އޯލެވެލް ގެ ނަތީޖާގައި ފަސް މާއްދައިން ފާސް ވާ ކުދިންގެ އަދަދު ދަށް ނުވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރި ސުވާލަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ.

މިހާރު އަޑު ފެތުރެމުންދާ ވާހަކައަކީ ނިމިގެންދިޔަ އަހަރުގައި އޯލެވެލް ހެދި ކުދިންގެ ތެރެއިން 50 ޕަސެންޓު ކުދިން ފަސް މާއްދައިން ފާސްނުވާ ވާހަކަ ކަމަށް އާޒިމް ވިދާޅުވިއެވެ. މިކަން ސާފުކޮށް ދިނުމަށް އާޒިމް ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ކިބައިން އެދިފައެވެ.

އާޒިމް ގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވިއެވެ. "ފާސްނުވާނެހެން ހީވާކުދިން ބާކީކޮށް ފާސްވާނެހެން ހީވާކުދިން ހިމަނައިގެން އޭރު ކަލްކިއުލޭޓް ކޮށްފައި ހުންނަނީ. އެހެންވެ އޭރު ޕަސަންޓޭޖްތައް ބޮޑުކޮށް ފެންނަނީ. އެހެންނަމަވެސް އަޅުގަނޑުމެން ސަރުކާރަށް އައިސް ބަދަލުތަކެއް ގެނައީ. އަޅުގަނޑުމެންނަށް ވިސްނުނީ ކުދިންގެ ހާލަތު، އެޑިއުކޭޝަންގެ އަސްލު މައްސަލަ އެނގިގެންނޭ އެއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ހޯދޭނީ. އެހެންވެ އަޅުގަނޑުމެން 2019 ގެ ފަހުކޮޅުގައި ނިންމި ކަމަކީ ހުރިހާ ކުދިން ފަސް މާއްދާ ހަދަން ޖެހޭނެ. މަޖުބޫރު ކުރީ،"

އެހެންކަމުން ކުރިން ފެނިގެން ދިޔައީ ފަސް މާއްދައިން ފާސްވާ ކުދިންގެ އަދަދުން ނޫންކަމަށްވެސް ވިދާޅުވިއެވެ. އަދި 2019ގެ ކުރިން ފަސް މާއްދާއިން ފާސްވާ ކުދިންގެ އަދަދު ބަލަމުން ދިޔައީ ދަސްވާރަކީ ތިން މާއްދާގެ ގޮތުގައި އަދި ބީޓެކްއަކީ ހަތަރު މާއްދާގެ ގޮތުގައިކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ފަހު ކޮޅުން ފެށިގެން އެ ގަވާއިދު އުވާލައި، ކޮންމެ ކުއްޖެއްވެސް މަދުވެގެން ފަސް މާއްދާ ހަދަން ޖެހޭ ގޮތް ހެދިކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ސެޓްފިކެޓްތައް ހަދައިފަ ތިބި ކުދިންނަށް އެއްވެސް ގޮތަކަށް ސެޓްފިކެޓްދޭން ހަޔާ އެޑިއުކޭޝަނުން އެއްބަހެއް ނުވި، އެއީ އުސޫލުތަކާ ހިލާފަށް އެކަން ގެންގޮސްފަ އޮތީމަ، ދަސްވާރު ކިޔަވައިދޭ އިންސްޓްރަކްޓަރު ވާންޖެހޭނީ ވަކި ވަރެއްގެ ކޮލިފިކޭޝަން ހުންނަ ބޭފުޅަކަށް، ނަމަކަށް ކަމެއް ކުރާގޮތަށް ހަމަ ކޮންމެ މީހެއް ލައްވާ އަދި އެއްޗެއް ކިޔަވައިދިނޭ ކިޔައިފަ ކިޔަވައިދިނަސް އަޅުގަނޑުމެންނަށް ސެޓްފިކެޓް ދެވޭނެ އުސޫލެއް ނޯވޭ، އެހެންވީމަ އެ ޕްރޮގްރާމް އެގޮތަށް ކުރިއަށް ނުގެންދެވޭނެތީ އަޅުގަނޑުމެން ހުއްޓާލީ،" މިނިސްޓަރު ވިދާޅުވިއެވެ.

"ދަސްވާރު ކަހަލަ ޕްރޮގްރާމެއްނޫން މިކުރިއަށް ގެންދަނީ، ކުދިން ބާކީ ކޮށްގެން ގްރޭޑް އަށެއް ނިންމާއިރަކަށް އަޅުގަނޑުމެން ނުބުނަން އާ މީނާއަކަށް ނުކިޔެވޭނެއެކޭ ވޮކޭޝަނަލް ކޯހަކަށް ދާށެކޭއެއް، އަޅުގަނޑުމެން މިހާރު މި ކަންތައް ކުރާގޮތަކީ ހުރިހާ ކުދިންނަށް ފައުންޑޭޝަން ސްޓޭޖުން ފެށިގެން ހަމަ އެކުއްޖާ ގްރޭޑް 10 އާ ހަމައަށް ދަންދެން މަސައްކަތްތެރިކަމުގެ ކޯހެއް ކިޔަވާނީ، އެހެންވީމަ ސްކޫލުން ނިކުންނަ ކޮންމެ ކުއްޖަކީ އެކަޑަމިކް ކޮލިފިކޭޝަން، އެޓްލީސްޓް ފަސް މާއްދާ ކޮންމެ ކުއްޖެއްގެ އަތުގައި އޮންނާނެ، އަދި ހަމަ އެކުއްޖާ އަތުގައި ކޮންމެވެސް މަސައްކަތެއް ދަސްވެފައި އޮތްކަމުގެ ސަނަދުވެސް އޮންނާނެ،،"