މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އޮފީހުން، މިރޭވެސް ރާއްޖޭގެ ބޮޑުބަަޔަކަށް ހުދު ސަމާލު ނެރެފިއެވެ،

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ މިރޭ 23:30 އިން މިރޭ ފަތިހު 5:00 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، މޫސުމާބެހޭ އިދާރާއިން ވަނީ މިރެެއިން ފެށިގެން ކުރިއަށް ދެ ދުވަހު ރާއްޖޭގެ ބައެއް ސަރަޙައްދުގައި ޢާންމު ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރައްވާފައެވެ.

އަދި ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރި ކަމުގެ ފިޔަވަޅުއެޅުމަށްވެސް މެޓުންވަނީ އިލްތިމާސް ކުރައްވާފައެވެ.