ސަރުކާރުން އަމާޒު ހިފާފައި ވަނީ މި ދައުރުގެ ތެރޭގައި މަގޫދޫ އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅަށް ފެށްޓެވި ރަސްމީ ދަތުރުފުޅުގައި ފ. މަގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވައި، ރޭ މަގޫދޫގެ ރައްޔިތުން ހުށައެޅުއްވި ކަންކަމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން އޮތީ، މަގޫދޫ ބަނދަރު ސަރަޙައްދުގައެވެ.

މި ބައްދަލުކުރެއްވުމުގައި މަގޫދޫ ރައްޔިތުން ވަނީ، މިވަގުތަށް އެރަށު ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާއި، އަދި ދަތިވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރައްވާފައެވެ. މިގޮތުން މަގުތައް ހެދުމާއި ގުޅޭގޮތުންނާއި، ތަޢުލީމީ ދާއިރާއިންނާއި ސިއްޙީ ދާއިރާއިން މިވަގުތަށް އިސްކަންދިނުމަށް ރައްޔިތުން ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ހިމެނެއެވެ.

މި މަޝްރޫއުއަކީ 231.54 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން 1800 މީޓަރ ދިގު ރަންވޭއެއް ހެދުމާއި، ޕަސެންޖަރ ޓާރމިނަލް އިމާރާތެއް ހެދުމާއި، ފަޔަރ ސްޓޭޝަން ހެދުމާއި، ސަލާމަތީ ވަސީލަތްތައް ގާއިމު ކުރުމާއި، ނެވިގޭޝަން އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުމުގެ އިތުރުން މެޓް އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން އަދި ގްރައުންޑް ހޭންޑްލިންގ އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން ހިމެނެ އެވެ. މި އެއާޕޯޓް ތަރައްގީ ކުރަނީ ޕްރައިވެޓް ޖެޓްތައް ވެސް ޖެއްސޭ ގޮތަށް އެއރޕޯޓް ބޮޑުކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މަގޫދޫގައި އެއާޕޯޓެއް ތަރައްގީ ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.