އައްޑޫ މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ، ޒަހަމްކޮށްލި މީހާ މަރުވެއްޖެއެވެ. މިޒުވާނާ މަރުވީ ހަމަލާގައި ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހެރުމާ ގުޅިގެން ލިބުނު ސީރިއަސް ގެއްލުންތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

މި ހާދިސާގައި މަރުވީ އެ އަވަށު ބްލޫ ސްޓާ އަހުމަދު ޝުއައިބް، 27، އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާ އަށް ހަމަލާ ދިނީ އޭނަގެ ކޮއްކޮ އެވެ. މިދެބެއިންގެ މެދުގައި މާރާމާރީ ހިންގީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށްވެއެވެ.

މި މާރާމާރީގައި ޒަހަމްވި މީހާ މަގުމަތީގެ ޕޭވްމަންޓް މައްޗަށް ވެއްޓިފައި އޮންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ތޫނު އެއްޗަކުން ވަރަށް ބޮޑަށް ޒަހަމްކޮށްލުމުން، ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މީހާ އޮތީ ލެއިން ތަތްތެޅިފައެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ލިބުނީ 12:00 ޖަހަން އުޅެނިކޮށް ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.