުގައި ސޮއި ކުރުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިންނެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހު ތިނެއްގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކީ ސ. ހިތަދޫ ޕެރިސް ހޮލިޑޭ، އަޙުމަދު ނާސިރު ކަމަށް ތުހުމަތު ކުރެވުނެވެ. އަދި ދައުލަތުން ދައުވާ އުފުލައި 25 އަހަރުގެ ހުކުމެއް ކުރުމުން ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު މިނިވަންވެފައި ވަނީ 2014ވަނަ އަހަރުގެ ޖުލައި މަހު ގައެވެ.

2009 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި، ބޭސް ފަރުވާގެ ނަމުގައި ސަގަރު ނާސިރު ވަނީ ސްރީ ލަންކާ އަށް ފޮނުވާފައެވެ. ނާސިރު ޖަލުން ފިލުމުން އޭރުގެ ސަރުކާރުން ބުނީ ބޭސް ފަރުވާއަށް ފޮނުވުމުން ފިލީ ކަމަށެވެ. ނާސިރު އަނބުރާ ޖަލަށް ގެންދެވުނީ 2012 ވަނަ އަހަރުޑރ.މުހައްމަދު ވަހީދުގެ ވެރިކަމުގައެެވެ. ނާސިރު މިނިވަން ކޮށްފައިވަނީ އޭގެ ފަހުންނެވެ.

ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ އެގާރަ ބޭކަލުންނާއެކު 19 ދިވެހިން ޝަހީދުވެގެން ދިޔަ ނޮވެމްބަރު ތިނެއްގެ އުދުވާނަށް މިއަދު މިވަނީ 35 އަހަރު ވެފައެވެ.