ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކޮށް، ދައުވާ އުފުލާފައިވާ ސ. މަރަދޫ ފޭދޫ ރަށްދެބައިގެ، އިބްރާހިމް ފައިހު، ހައްޔަރުކުރަން އުޅުމުން ފޮރުވައިގެން ގެންގުޅުނު މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިރޭ ބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 14 ދުވަހުގެ ރޭ 12:35 އެހާކަން ހާއިރު އިއްޒުއްދީން މަގުގައި ހުންނަ ކެފޭ ޑި ޕަބްލިކް ތެރޭގައި ބަޔަކު މާރާމާރީ ހިންގައި، އެތަނުގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައިގެ ތުހުމަތުކުރެވޭ ފައިހު ކޯޓު އަމުރެއްގެ ހައްޔަރުކުރުމަށްޓަކައި އޭނާ ހޯދާ ނުފެނިގެން، ފެބްރުއަރީ މަހުގެ 15 ދުވަހު މީޑިއާ މެދުވެރިކޮށް ފުލުހުން އިއުލާންކޮށްފައި ވަނިކޮށް ބަޔަކު ފައިހު ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅުނު ކަމަށެވެ.
މި މައްސަލާގައި ދައުވާކުރަނީ ލ. ގަން، ތުނޑި ނެވާކޯން އަބްދުﷲ ޖުނައިދު އަދި ރ. ކަނދޮޅުދޫ ފީރޯޒުގެ، މުހައްމަދު ޝަބީންގެ މައްޗަށެވެ. އޭގެއިތުރުން ބުނީ އެދެމީހުންގެ މައްޗަށް ކުރާ ދައުވާ އަކީ ކުށެއް ކޮށްފައިވާ މީހަކު ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި، ކުށްކޮށްފައިވާ މީހާ ތަނެއްގައި ބެހެއްޓުމުގެ ކުށުގެ ދައުވާ ކަމަށެވެ. ނަމަވެސް ފައިހުވަނީ މާޗް 12 ވަނަ ދުވަހު އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
ފައިހުގެ މައްޗަށް ޕީޖީން އޮފީހުން ދައުވާކޮށްފައިވަނީ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާގެ ޝަރީއަތް ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ފަށައިފައެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދައުލަތުން ފައިހުގެ މައްޗަށް ކުރަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އަދި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.
އަދި މި މާރާމާރިއާ ގުޅިގެން ހ.ދިއްގާމާގެ، އާލީ ފާރިޝް އާއި، މއ.އާދިއްޕަރު، މާއިން މުހައްމަދު އާޒިމްވެސް ވަނީ ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ކުރުމަށް މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.