ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒީމާ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެކްލަބު ދޫކޮށްލަން ނިންމާފައިވާ ކަމަށް ފުޓްބޯޅައިގެ ޚަބަރުތައް ގެނެސްދިނުމަށް މަޝްހޫރު ގޯލް.ކޮމް އިން ރިޕޯޓް ކުރުމުން ރެއާލްގެ ސަޕޯޓަރުންނަށް ބޮޑު ހައިރާންކަމެއް ލިބިއްޖެއެވެ.

މީގެ ދެސީޒަން ކުރިން ފެށިގެން ރެއާލް މެޑްރިޑުގެ ކެޕްޓަން ކަމުގެ ޒިއްމާ ނަގަމުން އަންނަ ބެންޒީމާ، ރެއާލް ދޫކޮށްލަން ނިންމާފައިވާކަން އިއުލާން ކުރުމަށްޓަކައި މިރޭ ނޫސްވެރިންނާ ބައްދަލު ކުރާނެ ކަމަށްވެސް ގޯލް.ކޮމް އިން ވަނީ ރިޕޯޓް ކޮށްފިއެވެ.

ރެއާލްއާއެކު ބެންޒީމާ ހަދާފައިވާ އެއްބަސްވުން މިމަސް ނިމުމުން ހަމަވާނެއެވެ. އެއްބަސްވުން އާކުރުމުގައި މިހާތަނަށް ރެއާލް އާއި ބެންޒީމާއަށް އެއްބަސްވެވިފައި ނުވާއިރު، ފްރީ ޓްރާންސްފާއެއްގައި ބެންޒީމާ ފެނުމުގެ ފުރުސަތު މިހާރު އޮތީ ސައުދީ ލީގުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބެންޒީމާ، ރެއާލްއާ ގުޅުނީ މީގެ 14 އަހަރު ކުރިންނެވެ. ބެންޒީމާއަކީ ރެއާލްގެ ތާރިހުގައި އެކްލަބު ދުށް އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މިދިޔަ އަހަރު ހޯދީވެސް ބެންޒީމާއެވެ.