ފުޓްބޯޅައިގެ ދުނިޔެ ސިއްސުވާލުމަށްފަހު އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަންކަން 2016 ވަނަ އަހަރު ހޯދި ލެސްޓާ ސިޓީ އިނގިރޭސި ޗެމްޕިއަންޝިޕަށް މިރޭ ރެލިގޭޓް ވެއްޖެއެވެ.

ލެސްޓާ ސިޓީ، ޗެމްޕިއަންޝިޕަށް ރެލިގޭޓްވީ ލީގް ފަހު މެޗުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓްހޭމް އަތުން 2-1 އިން މޮޅިވިނަމަވެސް، ތާވަލުގެ 17 ވަނައިގައި އޮތް އެވަޓަން މިރޭ 1-0 އިން ބޯންމައުތު އަތުން މޮޅުވުމުންނެވެ. ރެލިގޭޝަނުން އެވަޓަން ސަލާމަތްކޮށްދިނީ އުބްދުލަޔޭ ޑޫކޯއެވެ. ލެސްޓާ ސިޓީ އޮތީ 18 ވަނައިގައެވެ. އެވަޓަންއާ ލެސްޓާ ސިޓީއާ ދެމެދު އޮތީ 2 ޕޮއިންޓް ފަރަގެކެވެ.

ލީޑްސް ޔުނައިޓެޑް ރެލިގޭޓްވީ ލީގް ފަހު މެޗުގައި ޓޮޓެންހަމް އަތުން 4-1 އިން ބަލިވެ، ލީގުގެ 19 ވަނައިގައި އޮވެގެންނެވެ. ޓޮޓެންހަމް އަތުން މޮޅުވުން މަޖުބޫރު މެޗަކަށް މިރޭ ލީޑްސްއިން ނިކުތީ 6 ޑިފެންޑަރުން ލައިގެންނެވެ. އެކަމަކު 6 ޑިފެންޑަރުންނާއި ލީޑްސްގެ ކީޕަރު ފޫއަޅުވާލަން ޓޮޓެންހަމްއަށް ނެގީ އެންމެ 2 މިނެޓެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ. ކޭން ވަނީ 69 ވަނަ މިނެޓުގައި ދެވަނަ ލަނޑެއްވެސް ކާމިޔާބު ކޮށްފައެވެ. ޓޮޓެންހަމްއަށް ދެން ލަނޑުޖަހައިދިނީ ޕެޑްރޯ ޕޮއްރޯ އާއި ލޫކަސް މޯރާއެވެ.

ލެސްޓާ ސިޓީ އާއި ލީޑްސްގެ އިތުރުން ޗެމްޕިއަންޝިޕަށް ދެން ރެލިގޭޓްވީ ސައުތެމްޓަނެވެ. ލީގް ފަހު މެޗުގައި ސައުތެމްޓަނުން ވަނީ ވާދަވެރި ލިވަޕޫލްއާ 4-4 އިން އެއްވަރު ކޮށްފައެވެ.