އިޖުތިމާއީ ޚިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމް ލިބިވަޑައިގަތުމަކީ ކުޑަކަމެއް ނޫނެވެ. މިފަދަ އިނާމަކީ އެތައް ދުވަހެއްގެ މަސައްކަތުން ހާސިލް ކުރެވޭ ފަޚުރުވެރި އިނާމެކެވެ.
މިފަހަރު މި އިނާމް ލިބިވަޑައިގެންނެވި އެއްބޭފުޅަކީ ގދ. ތިނަދޫ، ފަތިސް ސައުދުﷲ ހިލްމީ އެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ސައުދުﷲ އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރައްވަން ފަށްޓަވާފައިވަނީ 1992 ވަނަ އަހަރުއެވެ. އެހިސާބުން ފަހަތަށް ބެއްލެވުމެއްނެތި އޭނާ ވަޑައިގެންނެވީ ކުރިއަށެވެ. ނަތީޖާއަކީ ހިތްވަރު ދިނުމުގެ ފަޚުރުވެރި އިނާމު ލިބިވަޑައިގެންނެވުމެވެ. ސައުދުﷲ އަށް މަރުހަބާ ދަންނަވަމެވެ. ދާއިރާގައި އިތުރަށް ކުރިއަށް ވަޑައިގެންނެވުމަށް ހިތްވަރު ދެމެވެ.
އިޖުތިމާއީ ދާއިރާގައި އޭނާ ޚިދުމަތް ކުރައްވަން ފެއްޓެވީ ތިނަދޫ މަސްވެރިންގެ ރޫހުގެ އާންމު މެމްބަރެއްގެ ގޮތުގައެވެ. ފަހުން އޭނާ ވަނީ އެޖަމިއްޔާގެ ނާއިބު ރައީސް ކަމާއި ވައިސް ޗެއާމަން ކަމާއި އޮނަރަރީ ޗެއާމަން ކަން ކުރައްވައިފައެވެ. އޭނާވަނީ 2016 ވަނަ އަހަރާ ހަމައަށް އެ ޖަމިއްޔާ މެދުވެރިކޮށް ތިނަދުއަށް އެކިއެކި ޚިދުމަތް ކުރައްވައިފައެވެ.
މުހިންމު ދާއިރާތަކުން އޭނާގެ ޚިދުމަތް ވަނީ ތިނަދުއަށް ލިބިފައެވެ. ޚާއްސަކޮށް ކުޅިވަރާއި ތަޢުލީމީ ދާއިރާ ފާހަގަ ކޮށްލެވެއެވެ. އޭނާ ވަނީ 1995 ވަނަ އަހަރު އަމިއްލަ ޚަރަދުގައި ތިނަދުއަށް ފުޓުބޯޅަ ކޯޗެއް ގެނެސްފައެވެ. ލަންކާއިން އެ ކޯޗު ގެނައުމުގެ ބޭނުމަކީ ޒުވާނުންނަށް ފުޓުބޯޅައިގެ ޒަމާނީ ހުނަރު ދަސްކޮށްދީ ތަމްރީން ކުރުމެވެ. އޭގެ ނަތީޖާއަކީ 1996 ވަނަ އަހަރު އަތޮޅުތަކަށް ޚާއްސަ ކޮށްގެން އެފްއޭއެމް އިން ބޭއްވި ފުޓުބޯޅަ މުބާރާތާއި، ޒޯން މުބާރާތާއި، މާލޭގައި ބޭއްވި ފައިނަލް ބުރުގެ ޗެމްޕިއަންކަން ތިނަދޫ މަސްވެރިންގެ ރޫހު ހޯދުމެވެ. އޭރު އެޓީމުގެ މެނޭޖަރަކަށް ހުންނެވީ ސައުދުﷲ އެވެ.
މީގެ އިތުރުން އޭނާ ވަނީ ބެޑުމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި މަސައްކަތް ކުރެއްވި ދުވަސްވަރު ބެޑުމިންޓަން ތަރައްގީކޮށް އެކުޅިވަރު އަތޮޅުތެރެއަށް ފުޅާކުރުމަށް މަސައްކަތް ކުރައްވައިފައެވެ.
މީގެ އިތުރުން މާލޭގެ ތަފާތު ސްކޫލްތަކުގެ ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމިއްޔާތަކުގައި އިސްކޮށް މަސައްކަތް ކުރައްވައި އެތައް ޚިދުމަތެއް ވަނީ ކޮށްދެއްވައިފައެވެ. ބައެއް ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން އަމިއްލައަށް ޚަރަދު ކުރައްވައިގެން އެވޯޑު ވެސް ދެއްވާފައިވެއެވެ.
ކުދިންގެ ހިތްތަކުގައި ކިރީތި ގުރުއާނަށް ލޯބިޖައްސައި ޤުރުއާން ކިޔެވުމުގެ ރޫހު އާލާ ކުރުމަށް އޭނާ ގެންދަވަނީ މާލެއާއި ތިނަދޫގައި ޤުރުއާން ކުލާސްތަކެއް ހިންގަވަމުންނެވެ. އެއީ ވިނަވި ޤުރުއާން ކުލާހާއި އިޔާރު ޤުރުއާން ކުލާހާއި އަސާސް ޤުރުއާން ކުލާހެވެ. ތިނަދޫގައި ހިންގަވަނީ ވިނަވި ޤުރުއާން ކުލާހާއި ވިނަވި ޓިޔުޝަން ސެންޓަރެވެ. މީގެ އިތުރުން ސައުދުﷲ ވަނީ އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯ އަސާސް، ވިނަވި އިޔާރު (އިއުފަވި) 2011 ވަނަ އަހަރު އުފައްދަވާފައެވެ. އޭގެ އިތުރުން އެޖަމިއްޔާގެ މަސްއޫލުވެރިކަމުގެ ދަށުގައި އިންސްޓިޓިއުޓު ސްޓަޑީޒް އުފައްދަވައި އެތަނުން މީހުން ބިނާކޮށް މުޖުތަމައަށް ވެސް ނެރެދެއްވައިފައެވެ.
މީގެ އިތުރުން މަސީގެ ބޯޑު މެމްބަރެއްގެ ހައިސިއްޔަތުން އޭނާ ވަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއާ ބެހޭ މައުލޫމާތު އޭނާގެ ތަޖުރިބާގެ އަލީގައި މާލެއާއި އަތޮޅުތަކުގެ ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ފޯރުކޮށްދެއްވައިފައެވެ. އަދި ކުދިންގެ ހިތްތަކުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.
ގައުމީ އިނާމް ލިބިވަޑައިގެންނެވުމުން ސައުދުﷲ ހުންނެވީ އުފަލުންނެވެ. އޭގެ ސަބަބުން އޭނާއަށްވަނީ ހަގީގަތުގައި ވެސް ހިތްވަރު ލިބިވަޑައިގެންފައެވެ. މި އިނާމަކީ ދާއިރާގައި އިތުރަށް ޚިދުމަތް ކުރުމަށް އޭނާއަށް މަޖުބޫރުވީ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނު އިނާމެކެވެ.
"ގައުމީ އިނާމް ލިބުމުން ވަރަށް އުފާ ވެއްޖެ. އިރާދަކުރެއްވިއްޔާ ޚިދުމަތުގައި ދެމި ހުންނާނަން. އަދި އިޖުތިމާއީ ކަންކަމުގައި އުޅެނީ ވަރަށް އުޅޭހިތުން ހިތްހަމަޖެހުން ލިބޭތީ އެކަމުން،" ސައުދުﷲ ވިދާޅުވިއެވެ.