އާޖެންޓީނާގައި މިހާރު ކުރިއަށްދާ ފީފާ ވިހި އަހަރުން ދަށުގެ ވަރލްޑް ކަޕުގެ ދެވަނަ ބުރުގައި ރޭ ނިއުޒީލެންޑުގެ މައްޗަށް 4-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދައި އެމެރިކާ މުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ހޯދައިފިއެވެ.

މިމެޗުގައި އެމެރިކާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ ދެވަނަ ހާފުގެ ފަހު ތިރީސް މިނެޓުގައެވެ. އެމެރިކާއިން ލީޑް ނެގީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އޮވެން ވޮލްފް ކާމިޔާބު ކުރި ލަނޑުންނެވެ. ދެވަނަ ލަނޑު 61 ވަނަ މިނެޓުގައި ކޭޑް ކޮވެލް ކާމިޔާބު ކޮށްދިންއިރު ތިންވަނަ ލަނޑު ޖަސްޓިން ޗޭ ކާމިޔާބު ކޮށްދިނީ 75 ވަނަ މިނެޓުގައެވެ. ހަތަރުވަނަ ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕޮކަސް ޕޮކްސްޓަސްއެވެ.

ދެވަނަ ބުރުގައި ރޭ ކުޅުނު ދެވަނަ މެޗުގައި އިސްރޭލުން ވަނީ އޭޝިޔާގެ އުޒްބެކިސްތާނުގެ މައްޗަށް 1-0 އިން ކުރި ހޯދައި ކުއާޓާއަށް ދަތުރު ކޮށްފައެވެ. އިސްރޭލުން ލަނޑު ޖެހީ ފުރިހަމަ ވަގުތު ހަމަވިއިރު ދެގައުމު އެއްވަރުވެފައި އޮތުމުން އިތުރަށް ކުޅުނު ފަނަރަ މިނެޓުގެ ދެހާފުގެ ތެރެއިން ފުރަތަމަ ހާފުން 7 ވަނަ މިނެޓުގައެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ އަނާން ޚަލައިލީއެވެ.

ކުރިން ފީފާއިން މިމުބާރާތް ބާއްވަން ނިންމީ އިންޑޮނޭޝިޔާގައެވެ. އެކަމަކު އިންޑޮނޭޝިޔާއިން އިޒްރޭލް ގައުމީ ޓީމު އެގައުމަށް އެތެރެވާން ހުއްދަ ނުދިނުމުން އެހެން ގައުމެއްގައި މުބާރާތް ބާއްވަން ފީފާއަށް މަޖުބޫރުވީއެވެ. އިޒްރޭލަކީ ފަލަސްތީނުގެ ބިންތައް އަޅުވެތިކޮށްގެން ތިބި ސަހްޔޫނީ ދައުލަތެކެވެ.