ފ. އަތޮޅުގެ ރައްޔިތުން ސަރުކާރާ މެދު ފާޅުކުރެއްވި އިޙްލާޞްތެރި ޝުޢޫރުތަކަށާއި ދެންނެވި ހޫނު މަރުޙަބާއާއި ދެއްވި މެހެމާންދާރީއަށް ފަށްފަށުން ޝުކުރު ދަންނަވަން. ފ. އަތޮޅުގެ ރައްޔިތުން ތަރައްޤީއަށް އިތުރަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމުގައި މި ސަރުކާރުން ދެމިތިބޭނަން.

އައިސް ޕްލާންޓްތައް ހިންގުން ފެނަކައާ ހަވާލުކުރުމުގެ ނަތީޖާ ރަނގަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފ. ފީއަލީގައި ފެނަކައިން އިމާރާތްކުރި އައިސް ޕްލާންޓާއި، އިންޖީނުގެއާ އޮފީސް އިމާރާތް މިއަދު މެންދުރުފަހު ހުޅުވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އައިސްޕްލާންތުތައް ހިންގުން ސަރުކާރުން ފެެނަކައާ ހަވާލުކުރީ އެކަމާ ގުޅޭ މަޝްވަރާތައް ކުރުމަށްފަހުގައި އެއީ އެންމެ ރަނގަޅު ގޮތްކަމަށް ވާތީކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ފެނަކައާ ޙަވާލުކޮށްފައިވާ ހުރިހާ އައިސް ޕްލާންޓްތަކަކުންވެސް މަސްވެރިންނަށް މިހާރު އައިސް ލިބެމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އައިސް ޕްލާންޓުތައް ހިންގުމުގެ އިތުރުން ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އެކުންފުނީން ކުރިޔަށް ގެންދާނޭ ކަމަށެވެ. ފެެނަކައިގެ މަސައްކަތްތައް ފާހަގަކޮށް ރައީސް ވަނީ އެކުންފުނީގެ މުވައްޒަފުންނަށްޝުކުރު އަދާކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ފީއައްޔަކީ މަސްވެރިރަށެއްކަމަށާއި، މަސްވެރިކަމުގެ ދާއިރާއަށް މިސަރުކާރުން ކުރިއެރުންތަކެއް ހޯދައިދީފައިވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލަސްތަކެއް ނުވެ މަހުގެ އަގަށް ހެޔޮ ބަދަލެއް ގެނެވޭނޭ ކަމަށެވެ. ރައީސް ވިދާޅުވީ މުސްތަގުބަލުގައި ވެސް ފީއަލީގައި އިތުރު މަޝްރޫޢުތައް ހިންގަވާނޭ ކަމަށެވެ. އެގޮތުން އެރަށުގެ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫޢު ފެށުމަށް ޖަހަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް މިހާރު އެމްޓީސީސީން ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ފީއަލީގެ މަޝްރޫއުތައްވެސް ހިންގޭނީ ފީއަލީގެ ރައްޔިތުން ބޭނުންވާ ގޮތް ސާފުކޮށްގެން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

ފީއަލީގައި މިއަދު ހުޅުވީ އައު އިންޖީނުގެއާއި އޮފީސް އިމާރާތަކީ، ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތްކުރެވިފައިވާ ޒަމާނީ ތަނެކެވެ. އައު އިންޖީނުގޭގެ އޮފީސް އިމާރާތުގައި އެއްފަހަރާ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެއެވެ.

ފެނަކައިން އެރަށުގައި ބެހެއްޓި އައިސްޕްލާންޓަކީ، 25 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ ޖާގަހިމެނޭ ޕްލާންޓެކެވެ.